ފަޒީލް ރޭސް ނިންމުމަށް ފަހު ޓްރޮފީ އާއި މެޑަލާ އެކު. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް
23 ސެޕްޓެމްބަރ 2016 - 21:30
ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ދުވުމުގެ ރޭސް ކަމަށްވާ "ރެޑްބުލް ކެޗް ދަ ފެރީ" ރޭހުގެ އެއް ވަނަ އެމްއެންޑީއެފްގެ މެރިން ކޯގެ ހުސެއިން ފަޒީލް ހޯދައިފި އެވެ.
ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ރޭހުގެ އެއް ވަނަ މަގާމާ އެކު ފަޒީލަށް ވަނީ 10،000ރ ގެ އިތުރުން އަންނަ އަހަރުގެ މޭ މަހު ދުބާއީގައި ބާއްވާ ވިންގްސް ފޮ ލައިފް ވޯލްޑް ރަންގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިފަ އެވެ.
ގައުމީ އެތުލެޓިކްސް ސްކޮޑުގައި ވެސް ހިމެނޭ ފަޒީލް ބުނީ އަނިޔާގެ ސަބަބުން މި ފަހަރުގެ ރޭހަށް އެހާ ބޮޑަށް ތައްޔާރުނުވެވުނު ކަމަށާއި ފަރުވާއަށް ފަހު ދުވަން ނުކުތީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.
"އެކަމަކު ގައުމީ ޓީމުގައި ހިމެނޭތީ މުޅި އަހަރު ތެރޭގައި ތަމްރީން ހަދަން. މިއީ އުނދަގޫ، ވާދަވެރި އަދި ވަރަށް ޗެލެންޖިން ރޭހެއް،" ރެޑްބުލް އިން އިންތިޒާމްކުރާ ރޭހާ ބެހޭގޮތުން ފަޒީލް ބުންޏެވެ.
ފަޒީލްގެ ފަހަތުން ދެ ވަނަ ހޯދީ އޭނާއާ އެކު އެމްއެންޑީއެފްގައި މަސައްކަތްކުރާ މަޝްހޫރު ދުވުންތެރިޔާ ޝިފާޒް މުހައްމަދެވެ. ތިން ވަނަ ހޯދީ ޕޮލިހުގައި މަސައްކަތްކުރާ ޒައިދު ޝަރީފެވެ. އެމްއެންޑީއެފްގެ އަލީ ރިޒާ ހަތަރު ވަނަ ހޯދިއިރު ފަސް ވަނަ އަށް ރޭސް ނިންމީ ހަސަން ފައިހަތެވެ.
ދެ ވަނަ ހޯދި ޝިފާޒް (ވ) ރަވާހު އަށް ހިތްވަރު ދެނީ. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް
މި ރޭހުގެ ގަދަ 10 އެއްގެ ތެރޭގައި އުމުރުން 16 އަހަރުގެ ދުވުންތެރިއެއް ކަމަށްވާ ރަވާހު މުހައްމަދު ހިމެނުނެވެ. ސީނިއާ ބައެއް ދުވުންތެރިންނަށް ވުރެ ކުރިން، ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލްކުރަމުން އަންނަ ރަވާހު ރޭސް ނިންމި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުން ރޭސް ފަށައިގެން، އެ ރަށް ވަށާ އެއް ބުރު (6.29 ކިލޯމީޓަރު) ފުރިހަމަކުރުމަށް ފަހު ފެރީގައި މާލެ އަށް އައިސް މާލެ ވަށައި އެއް ބުރު (5.40 ކިލޯމީޓަރު) ފުރިހަމަކުރި އެވެ. އެއަށް ފަހު ވިލިނގިއްޔަށް ގޮސް، އެ ރަށް ވަށައި އެއް ބުރު (1.6 ކިލޯމީޓަރު) ދުވި އެވެ. އަދި އެނބުރި ހުޅުމާލެ އަށް ގޮސް، ރޭސް ނިންމީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ހުޅުމާލޭ ސެންޓްރަލް ޕާކާ ދެމެދު، ޖެހި 450 މީޓަރުގެ ސްޕްރިންޓަކުންނެވެ. މި ފަހަރުގެ އެންމެ އުނދަގޫ އެއް ކަމަކަށްވީ ހުޅުމާލޭ ވަށައި ދުވިއިރު، 1.6 ކިލޯމީޓަރު ބީޗުގައި ފުރިހަމަކުރަން ޖެހުމެވެ. އަދި އެނބުރި ހުޅުމާލެ އަށް އައިސް، 450 މީޓަރުގެ ސްޕްރިންޓެއް ޖަހަން ޖެހުމާ އެކު، މި ފަހަރުގެ ރޭހުގައި ކުރި ހޯދުމަށް ސްޕްރިންޓަށް ވެސް ތައްޔާރުވާން ޖެހުނެވެ.
ރޭހުގައި ބައިވެރިން ހުޅުމާލޭ ބީޗުގައި ދުވަނީ. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންބުރޯ
24 September 2016
ޕުރޮފެޝަނަލް މީހުން އެއްފަރާތް ވެފަ. މިކަހަލަ ލޯކަލް އިވެންޓްތަކުން އެމެޗަރ ރަނަރސް އަށް ފުރުސަތު ދޭން އެބަޖެހޭ
ެިއިސްމާލު
28 September 2016
މުބާރާތަކީ އެމްމެނައް ހުޅުވާލެވިފަ އޮތް ރޭހެއް. އެމެޗަރ ރަނަރސް ނިސްބަތުން ގިނައީ ކޮންމެ އަހަރަކުވެސް. މުބާރާތް ދުވި މީހެއްގެ ހައިސިއްޔަތުން މިބުނީ. އަދި ރޭހުން މޮޅުވުމަކީ އެހެން ކަމެއް ދޯ؟