ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ: މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ކެބިނެޓުން މިއަދު ވަނީ ނިންމާފައި.---ފޮޓޮ: ރައީސް އޮފީސް
17 މާޗް 2020 - 14:12
ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް، ސަރުކާރުގެ އޮފީސްތައް ހަފުތާއަކަށް ބަންދުކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެބިނެޓުން ނިންމީ، ސަރުކާރުގެ އޮފީސްތައް މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ބަންދު ކުރުމަށެވެ.
މި ދެ ފިޔަވަޅުގެ އިތުރުން، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް ކެބިނެޓުން މިއަދު ނިންމި އެވެ.
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަށް ލިބޭ އާމްދަނީން 135 (2.5 ބިލިއަން ރުފިޔާ އާއި 446 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ކޮރޯނާވައިރަހުގެ ނުރައްކަލާ ގުޅިގެން، މުޅި ދުނިޔެ ވެސް ބޮޑު އިގްތިސޯދީ އަޑިގަނޑެއްގައި އުޅޭ މި ދުވަސްވަރުގައި ރާއްޖޭގެ ރިސޯޓުތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ޚާއްސަކޮށް، ޚަރަދު ކުޑަކުރެވޭނެ ގޮތްތައް އަންނަނީ ފަހިކުރަމުންނެވެ.
ރާއްޖެ އިން މިހާތަނަށް އެއްވެސް ދިވެއްސަކަށް ކޮވިޑް-19 ބަލި ޖެހިފައެއް ނުވެ އެވެ. ރާއްޖޭގައި އެ ބަލި ޖެހިފައި ވަނީ އިޓަލީގެ ނުވަ މީހަކަށާއި އިނގިރޭސި ވިލާތުގެ މީހަކާއި ޖަރުމަނުގެ މީހަކާއި ތުރުކީ އަދި ސައުތު އެފްރިކާގެ މީހަކަށެވެ. އޭގެ ތެރެއިން ޓޫރިސްޓުންގެ އަދަދަކީ 11 އެވެ. ބާކީ ދެ މީހުންނަކީ ރާއްޖެ އިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ޖެހުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ.
މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް ބަލި ރާއްޖޭގައި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއ އަޅަން ފަށައި، ވަނީ ސިއްހީ ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ. އަދި ރިސޯޓުތަކަށް އަރައި ފޭބުން މަނާކޮށް، ގެސްޓް ހައުސްތަކަށް ބުކިން ހެއްދުން ވެސް މި ވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އަދި ސްކޫލްތަކާއި ކިޔަވައިދޭ ތަންތަނާއި އާންމުކޮށް ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދާސް
19 March 2020
ބައެއް ރަށްރަށުގަ ތިބި ޕާޓީ އެކްޓިވިސްޓުންނަށް އަދިވެސް ކޮންމެވެސް ނަމެއް ކޮޔާފަ ވަޒީފާތައްދެނީ ވާނިވާ ނޭގޭ
އިބިރިހިންބެއްޔާ
19 March 2020
20% ކުޑަކުރަންވީ މުސާރައެކަންޏެއްނޫން. މިހާރުން މިހާރަށް ސިޔާސީ މަޤާމްތައް ދިނުން ހުއްޓާލާ އަދި މިހާރު ސިޔާސީ މަޤާމުތަކުގައިތިބި ބޭފުޅުންގެ އަދަދުވެސް %20 އަށް މަދުކުރަންވީ. %80 ކަޑާލަންވީ. އެހެރަ ސިރީލަންކާއަކާއި މެލޭޝިޔާގެ އެމްބެސީތަކެއްބަލާބަލަ. ކުރެވުނީ ކޮންކަމެއް؟
ކިހާ
18 March 2020
އަދިވެސް ޕާޓީގެ މީހުންނަށް ސިޔާސީ މަގާމްތައް ދެނީ އެކަމު ޤައުމު އިނދަޖެހެނީ ހެއްވައެއްނުން. މަކަރުވެރި ބައެއް މިތިބީ ވެރިކަމަށްއަރާފަ
ކޮބާ
18 March 2020
ކޮބާ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި އަދިވެސް ސަރުކާރުގެ ލައްކައިން މުސާރަލިބޭ މީހުންގެ މުސާރަތަށް! މީގެން ބައެއް އުނިކޮއްފިނަމަ ކުއްވެރިވަނީބާ އެވާހަކަ ނުދަށްކާ ތިޔަތިބެނީ؟
ނިހާނު
19 March 2020
ސުރުހީގައި އެއޮތީ ތިޔަވާހަކަ ލިޔެފައި. ރަނގަޅަށް ކިޔާފާއި ކޮމެންޓް ކުރީމަކާ މިހެނެއް ނުވާނެ.
