ދިވެހި އިންޝުއަރެންސުން ބޭއްވި ސެމިނާގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި އާކިޓެކްޗަރުންގެ އިތުރުން ލޯޔަރުން ބައިވެރިވި-- ފޮޓޯ: ދިވެހި އިންޝުއަރެންސް
18 ސެޕްޓެމްބަރ 2019 - 13:12
ދިވެހި އިންޝުއަރެންސުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި ތިން ވަނަ "އިންޝުއަރެންސް އިންސައިޓް ސެމިނާ" ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ވަކި މައުޟޫއަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މި ސެމިނާ ސީރީޒްގެ މި އަހަރުގެ ސެމިނާ ހާއްސަކުރީ ޕްރޮފެޝަނަލް ފަރާތްތަކަށެވެ. މި ސެމިނާގައި ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި އާކިޓެކްޗަރުންގެ އިތުރުން ލޯޔަރުން ވަނީ ބައިވެރިވެފަ އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިއްޔެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކުރިއަށް ގެންދިޔަ މި ސެމިނާގައި ޕްރޮފެޝަނަލް ފަރާތްތަކަށް ދިމާވަމުން އަންނަ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ. މި ސެމިނާގެ ބައިވެރިންނަށް މައުލޫމާތު ދީފައި ވަނީ މެލޭޝިއާގެ ބާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ލޯޔަރެއް ކަމުގައިވާ އެންޓޮން ރަމަޗަރަން އާއި ރާއްޖޭގެ ލޯޔަރެއް ކަމުގައިވާ އިސްމާއިލް ވިޝާމް އެވެ.
ދިވެހި އިންޝުއަރެންސުން ބުނީ ޕްރޮފެޝަނަލް ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަކީ އަބަދުވެސް ވަރަށް ބޮޑު ރިސްކެއް ނަގާ ބައެއް ކަމަށާއި ދިމާވާ ދަތިތަކާއި ހާދިސާތަކުން ސަލާމަތް ވުމަށް އިންޝުއަރެންސްގެ ދާއިރާއިން ހުރި ފުރުސަތުތައް ކިޔައި 'ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މި ސެމިނާގައި ބައިވެރިވި ފަރާތަތްކަށް ދިވެހި އިންޝުއަރެންސްގެ އެގްޒެކެޓިވް ހެލްތު އިންޝުއަރެންސް ޕެކޭޖުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ. މިއީ ފަސް ލައްކަ ޑޮލަރުގެ ޕްލޭނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy