މީރާ: ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މީރާއަށް ބޮޑެތި ބާރުތަކެއް ލިބޭ --ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2019 - 08:49
ކުދި ވިޔަފާރިތަކަށް "ބިރަކަށް" ވެފައި އޮތް މީރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ހިމަނާފައި ވަނީ އެހެންވެ އެވެ.
މީރާއަށް ގެންނަ އެއް ބަދަލަކީ ޓެކްސްއާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މީރާއަށް މިހާރު އޮތް ބާރު ކުޑަކޮށް ފިނޭންސް މިނިސްޓްރީ އަށް އެ ބާރުތައް ދިނުމެވެ. މީރާގެ ނުފޫޒު އޮޑިޓަރުންގެ މައްޗަށް އޮންނަ މިންވަރު ކުޑަކުރުމާއި ޓެކްސް ނިޒާމުގައި ހުންނަ ޖޫރިމަނާތަކާއި އަދަބުތައް މިހާރަށް ވުރެ ކުޑަކުރުމަކީ ވެސް ގެންނަ ބަދަލެކެވެ. އިތުރަށް ދެއްކޭ ޓެކްސް ރިފަންޑް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި އެޑްވާންސްކޮށް ޓެކްސް ރޫލިންތައް ނެރެވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ. ޓެކްސް ނިޒާމް ފަސޭހަ ކުރުމުގެ ކަންކަން 2023 ގައި ނިންމަން އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވެ އެވެ.
ސަރުކާރުން މި ބަދަލުތައް ގެންނަން އުޅެނީ "މީރާއަކީ ވިޔަފާރިތަކާ ރަށްޓެހި، ވިޔަފާރިވެރިންނަށް ބިރަކަށް ނުވާ " އިދާރާއަކަށް ބަދަލުކުރަން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވީ މި ބަދަލުތައް މައިގަނޑު ގޮތެއްގައި ރަނގަޅު ކަމަށެވެ. ނަމަވެސް ކަންބޮޑުވުންތަކެއް ވެސް އޭނާގެ އެބަ ހުއްޓެވެ.
"ފުރަތަމަ ކަމަކަށް، އަޅުގަނޑު ދަންނަވާނީ ޓެކްސްއާ ބެހޭ ސިޔާސަަތުތައް ކަނޑައެޅުން އެއީ ހަމަ ފިނޭންސް މިނިސްޓްރީއަށް އޮންނަން ޖެހޭނެ ކަމެކޭ. އެއީ ހަމަ ވަރަށް ރަނގަޅު ބަދަލެއް،" ކުރީގެ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުކުޅަދާނަވާ ވަރުގެ އަދަބުތައް ޓެކްސް ނިޒާމުގައި ހުރުން ކަމަށެވެ. އެހެންކަމުން އެ އަދަބުތައް ލުއިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމެވެ.
"މީރާއަކީ ވިޔަަފާރިތައް މަރާލާ ތަނަކަށް ވެސް ވެގެން ނުވާނެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަވާ ގޮތަށް ބަދަލުވުމަކީ ވަރަށް ރަނގަޅު ކަމެއް،" އިނާޒް ވިދާޅުވި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު ވެސް ވިދާޅުވީ ޓެކްސްގެ ސިޔާސަތާ ގުޅޭ ކަންކަމުގެ ބާރު އޮންނަން ޖެހޭނީ ފިނޭންސް މިިނިސްޓަރަށް ކަމަށެވެ. އެއީ މީރާއަަށް އޮންނަން ޖެހޭ ބާރެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ސިޔާސަތު ކަނޑައަޅާ ހިސާބުގައި ނިންމުންތައް ނިންމުމުގެ ބާރު މީރާގެ މެންޑޭޓުން ވަކިކުރުމަކީ ރަނގަޅު ކަމެއް. އޮޑިޓަރުންގެ މައްޗަށް އޮންނަ އެ އިދާރާގެ ނުފޫޒު ކަނޑުވައިލުމަކީ ވެސް ރަނގަޅު ކަމެއް،" އާތިފް ވިދާޅުވި އެވެ.
"އެކަމަކު ޓެކްސް އޮތޯރިޓީ [މީރާ] އަށް އެ އިދާރާގެ މަސައްްކަތް ކުރުުމުގައި ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަން ޖެހޭނެ."
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހާލަތަށް ރިއާޔަތް ކުރާ ތަނަކަށް މީރާ ވާން ޖެހެ އެވެ. އެކަމަކު އަނެއްކޮޅުން ޓެކްސް އިދާރާއާ މެދު ވިޔަފާރިވެރިން ބިރު ގަތުމަކީ ވެސް، އާތިފް ވިދާޅުވި ގޮތުގައި، "ހުރިހާ ގައުމެއްގައި ވެސް ކަން އޮންނަ" ގޮތެވެ.
ޓެކްސް ދައްކަން ޖެހޭ އެންމެންގެ ފަހަތުން ވެސް ޓެކްސް އިދާރާ ދާން ޖެހެ އެވެ. އެއީ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.
އެކަމަކު ހުރިހާ ގައުމެއްގައި ވެސް އިގުތިސާދުގެ މައިގަނޑު އެއް އިންޖީނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމުން، އެ ވިޔަފާރިތަކަށް ހިމާޔަތް ވެސް ލިބެން ޖެހެ އެވެ. އެ ވިޔަފާރިތަކަށް އެކަށީގެންނުވާ އަދަބުތަކާއި ހުރަސްތައް، ޓެކްސް އިދާރާގެ ތެރެއިން ކުރިމަތިވަންޏާ، ޖުމްލަކޮށް ވަރަށް ނުބައި އަސަރުތަކެއް ކުރާނެ ކަމަށް، އިގުތިސާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
މީރާއަށް މިހާރު ގެންނަން ކަނޑައަޅާފައިވާ ބަދަލުތައް އޭގެ ޒާތުގައި ރަނގަޅެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބެލުމުން އުފެދޭ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ގޮތަށް ރާއްޖޭގައި ވެސް "ޓެކްސްއާ ބީރައްޓެހި" ވިޔަފާރިވެރިން އުޅެ އެވެ. އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ވެސް އެ މީހުން ބަލަނީ ޓެކްސް ނުދައްކާވޭތޯ އެވެ. ނުވަތަ ކޮންމެވެސް ސަބަބެއް ހޯދައި، ޓެކްސްއަށް މަކަރުހަދަ އެވެ.
ޓެކްސް ނުދައްކައިގެން އެތައް ބަޔަކާ ދެކޮޅަށް މިހާރު ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި ސިޔާސީ ގޮތުން ނުފޫޒު ފޯރުވިދާނެ މީހުން ވެސް ހިމެނެ އެވެ. ފިނޭންސް މިނިސްޓްރީއަށް ބާރުތައް ދިނުމުން، ކަންބޮޑުވުން އުފެދޭ ސަބަބަކަށް ވަނީ އެ ހަގީގަތެވެ. ސިިޔާސީ ގޮތުން ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ހައްގުގައި، އޭރަކު އޮންނަ ސަރުކާރަކުން ކުޅެފާނެ ރޯލެވެ.
"މީގަ އޮތް ކަންބޮޑުވުމަކީ ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގޮތެއް ނިންމުމުގެ ބާރު ފިނޭންްސް މިނިސްޓަރަށް އޮވެއްޖެ ނަމަ ކަންތައް ވެދާނެ ގޮތް،" އިނާޒް ވިދާޅުވި އެވެ.
"މިހާރު ވެސް އެ ބަ ތިއްބެވި ރައްޔިތުންގެ މަޖިލީހުގައި ވަރަށް އަޑުގަދަ، ނުފޫޒު ގަދަ ބޭފުޅުން، 2010 ވަަނަ އަހަރުން ފެށިގެން ޓެކްސް ނުދައްކަވައި ރިސޯޓް ހިންގެވި ބޭފުޅުން. ދެން އެފަދަ ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭ ހިސާބުން ސިޔާސީ ނުފޫޒު ނުވަންނާނެ ގޮތެއް ނޯންނާނެ."
އޭނާ ވިދާޅުވީ ޓެކްސް ހޯދަން ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގައި ސިޔާސީ ނުފޫޒު ވަދެ، ފިޔަވަޅު ނޭޅޭ ގޮތް ވުމަކީ ދައުލަތަށް ލިބޭނެ އާމްދަނީ އަށް ނުބައި އަސަރުކުރާނެ ކަމެއް ކަމަށެވެ. މިހާރު ވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް އަަހަރަކު ލިބެންވާ ފައިސާގެ ތެރެއިން 14 ޕަސެންޓް ހުރީ ނުލިބި އެވެ.
ސިޔާސީ ގޮތުން ހޯދެން އޮތް ރަނގަޅަކަށްޓަކައި، ބައެއް ވިޔަފާރިވެރިން ހިމާޔަތްކުރަން، ފިނޭންސް މިނިސްޓްރީން އުޅެފި ނަމަ އެކަން ވާނީ ބޮޑު މައްސަލައަކަށެވެ. އެއީ ޓެކްސްއަށް ފިލައިގެން ދާން ކޮށޭނެ މަގަކަށް ވެސް ވެދާނެ އެވެ.
މީރާ އިސްލާހުކުރަން ގެންނަ ބަދަލުތަކުގައި ރަނގަޅު ކަންކަން ހުރި ނަމަވެސް، ރާއްޖޭގެ ސިޔާސީ ނިޒާމް އޮތް ގޮތުން، ވަކި ބަޔަކަށް ފައިދާކޮށްދޭނެ އުސޫލަކުން އަމަލްކުރުމުގެ ސީދާ ބާރު ވެސް ސަރުކާރަށް އެ ލިބެނީ އެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސްމީން
14 October 2019
ތީހަމަ ރަނގަޅު ބަދަލުތަކެއް. ޕޮލިސީ ކަނޑައަޅާ ބަޔަކަށް އެޕޮލިސީ އިމްޕްލިމަންޓެއް ނުކުރެވޭނެ. އޭރުން އެމީހުން ޕޮލިސީ ކަނޑައަޅާނީ ރައްޔިތުންނަށް ވުރެއް ބޮޑަށް އެމީހުންނަށް ފަސޭހަވެފަ، ލިބޭ ބާރުތައް ބޮޑުވެފަ، އޭގެ ފައިދާ ނެގޭނެ ގޮތަށް. އެޢި މިއޮށް ހުރިހާ ދުވަހު މީރާއިން ކުރިކަމަކީ، ނަމެއްގަ މިނިވަން ބަޔަކަށް ވެތިބެގެން. އަދީބާ ޔަޒީދާ ގަތް ގަނޑު. އެތައްބަޔެއްގެ ދިރިއުޅުން ހަމަ ހަލާކުކޮށްލީ މިދެ މީހުންގެ އަމިއްލަ ޖީބު ފުރަން. މިބަދަލަށް ހަމަ ތާއިދު!
ޥައުދު
14 October 2019
މިތަނަކީ މިނިވަން މުއަސަސާ އެއްގޮތުގައި ބާއްވަން ބުނި ތަން. މިހާ ވަރަކަށް ޒީރޯ ޓޮލެރެންސް ވެވޭނީ ބަޔަކަށް.. ވަރަށް ސަލާމް
ސުއާލު
13 October 2019
ޢެންމެ ސުވާލެއް. މިކަން ކުރީ އެމްޑީޕީން ނޫން އެހެން ބަޔަކު ނަމަ ވާނީ ކިހިނެއްހޭ؟
އެންދެރި
13 October 2019
އެންމެ ބޮޑީ ބަޔާން ހުށަ ނޭޅިގެން ދުވާލަކަށް އެނަގާ 50 ރުފިޔާ މައާފް ކޮށް ނުދޭ މައްސަލަ އެވެ. ނުނީ އެކަމުގަ ހަމަހަމަ ކަމެއް ނޯންނާތީ އެވެ. ދައްކަން ޖެހޭ ޓެކްހަށް ވުރެ ޖޭރިމަނާ އެތައް ގުނަ އެއް ބޮޑު ވީމަވެސް ޖޫރިމަނާ މައާފް ކޮށް ނުދެއެވެ. ވީމާ މީރާ އަކީ ޖޫރިމަނާ ފައިސާ ނަގާ ތަނެކޭ ވެސް ބުނެވިދާނެއެވެ.
