ބޯޓަކަށް މުދާ އަރުވަނީ: ގިނަ ބޯޓުތައް ފުރަން ޖެހިފައިވަނީ ބަރު ނުކޮށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
19 އެޕްރީލް 2020 - 19:43
ރަށްރަށުން މާލެ އައި ބޯޓުތައް ފުރަން ހުއްދަ ދިން ނަމަވެސް ދާން ޖެހެނީ ބޭނުންވާ މުދާ ހަމަނުވެ ކަމަށް ބޯޓުތަކުން މިއަދު ބުނެފި އެވެ.
ނޯތު ހާބަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ބޯޓުތައް ބަނދަރު ކޮށްފައިވާއިރު އެއީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރަށްރަށަށް ބޭނުންވާ މުދާ ބަލައި އައި ބޯޓުތަކެކެވެ. ނަމަވެސް މާލެއިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޯޓުތަކަށް ނުފުރުނީ އެވެ.
މި ބޯޓުތަކަށް ޝަރުތުތަކާއެކު، ފުރުމުގެ ހުއްދަ ދޭން ފުލުހުން ވަނީ ނިންމައިފަ އެވެ. އެގޮތުން، ބޯޓުތަކުން ރަށަށް ދެވޭނީ ހަމައެކަނި ބޯޓުގެ ކްރޫއަށެވެ. އެއްވެސް އިތުރު މީހަކު ގެންދިއުން މަނަލެވެ.
މި ބޯޓުތަކުން ވާހަކަ ދެއްކި ބައެއް މީހުން މިއަދު "މިހާރު" އަށް ބުނީ ގިނަ ބޯޓުތައް މާލޭގައި ބަނދަރު ކޮށްފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި މިހާރު ދަތުރުކުރުމުގެ ހުއްދަ ލިބުނު ނަމަވެސް ދާން ޖެހޭނީ ގިނަ މުދާ ނުލައި ކަމަށް ބައެއް ބޯޓުތަކުގެ މީހުން ބުނެ އެވެ.
"އަޅުގަނޑުމެން މި ކޮޅުގައި ތިބޭތާ މިހާރު މަހަކާއި ދިހަ ވަރަކަށް ދުވަސް ވެދާނެ. ކުރިން ދިހަ ދުވަސް ތެރޭގައި ވިޔަފާރި ކޮށްގެން ރަށަށް ފުރޭވަރުވޭ އެކަމަކު މިހާރު މިއޮތް ހާލަތުގެ ސަބަބުން ބައެއް ތަކެތި ނުވެސް ލިބޭ،" ބޯޓެއްގެ ފަޅުވެރިއަކު ބުންޏެވެ.
ބޯޓަކަށް މުދާ އަރުވާފައި: މުދާ ލިބުން ދަތިވާތީ ފުރަން ޖެހެނީ މަދު މުދަލާއެކު ކަމަށް ފަޅުވެރިން ބުނޭ- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ފަޅުވެރިން ބުނާ ގޮތުގައި ޑެލިވަރީގެ ހިދުމަތް ބައެއް ތަންތަނުން ދިން ނަމަވެސް އެ ހިދުމަތް ދެނީ މާލޭގެ ގެތަކަށް އެކަންޏެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިވެރިންނަށް ދަތިތަކެއް ދިމާވެ ބޯޓަށް މުދާ ޑެލިވަރީ ކޮށްދިނުމުގައި ލަސްތަކެއް ހުރި ކަމަށް ބުންޏެވެ. ބައެއް މުދާ ނުލިބުނު ނަމަވެސް ބޯޓުތައް ފުރަން ތައްޔާރުވަނީ މިހާރު ހުރި މުދާ ވީހާ ވެސް އަވަހަށް ރަށްރަށަށް ފޯރު ކޮށްދިނުމަށް ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
"މިހާރު ވެސް ފިހާރަތުން ގުޅާވަރުން މިއުޅެނީ މުދާ ނުލިބިގެން. ދެން މި ވިސްނަނީ ހުއްދަ ލިބުނީމަ ހުރި މުދާ ހިފައިގެން ދާން. މިއަދު ދެން އެމްޕީއެލުން މުދާ ނެރެން ފެށީމަ އިތުރު މުދާ ވެސް ލިބޭނެ ކަމަށް މި ބަލަނީ،" ފަޅުވެރިއަކު ބުންޏެވެ.
