އެމެރިކާ އަންހެން ޓީމުގެ ކޯޗުކަމުން ވަކިވި އެލިސް.-- ފޮޓޯ: އޭއެފްޕީ
31 ޖުލައި 2019 - 13:08
ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 31) - ޖެހިޖެހިގެން ދެ ފަހަރު އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު އެ ޓީމުގެ ކޯޗު ޖިލް އެލިސް މަގާމުން ވަކިވެއްޖެ އެވެ.
މި މަހު ކުޅުނު އަންހެން ވޯލްޑް ކަޕް ފައިނަލްގައި ޔޫރަޕްގެ ގަދަބާރު ނެދަލެންޑްސްގެ މައްޗަށް އެމެރިކާ އިން ކުރިހޯދީ 2-0 އިންނެވެ. އެލިސްގެ ކޯޗުކަމުގައި ނުކުމެ 2015 ވަނަ އަހަރު އެމެރިކާ އިން އަންހެން ވޯލްޑް ކަޕްގެ ތަށި އުފުލާލިއިރު، މިއީ 16 އަހަރަށް ފަހު އެ ޓީމަށް މި މުބާރާތް ކާމިޔާބުވި ފުރަތަމަ އަހަރެވެ. އެ ޓިމުން ވަނީ މިހާތަނަށް ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
އުމުރުން 52 އަހަރުގެ އެލިސް އެމެރިކާގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރުގެ މެއި މަހު އެވެ. އެ ފަހަރު ވެސް އޭނާ ވަނީ ފަސް އަހަރު ހަމަވުމުން ޓީމުން ވަކިވާނެ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އެލިސް ބުނީ މިއީ ކުރިން ވެސް ހަމަޖެހިފައި އޮތްގޮތް ކަމަށް ބުނެފަ އެވެ.
"މި ވަޒީފާ އަށް އަހަރެން އައީ ވެސް ވަކި މުއްދަތެއްގެ ޕްލޭނެއް ހަދައިގެން. މިއީ ދެން އެހެން ޕްރޮޖެކްޓަކާ އެކު ކުރިއަށްދާންވީ ވަގުތު. އެމެރިކާއާ އެކު އަހަންނަށް އަންހެން ފުޓްބޯޅައިގެ އެންމެ އުހަށް ދެވިއްޖެ،" އެލިސް ބުންޏެވެ. "އާ ޗެލެންޖްތަކަށް އަބަދުވެސް މަރުހަބާ ކިޔަންވާނެ. މިއީ އެ ގޮތުން ބަލާއިރު އާ ޗެޕްޓަރެއް."
މަގާމުން ދުރުވި ނަމަވެސް އެކި ގޮތްގޮތުން ކޮންސަލްޓަންޓެއްގެ ގޮތުގައި ޖިލް އެމެރިކާގެ އަންހެން ފުޓްބޯޅަ އަށް ހިދުމަތްކުރާނެ އެވެ. އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކާލޯސް ކޮޑެއިރޯ ވިދާޅުވީ އެމެރިކާގެ އަންހެން ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދިއުމުގައި އެލިސް ކުރި މަސައްކަތުގެ އަގު އަދާނުކުރެވޭނެ ކަމަށާއި އެކަމަށްޓަކައި އަބަދުވެސް އޭނާ އަށް ޝުކުރުވެރިވާނެ ކަމަށެވެ.
އެމެރިކާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނެކޭ އެއްވަރަށް މުސާރަ އާއި ބޯނަސް ހޯދަން އެ ގައުމުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. މިދިޔަ މާޗް މަހު ހުށަހެޅި މި މައްސަލައިގައި އެ ފަހަރު ސަރުކާރުގެ އެކަށީގެންވާ ޖަވާބެއް ނުލިބުނު ނަމަވެސް މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބީއާ ގުޅިގެން އަންހެން ފުޓްބޯޅަ ޓީމުގެ މުސާރަ އާއި ބޯނަސް ބޮޑުކުރަން އެމެރިކާ ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަދި މި މައްސަލައިގައި އެމެރިކާ ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބުތަކެއް ނުލިބޭތީ އަންހެން ޓީމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދައުވަތު ގަބޫލުނުކުރެ އެވެ.
އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2010 އިން 2018 އާ ހަމަައަށް އެ އިދާރާއިން އެމެރިކާގެ އަންހެން ޓީމަށް މުސާރަ އާއި ބޯނަހުގެ ގޮތުގައި ކުރި ހަރަދުތައް ފިރިހެން ޓީމަށް ވުރެ އިތުރުވާނެ ކަމަށެވެ. އެ ގޮތުން އަންހެން ޓީމަށް އެ މުއްދަތުގައި 34 މިލިއަން ޑޮލަރު ހަރަދުކުރިއިރު، ފިރިހެން ޓީމަށް ކުރި ހޭދަ އަރާނީ 26.4 މިލިއަން ޑޮލަރަށް ކަމަށެވެ.
އެކަމަކު އެ މުއްދަތުގައި ފީފާއިން ދޭ އެލަވަންސްތަކާއި ބޯނަސްތައް ލައިގެން ފިރިހެން ޓީމަށް 41 މިލިއަން ޑޮލަރު ހަރަދުކުރިިއިރު، އަންހެން ޓީމަށް ކުރި ހޭދަ އުޅެނީ 39.7 މިލިއަން ޑޮލަރުގަ އެވެ.
އެމެރިކާ އަންހެން ފުޓްބޯޅަ ޓީމުގެ ތަރުޖަމާނު މޮލީ ލެވިންސަން ބުނީ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ހިމެނޭ ފައިސާގެ އަދަދުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށާއި ތަފްސީލުތަކަށް ބަލައިފިނަމަ އެފްއޭ އިން އަންހެން ޓީމަށް ކުރި ހަރަދުތައް އުޅޭނީ ފިރިހެން ޓީމަށް ވުރެ މާ ފަހަތުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްް
01 August 2019
މީނާ ރަނގަޅުވާނެ އާރޖެންޓީނާ ނޫނީ ބާރސާ ޓީމާ ހަވާލުވާން.