Dhaadhey
13 October 2019
ކޮންގޮތަކަށްތޯ ކުދިވިޔަފާރިތަކަށް ރައީސް ސާލިޙު އިސްކަންދިނީ. މިރާއްޖޭގައި އިއުލާންކުރާ ފޮތި، ޔުނިފޯމް، ޓީޝާޓް، ބެޖް، ބޫޓު، ބެލްޓް، ސްޓާކީން ގަތުމުގެ ބިޑްތަކަށް އިންޑިޔާ، ލަންކާ، ބަންގާޅު ކުންފުނިތަށް ބިޑްތައް އެވޯޑް ކޮށްގެންތޯ ރާއްޖޭގެ ކުދި ވިޔަފާރިތައް ތަރައްގީ ކުރައްވަނީ؟
އިމާދު
13 October 2019
އޮޑިޓަރުންގެ މައްޗަށް އެއްވެސް އިރެއްގައި މީރާއިން ނުރަނގަޅު ނުފޫޒެއް ފޯރުވާފައެއް ނެތް. މީރާ އުފެދުނުއިރު ރާއްޖޭގައި އޮޑިޓްކުރުމުގެ މަސައްކަތުގެ މައްޗަށް ވެރިވަގަނެގެން ތިބީ ލަންކާ މީހުން. އޯޑިޓް އޮފީހުން ދިވެއްސަކަށް އޮޑިޓް ކުރުމުގެ ހުއްދަވެސް އޭރު ނުދޭ. ލަންކާގެ ފާރމްތަކަށް އެކަނި ޚާއްސަކުރެވިފަ އޮތް ކަމެއް އޭރު އެއީ. ދިވެހިން މި މާރކެޓަށް ނެރެދިނީ މީރާއިން. މިއަދު ބޭރުގެ ފާރމްތަކާ އެއް ހަމައެއްގައި ދިވެހި ފާރމްތަކުން މަސައްކަތް ކުރޭ.
ސާޒް
13 October 2019
ކަލޭ ތިއީ، ހުރިހާ ކަމެއް ޚަރާބުކުރާ މީހަކީ، އަނގަނުތަޅާ މަޑުންހުރޭ
މިއީ މަގޭ ކަންބޮޑުވުންތަ
13 October 2019
ޖޭއެސްސީއަށް ސިޔާސީނުފޫޒުވަނުން ރަގަޅުތަ؟ޖޭއެސްސީއަކީ މަޖުލީހުގެ ބާރުއޮތްތަނަކަށްވުން ރަގަޅުތަ؟ޝަރުއީނިޒާމަށް ސަރުކާރާ މަޖުލިހުން ބާރުފޯރުވުން ރަގަޅުތަ؟ފަޑިޔާރުންނަ ޖޭއެސްސީއޭކިޔާ ސިޔާސީބަޔަކު ނަސޭހަތްދިނުން ރަގަޅުތަ؟ފަޑިޔާރުންނަ އިންސާފުންހުކުމެ މިހާރުކުރެވިދާނެކަމަށްހީވޭތަ؟ގައުމެއްގެ އަދުލުއިންސާފުގެބާރަށް ސިޔާސީނުފޫޒު ވަނުމުން އިންސާފުވެރިވާނެތަ؟އިސްލާމީގައުމެއްގަ ކާފަރުން ރުހޭގޮތަށް އިސްލާމީ ޝަރީއާ ގާއިމުކުރެވިދާނެތަ؟ ދެންމީރާ ސިޔާސީނުވާނެތަ
ހުދަންބަރު
13 October 2019
ޓެކްސް ނިޒާމަކީ މިނިވަން ކަމާއި އެކު ހިންގަން ޖެހޭ އިދާރާއެއް. ކަންކަން ބޮއްސުން ލައިފި ކަމުގެ ކޮޅުމަތި މިއޮތްގެން ފެންނަނީ.
ބެލެވޭ
13 October 2019
ޔަޒީދު ބޭރުކުރީ ސިޔާސީ ނުފޫޒު ވައްދަން.
އެޑަމްސް
14 October 2019
ޔަޒީދަކީ ސިޔާސީ ނުފޫޒުމަތީ ޔާމީންގެ ސަރުކާރުގެ މަސައްކަތްކުރަމުން އައި މީހެއް. އަދި މީރާގެ މިނިވަންކަން އޮތީ ނަމެއްގަ. ޔަޒީދު ބޭރުކުރުމަކީ މީރާއަށް ލިބޭނެ ކުރިއެރުމެއް. އެއްވެސް މީހަކު އެހާ ގިނަދުވަހު އެފަދަ މަގާމެއްގައި ބެހެއްޓިގެން ނުވާނެ. ޔަޒީދު އާއި އަދީބު ގަތް ގަނޑުން އެއޮތީ މމޕރސގެ ކޮރަޕްޝަންވެސް އޮއްބާލާފަ. ރައްޔިތުންގެ ފައިސާއިން އެވަރުގެ ވައްކަމެއް ކުރި އިރު މީރާއަށް ސުވާލެއް ކޮއްނުލެވުނު. ދެން ސިޔާސީވެވޭނީ އެވަރަށް.