ރިޕޯޓް / ކޮވިޑް-19

އަމިއްލަ އަށް އެކަހެރިވެ ސަލާމަތްކޮށްދިނީ މުޅި ރަށް

އުލިގަމުން ޕޮޒިޓިވްވި މީހާ ސީ ޕްލޭނާ ހަމައަށް ގެންދަން އެމްބިއުލާންސަށް އަރުވާފައި.

މި ވައިރަސް އޭނާގެ ގައިން އެހެން މީހަކަށް ފެތުރޭކަށް ބޭނުމެއް ނުވެ އެވެ؛ މުޅި ދުނިޔެ ނާމާންކުރަމުން ކޮވިޑް-19 ރާއްޖެއާ ހިސާބަށް ވެސް އައިއިރު، ހއ. އުލިގަމުގެ މި 27 އަހަރުގެ ޒުވާނާ ހުރީ މި އަޒުމުގަ އެވެ. މި ބަލީގައި މީހުން މަރުވަމުން ދިޔަ އަދަދާއި ސިއްހީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށް ގޮތް ހުސްވެ، ކުރިމަތިލާން ޖެހިފައިވާ އުނދަގޫތައް އޮޅުންފިލުވި އެވެ. ރާއްޖޭގައި، ސިއްހީ ތަޖުރިބާކާރުން ފުރަތަމަ ދުވަހުން ފެށިގެން ދެމުން އައި އިރުޝާދުތައް އަޑުއަހައި އަމަލު ވެސް ކުރި އެވެ.

މިގޮތުގައި ހުއްޓައި ވައިރަހަށް ޕޮޒިޓިވްވުމުން އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން އެންމެ ފުރަތަމަ މި ބަލި ޖެހުނީ އޭނާ އަށެވެ. ކުރިމަތިވި ބިރުވެރި، އުނދަގޫ ހާލަތުގައި ވެސް އޭނާ ބެލީ، ކުރިން ވެސް ނިންމައިގެން ހުރި ގޮތަށް، އެހެން އެއްވެސް މީހަކަށް އޭނާއާ ހެދި ނުރައްކާވިޔަ ނުދޭށެވެ. އެ މަސައްކަތް ކާމިޔާބެވެ.

ބައްޔަށް ޕޮޒިޓިވް ވިކަން ނޭނގެނީސް އަމިއްލަ އަށް އެކަހެރިވެ، އޭނާ މުޅި ރަށް ސަލާމަތްކޮށްދީފި އެވެ.

އުލިގަމުން ޕޮޒިޓިވްވި މީހާ ފަރުކޮޅަށް ގެންދަން ސީ ޕްލޭން އެ ރަށުގައި: ބަލި ޖެހިފައި ހުރެދާނެ ކަމަށް ބަލައި އޭނާ އެކަހެރިވީ އަމިއްލަ އަށް.

މާލެ އިން ރަށަށް ގޮސް އުޅެނިކޮށް ޕޮޒިޓިވްވުމުން އިތުރު ބަޔަކު ޕޮޒިޓިވްވެދާނެ ކަމަށް ބަލައި އުލިގަން މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ. މާލެ އިން އޭނާ އެކު ބޯޓުގައި ދަތުރުކުރި އެންމެން އައިސޮލޭޓް ވެސް ކުރި އެވެ. އެ މީހުން ފޭބި، ހަތް ރަށެއް ވެސް މޮނިޓަރިންގެ ހާލަތުގައި ބޭއްވި އެވެ. އެކަމަކު އުލިގަން ހިމެނޭ ގޮތުން މި ކޭސްއާ ގުޅިގެން އެއްވެސް ރަށަކުން އެއްވެސް މީހަކު ޕޮޒިޓިވްކަން އެނގޭކަށް ނެތެވެ. އެހެންވެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މި ހަފުތާގައި އެ ރަށްތައް މޮނިޓަރިންގެ ހާލަތުން ނަގައިފަ އެވެ. އެ ބޯޓުން ދަތުރުކުރި ތަކަންދޫ ތިން މީހަކު ޕޮޒިޓިވް ވެފައި ވިޔަސް އެއީ ސީދާ އުލިގަމު ކޭސްއާ ގުޅުން ހުރި ބައެއް ކަމެއް ބުނާކަށް ނޭނގެ އެވެ. އެކަމާ އެޗްޕީއޭ އިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ކުޑަބަނޑޮސް އައިސޮލޭޝަން ފެސިލިޓީގައި ހުރި، އުލިގަމުން ޕޮޒިޓިވްވި މީހާގެ ތަޖުރިބާ "މިހާރު" އަށް ކިޔައިދެމުން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ވަރަށް ބޮޑަށް ސަމާލުވެގެން އުޅެނިކޮށް ބަލި ޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އެއަށް ވުރެން ބޮޑަށް ހާސްވީ، އޭނާއާ ހެދި އިތުރު އެއްވެސް މީހަކަށް ބަލި ޖެހިފައި ހުރެދާނެތީ ކަމަށް ބުންޏެވެ.

