ޗެލްސީ މެޗެއްގެ ތެރެއިން ޑްރޮގްބާ.
05 އެޕްރީލް 2020 - 15:08
ޕެރިސް (އޭޕްރީލް 5) - ކޮވިޑް-19 އަށް ތައްޔާރުކުރާ ފުރަތަމަ ވެކްސިން އެފްރިކާގައި ޓެސްޓްކުރަން ބާރުއަޅައި ފްރާންސްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ދެއްކި ވާހަކަ އަށް އެފްރިކާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ޑުކިޔައިފި އެވެ.
މިދިޔަ ހަފްތާގައި ފްރާންސްގެ މީޑިއާ އަކުން ދެއްކި އިންޓަވިއުއެއްގައި ދެ ޑޮކްޓަރެއް ވަނީ ކޮވިޑް-19 ގެ ވެކްސިން ޓެސްޓްކުރުމުގައި އެފްރިކާގެ ބޭނުން ހިފިދާނެ ކަމަށް ބުނެފަ އެވެ. އެ ދެ ޑޮކްޓަރުންގެ މި ވާހަކަ އަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކި ވާހަކައެއް ކަމަށް ބުނެ އެ ދެ މީހުންނަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވި އެވެ.
މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ފްރާންސްގެ ޑޮކްޓަރުންނަށް ނުރުހުން އަމާޒުވާން ފެށުމާ އެކު އެ ވާހަކަތައް ދެއްކި ޑޮކްޓަރުން ވަނީ އެ ވާހަކަ އިން ނުރަނގަޅު މެސެޖެއް ދެވޭނަމަ މާފަށް އެދޭ ކަމަށާއި އެއްވެސް ހާލެއްގައި އެ ވާހަކަތައް ދެއްކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނޫން ކަމަށް ބުނެފަ އެވެ.
އެފްރިކާ މީހުންގެ ދިފާއުގައި ގިނަ ފުޓްބޯޅަ ކުޅުންތެރިންނެއް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އެ ދެ ޑޮކްޓަރުންނަށް ފާޑުކީ ކުރިން ޗެލްސީ އަށް ކުޅުނު ޑްރޮގްބާ އެވެ. އޭނާ ބުނީ އެ ދެ ޑޮކްޓަރުން އެ ދެއްކި ވާހަކަތަކަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެފްރިކާ އަކީ ލެބޯޓަރީއެއް ނޫން. އަހަރެން ދެކޭ ގޮތުގައި މިއީ ވަރަށް ސީރިއަސް ކަމެއް. މި ފަދަ ގޮތަކަށް ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ވާހަކަތަކެއް ބުނެވިގެން ނުވާނެ. މަސައްކަތް ކުރަންވީ އަހަރެމެން ފަދަ އެފްރިކާގައި ތިބި މީހުން ވެސް ސަލާމަތްކުރަން. އެ މީހުންނަކީ ލެބޯޓަރީގައި ތަހުލީލު ކުރަން ގެންގުޅޭ ބަޔެއްގެ ގޮތުގައި ދެކިގެނެއް ނުވާނެ،" އެފްރިކާގެ މީޑިއާ އަކަށް ޑްރޮގްބާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ފްރާންސްގެ ޖަމިއްޔާއެއް ކަމަށްވާ އެސްއޯއެސް އިން ވަނީ އެ ވާހަކަތައް ދެއްކި ޑޮކްޓަރުން ހަމައެކަނި މާފަށް އެދުމުން ނުފުދޭ ކަމަށާއި އާންމުންގެ ކުރިމަތީގައި އިތުރަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި ޑޮކްޓަރުންނަކީ ގިނަ ބަޔެއްގެ އިހުތިރާމް ލިބޭ ވަޒީފާއަކަށް ވީހިނދު އެ ފަދަ ބައެއްގެ އަގުވެއްޓޭ ގޮތަށް ކުރެވޭ އަމަލުތަކުގެ މައްސަލަ ރަނގަޅަށް ބެލެވެންޖެހޭނެ ކަމަށާއި މިއީ ރަނގަޅަށް މަސައްކަތްކުރާ ޑޮކްޓަރުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.