ލުބްލާ
18 March 2020
މަޖްލިސް މެންބަރުންގެ މުސާރަ ކުޑަކުރަނީ ކޮން އިރަކު؟
މުގުރާން
18 March 2020
މިއީ ގައުމު ބަނޑަށް ނުޖެހެނީސް ފިޔަވަޅު އަޅަންވީވަގުތު ގައުމު ލޫޓުވިޔަނުދީ ބޭކާރު ޚަރަދުތައް ކުދަކުރަންވީ ވަގުތު? ޕާޓީކުދިންނަށް, އިންތިޚާބަށް,ރައްޓެހިންނަށް, ރ.ލީޑަރަށް ނުބައްލަވާ ގައުމައްޓަކާ އިޚްލާސްތެރިކަން ކުރިޔަށް ނެރެންވީ ވަގުތު???
މުގުރާން
18 March 2020
ކޮމިޝަންތައް އުވާލާ? ބޭކާރު ގޮތުގައި އިތުރުކޮށްފައިވާ ސިޔާސީ މަގާމްތައް އުވާލާ? ބޭކާރު ވަޒީފާތައް މަދުކުރޭ? މަދުކުރޭ,? މަދުކުރޭ? އަވަސްކުރޭ? މަރިޔަނބު ގެއްލި, ކަތިވަޅިވެސް ގެއްލިދާނެ އަވަސްކުރޭ???
އާރީ
18 March 2020
ނިކަމެތި ރަށްއިތުމީހާއަށް ވާ ގެއްލުމުގެ ބަދަލު ހޯދަދޭނެ ކަމުގެ އެއްވެސް އިސާރާތެއް މިއަދާ ހަމަޔަކަށް ނެތް. ރައީސް ވެސް ގައުމާ މުހާތަބު ކޮށްފަ އުއްމީދު ކުރިވަރު ވާހަކަތަކެއް ނުދަށްކާ. އިކޮނޮމިކު މިނިސްޓަރ ދަށްކާ ވާހަކަ އަހަރަމެން މިހާރު ބަލައެއް ނުގަންނަށް އެއްވެސް އިރުބާރެއް ކުރެވޭ ކަހަލަ ވާހަކަ އެއް ދަށްކާ ބޭފުޅެއް ނޫންވީމަ
ބަރަވެލި
18 March 2020
ސަރުކާރު ވަރައް ސުލޯކަން ފާހަގަވޭ. ކޮބާ ކޮބާ އެކޮނަމީ ޕޮލިސީއަކީ.. ކުދިވިޔަފާރިތަކަ ލިބޭ ގެއްލުން ކުޑަކުރަން ކުރާކަމަކީ. ޓެކްސް އައި ބަދަލު ތަކަކީ. މީން އެއްކަމެއްވެސް ނުބުނެ ސަރުކާރުބަންދު ކުރިއްޔޭ ބުނައްޔާ. ސަރުކާރެ ހިއްގުނު ކަމައްވޭތަ. ޢެމީހަކަ އެމީހެއް. ކަމެއް ކުރަން ނޭންގޭ. ބަރުހެލި ސަރުކާރު..
ރައީސްގެމީހާ
17 March 2020
އަސްލު މަސަތްކަތެއް ޖެހުނީމަ އަންނި ފިލައިފި... މިހާރު ސޯލިހު އެކަނި.. އެކަމަކު ކެންޕެއިންތަކާއި، ޖަލްސާތަކަށް ވަރަށް ފޯރި ދައްކާފަ އަންނި އަރާނެ.. ރައީސް ދައްކަން ޖެހޭ ވާހަކަ ވެސް އޭނާއަށް ފުރުސަތުނުދީ ދައްކާނެ. އަސްލު ރައިޔަތުންނާއި ގުޅުން ހުރި މަސަތްކަތެއްޖެހުނީމަ ފިލައިފި. މީ އަސްމީނާގެ ގޮތަކީ. އެހެންމީހުން މަސަތްކަތް ކޮށް ކަމެއް ހާސިލުވާން ކާރިވާއިރަށް ޕޯޑިއަމްތަކާއި ޖަލްސާތަކަށް ގޮސް ތިމާކުރި ކަމެއްކަމަށް ހަދައި އޭގެ ކްރެޑިޓް ނެގުން.