މާލެ 14 ދުވަހަށް ލޮކްޑައުން ކުރީ ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ. މިހާތަނަށް ރާއްޖެއިން 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެންމެން ވެސް އެޗްޕީއޭއިން ދޭ އިރުޝާދުތައް ގަބޫލުކޮށް ގެއިން ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފ އެވެ. އަދި މި ދަނޑިވަޅު އެއް ރަށުން އަނެއް ރަށަށް ދަތުރު ނުުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބޯޅަ
20 April 2020
މުދާބަލާ އައިސް ހުސްއަތާދާން ޖެހުނީމަ ރަށްރަށުގެ ރައްޔިތުންނާމެދު ވާނެގޮތް ވިސްނާލާ އަދިވެސް ބަންގާޅުން ފޮނުވައިނުލާ އެމީހުންނަށް ބޯހިޔާވަހިކަން ހޯދަދޭން އުޅޭސެވެ އެމީހުން ފޮނުވާލަން ލިބުނު ވަގުތު ބޭނުން ކުރެވުނު ނަމަ މިއަދު ކާން އަނގަ މަދުވީހެވެ
އަލްޖިބްރާ
19 April 2020
އަޅަމެން ހެއްދެވި ފަރާތަށް ވަކީލްކޮށް ޝުކުރު ކުރުމުގެ ރިވެތި ސިފަ ދިވެހިންނަށް ލިބޭނީ ކޮންއިރަކުން ބާވައެވެ؟
އާއިޒް
19 April 2020
އައްޑޫ އަަށްގެން ދާ މުދާތައް ވެސް ބޯޓަށް ނުލިބި މިދަނީ
އަނދަ ވަޅު
19 April 2020
ދަނޑުވެރިން ގެ އުފެއްދުން މާލެގެނެސް ވިއްކޭނެ އެެއް ވެސް މަގެއް ފެންނާކަށް ނެތެވެ.
ނިރު
19 April 2020
ބަލަ ލޮކްޑައުން ކުރިޔަކަސް މުދާ ލިބެންޖެހޭނެ.. ވެއްޖެނުން މާލޭ ސިޓީކައުންސިލް އުވާލާފަ އެހެންބަޔަކު ބައިތިއްބާގެން ނަމަވެސް ކާބޯތަކެތި ލިބޭނެ ގޮތެއް ހަމަޖައްސަން
ބޮޑުމީހާ
19 April 2020
ކޮންމެ ދުވަހަކު ނޫސް ކޮންފަރެންސް ބާއްވާ ބުނާނެ އެއްވެސް ދަތި ކަމެއް ނާންނާނެއޭ، ވާހަކަ ދައްކާއިރު ހަގީގަތް ހާމަކޮށްދިނީމަތާ މީހުންނަާްވެސް ތައްޔާރުވެވޭނީ، ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތްތައް ނޫނަސް ބޭރުގެ މީޑިއާތަކުގެ ހަބަރުތައްވެސް މީހުން ކިޔާ އަދި ވާނުވާ އިގޭ. މުދާ ލިބުން ދަތިވާނެއޭ ބުނުމަކުން އެއީ ސަރުކާރު ލަދު ގަންނަންޖެހޭ ކަމެއް ނޫން، ދެންވެސް ހަގީގަތް ހާމަކުރޭ، އޭރުން މިހާރު ހުރި އެތިކޮޅުންވެސް ފުއްދާނީ
އިސްމާލުކަލޭފާނު
19 April 2020
އެކަމަކު އެސްޓީއޯއާ އެހެން ބޮޑެތި ވިޔަފާރިތަކުން ބުނޭ ދައްޗެއްނެތި މުދާ ލިބޭނެއޭ. އެއްމަސްވެގެންދާއިރު މުދާ ނުލިބުމަކީ ދެރައެއް. ހަމަ ރާއްޖެތެރޭގައިވެސް އެތިބީ ހަމަ ރާއްޖޭމީހުން.
ގެރިގާ
19 April 2020
މީހުން ގޭގަ ބައްކުރަން މުދާ ގެޔަށް ވައްދާތީ ހުސްވަނީ.