އާބިޓްރޭޝަން ސެންޓަރުގެ ބޯޑު މެމްބަރުން: އެ ބޯޑަށް ލަފާ ދޭނެ ކޮމެޓީއެއް އެކުލަވާލަން ވަނީ ނިންމާފައި -- ފޮޓޯ/މަޖިލިސް
02 އޮކްޓޯބަރ 2019 - 12:44
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭ ކޮމެޓީއެއް އެކުލަވާލަން ނިންމައި، އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން އެ ސެންޓަރުން ހުޅުވާލައިފި އެވެ.
އާބިޓްރޭޝަން ސެންޓަރުން ކުރި އިއުލާނެއްގައިވަނީ އެ ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް މުރާޖާކޮށް، އެ ސެންޓަރުގެ ބޯޑުގެ މެމްބަރުންނަށް ލަފާ ދިނުމަށް 10 މެމްބަރުންގެ ދާއިމީ ކޮމެޓީއެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. އެހެންވެ އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އެ ކޮމެޓީގެ މެމްބަރުކަމުގެ ޝަރުތަކީ ގާނޫނީ ދާއިރާގައި 10 އަހަރުގެ ތަޖްރިބާ ލިބިފައިވުމާއި އާބިޓްރޭޝަން ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މީހަކަށް ވުމެވެ. އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިއުލާނުގައިވެ އެވެ.
އާބިޓްރޭޝަން ސެންޓަރަކީ އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާބިޓްރޭޝަން ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި އާބިޓްރޭޝަންގެ ނިޒާމު ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރާ އިދާރާ އެވެ. އެ ސެންޓަރުގެ ބޯޑުގެ ޗެއާމަން ކަމަށް ވަކީލް ޝަހުދީ އަންވަރު އައްޔަން ކުރައްވައި، ބޯޑު މެމްބަރު ކަމަށް ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފް ކުރިން ވަނީ އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިގޮ
02 October 2019
ދެންކީއްކުރަން އުޅޭ ބޯޑެއް ލާފާ ދޭ މީހުންނަށްވާނެ
މިގޭ
02 October 2019
ކޮމެޓީ ނަގާ ދެންހުރި ބައި ހުސްކޮށް ކައިލާ.
ރަދީފުއްދީނުލް އަކްބަރު
02 October 2019
މިނަންކިޔާ ބަޔަކު އުޅޭކަން އަދިކިރިޔާ މި އެނގުނީ. މީ ކޮންތާކު އުޅޭ ކީއްކުރާބައެއް؟