"ފުރަތަމަ ވަރަށް އުނދަގޫވި. އެކަމަކު ރަށް މޮނިޓަރިންގެ ހާލަތުން ނެގީމަ މިހާރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. ރަށުގެ އެހެން އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން މި ބަލި ނުޖެހި ސަލާމަތްވީމަ،" އޭނާ ބުންޏެވެ.

ހއ. އުލިގަން: އެ ރަށުން އެކަހެރިކުރި އެންމެންގެ ނަތީޖާ ނެގެޓިވްވުމުން ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައި.

އޭނާ އަށް ބަލި ޖެހުނީ މާލެ އިންނެވެ. އެއީ އޭނާ ދިރިއުޅުނު އިމާރާތުން ކަމެއް ނުވަތަ ބާޒާރުމަތިން ކަމެއް ޔަގީންކޮށް ބުނަން އުނދަގުލެވެ. މާލޭގައި އޭނާއާ އެކު އެއް ކޮޓަރިއެއްގައި އުޅުނު ދިވެއްސަކު ވެސް ޕޮޒިޓިވްވެ މިހާރު ހުރީ އެކަހެރިކޮށްފަ އެވެ.

"ރައްކާތެރިވާން ސަމާލުކަން ދިނިން"

މިިދިޔަ އެޕްރީލް މަހުގެ ތެރޭގައި، އުލިގަމުން މާލެ އަންނަން ޖެހުނީ މަޖުބޫރީ ހާލަތެއް މެދުވެރިވުމުންނެވެ. ބަފައިބެގެ ސިއްހީ ހާލު ކުއްލިކަށް ގޯސްވެ، ހއ. އަތޮޅުގައި ފަރުވާދެވޭނެ ގޮތެއް ނެތީ އެވެ. އޭރު މާލޭގައި ވައިރަހެއް ނުފެތުރެ އެވެ. އެކަމަކު ކުރެއްދޫ ރިސޯޓުގައި އޭރު އުޅުނީ އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ބަޔަކަށް ބަލި ޖެހިގެންނެވެ. އެކަން އެނގުނީ އޭނާ ފުރައިގެން ދިޔަ ފަހުންނެވެ.

އުލިގަމު، ސަރުކާރު އޮފީހެއްގައި އުޅެމުން ޗުއްޓީ ނަގައި މާލެ އަންނަން ޖެހުނަސް ގިނަ ވަގުތު އޭނާ އުޅުނީ ހޮސްޕިޓަލްގަ އެވެ. އިތުރު ތަންތަނަށް ނުދިޔައީ ވައިރަހުގެ ބިރު އޮތުމުން ކަމަށް ބުންޏެވެ.

"އޭރު މާލެ އިން ވައިރަސް ނުފެނުނަސް މާސްކް ވެސް އަޅައިގެން އަބަދު އުޅުނީ. ސޯޝަލް ޑިސްޓެންސިން އަށް ވެސް ބެލިން. ހޮސްޕިޓަލުން ގެއަށް ނޫން އިތުރު އެއްވެސް ތަނަކަށް ނުވެސް ދަން،" އޭނާ ކިޔައިދިނެވެ.

މާރުކޭޓު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ: ވައިރަހުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ ބާޒާރުމަތި-- ފޮޓޯ/ މިހާރު

ބަފައިބެގެ ފަރުވާ ހަމައަކަށް އެޅުމުން، އެނބުރި ރަށަށް ދާން ނިންމައި، ހޮސްޕިޓަލް ފިޔަވައި އިތުރު ތަނަކަށް ދިޔައީ ފުރުމުގެ އެއް ދުވަސް ކުރިން ބާޒާރު މައްޗަށެވެ. ރޯދަމަސް ކުރިއަށް އޮތުމުން ބޭނުންވާ ސާމާނު ގަނެގެން، ޖެހިގެން އައި ދުވަހު ފުރަން "ކާވިޔާ" ބޯޓަށް އަރައި ވެސް ބެލީ އޭގައި ތިބި މީހުންނާ ދުރުގައި ހުރެވޭތޯ ކަމަށް ބުންޏެވެ.