އޮންނަ އުސޫލެއްގެ ތެރެއިން ވެކްސިން ޓެސްޓް ކުރުމުގައި އަމިއްލަ އަށް ބައިވެރިވާން ބޭނުންވާ ކަމަށް އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯ އިން ވަނީ ބުނެފަ އެވެ. ކޮންގޯގެ ނެޝަނަލް ބަޔޮލޮޖިކަލް ރިސާޗް ސެންޓަރުގެ ހެޑް ޖިއާން-ޖެކުއެސް މުއެމްބޭ ބުނީ ވެކްސިން ޓެސްޓްކުރުމުގައި ބައިވެރިވާން އެދެނީ މިއީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ކަމަކަށްވާއިރު، މި ކަމުގައި އެ ގައުމުގެ ބައިވެރިވުމެއް އޮންނަން ބޭނުންވާތީ އެވެ. އަދި ވީ އެންމެ އަވަހަކަށް ވެކްސިނެއް ލިބުމަކީ ގިނަ ބަޔެއް ސަލާމްކުރެވޭނެ ކަމެއްގެ ގޮތުގައި މުއެމްބޭ ދެކެ އެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 1.2 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 246،703 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އެމެރިކާގަ އެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ދެކުނު އެފްރިކާ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނޭޔޭ
06 April 2020
އެއްކަލަ 'އިންސާނީ ހައްގު' ތަކުގެ ޔޫރަޕް ދޮންމީހުން ދޯ.
ފާމުލަދޭރި ކިލެގެފާނު
06 April 2020
ތިޔަ ޑަކުޓަރުންނާ ފުރޯފިލިސޮރު ހުސައިން އާ ދިމާވެއްޖެއްޔާ ބުނާނެ ރާއްޖެތެރޭ މީހުން ގެންދާށޭ ތިޔަ ތަހުލީލު ކުރަން. ކޮންމެވެސް ހުސައިން އަށް ތިކަން ނާންގާތި.
ވިސްނާ19
05 April 2020
މީގެކުރިންވެސް ތަހުލީލުކުރަން ގެންގުޅޭ ބަޔެއްގެގޮތުގައި އެފްރިކާގެ ރައްޔިތުން ބޭނުންކޮށްފައިވޭ. ބޮޑު އާބާދީއެއްގައި ޕޯލިއޯ ވެކްސިން ޓެސްޓުކުރަންވެސް ފުރަތަމަ ބޭނުންކޮށްފައިވަނީ އެފްރިކާގެ ރައްޔިތުންކަމަށް މިހާރުގިނަ ފަރާތްތަކުން އެއްބަސްވޭ. ހިލޭސާބަހަށް މަސައްކަތްކުރާ ބައެއް ޖަމްއިއްޔާތައް މެދުވެރިކޮށްވެސް މިކަންކަން ކޮއްފައިވޭ. އެފަރާތްތަަކަށް ނޭނގިނަމަވެސް. ޤައުމުތަކުން ހިލޭދޭ ވެކްސިންއަދި ބޭސްފދަ ތަކެތި ބަލައިގަތުމުގައި ވިސްނަންޖެހޭ.
އަންޑާޕޫލްމާ
05 April 2020
ޑުރޮގުބާ ބުންޏަސް މިފަހަރު މިއޮތީ ވަރަށް ރަނގަޅު އެއްޗެއް ބުނެފާ.
ތުއްތުނާ
05 April 2020
ޓެސްޓް ކުރަން ކަލޭމެން އަމިއްލައަށް ވެކްސިން ޖެހީމަ ނިމުނީ....... ކޮންމެހެން އެފްރިކާ އެއީ ތަހުލީލުތައް ހަދަން އޮތް ތަނެއްކަމުގައި ހަދައިގެން ނުވާނެ...... އެއީ ފަގީރުން އެއްކަމަކު ވެސް ކަލޭމެން ކަހަަލަ އިންސާނުން......
މުޑުދާރު
05 April 2020
ރާއްޖޭގައި ( ޓިވީ / ރޭޑިއީ) އިޝްތިހާރު ހަދާ ފަރާތް ތަކުން ރާއްޖެ ތެރޭ ރަށެއްގެ މީހުން ވާހަކަ ދައްކާ ރާއްގަށް އަޑު އަޅާގެން މުއްޑެއް އަނދެން ދުފާ ރަތް ކޮށްގެން ކުޅޭ އިޝްތިހާރު ތަކަކީ ވެސް މިފަދަ ކަމެކެވެ. ރަށެއްގެ މީހެއް ވިއްޔާ ހައްވަދާތަ އެއް ކަތްދާތައެއް އިބުރާހިމް ބެއެއް ތައްޚާނު ބެއެއް ނޫނީ ނުހުރޭތަ؟