"ބޯޓަށް އެރި ގޮތަށް ނުވެސް ތެދުވަން ފާޚާނާއަކަށް ދާން ނޫނީ ނަމާދުކުރަން، ކާން ނޫން ގޮތަކަށް،" އޭނާ ބުންޏެވެ.

މާލެ އިން ފުރި ބޯޓު 24 ގަޑިއިރު ފަހުން ހއ. އިހަވަންދޫގައި ބަނދަރުކުރީ އެ އަތޮޅު ތަކަންދު އާއި ހދ. ވައިކަރަދު އަށް މީހުން ބޭލުމަށް ފަހު އެވެ. ބޯޓުގައި ގިނަ ބަޔަކާ ދިމާވެ، ވާހަކަ ދައްކައެއް ނުހަދަ އެވެ. އޭނާ އިހަވަންދޫން އުލިގަމަށް ދިޔައީ ޑިންގީއެއްގަ އެވެ.

"އައީ އާދައިގެ ހުމެއް"

އަންހެނުންނާއި ދަރިފުޅު އަދި މައިންބަފައިންނާއި އާއިލާގެ އެހެން މީހުންނާ ދުރުގައި މާލޭގައި އުޅެފައި ދިޔަޔަސް 14 ދުވަސް ކުރިން އެއްވެސް މީހަކާ ދިމާނުވާން މާ ކުރިން ހުރީ ނިންމައިގެންނެވެ. ގެއަށް ގޮސް ވަކި ކޮޓަރިއެއްގައި އަމިއްލަ އަށް އެކަހެރިވީ އެވެ.

"ދަރިފުޅާއި އަންހެނުންނާ ކިތަންމެ ބައްދަލުކުރަން ބޭނުންވިޔަސް އެއީ ރަނގަޅު ގޮތަކަށް ނުވާނެތީ ކެތްކޮށްލައިގެން ހުރީ ވަކިން ކޮޓަރިއެއްގައި. އެތަނުގައި 14 ދުވަހަށް ކެވޭނެ ގޮތް ވެސް ހަމަޖައްސަން ނިންމައިގެން ހުރީ،" ރައްކާތެރިކަމުގެ ގޮތުން އަމަލުކުރި ގޮތް ކިޔައިދެމުން ބުންޏެވެ.

އެކަމަކު ޖެހިގެން އައި ދުވަހު ހުން އައީ އެވެ. ބޮލާއި ގައިގައި ރިއްސުން ފަދަ އާއްމު ރޯގާތަކުގައި ދިމާވާ ކަންކަން ފިޔަވައި އިތުރު ކަމެއް ފާހަގައެއް ނުވެ އެވެ. އެހެންވެ ހުމަށް އާއްމުކޮށް ކައި އުޅޭ ބޭސް ބޭނުންކުރި އެވެ. އެއީ ކޮވިޑަށް ނުވާނެ ކަމުގެ އުއްމީދާ އެކު ހއ. ޓާސްކް ފޯހަށް ގުޅައި އަލާމާތްތައް ރިޕޯޓްކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

"އެހެން ހުއްޓައި ހަބަރު ލިބުނީ މާލެ ގޮސް ހުރި ފްލެޓުގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަން. ދެން އެއީ އެޗްޕީއޭ އަންގަން މުހިއްމު ކަމެއް ކަމަށް ފެނުމުން ގުޅީ،" އޭނާ ބުންޏެވެ.

ހއ. އަތޮޅުގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ރެޕިޑް ރެސްޕޯންސް ޓީމުން ނެގި ސާމްޕަލްގެ ނަތީޖާ ދެ ދުވަސް ފަހުން، މިދިޔަ މަހުގެ 19 ގައި ލިބުނުއިރު އެނގުނީ ބައްޔަށް ޕޮޒިޓިވް ކަމެވެ. ހަމަ އެ ދުވަހު އުލިގަން މޮނިޓަރިން ހާލަތަށް ލައި ސީ ޕްލޭނެއްގައި ޖެހިގެން އައި ދުވަހު އޭނާ ގެންދިޔައީ ކޮވިޑް-19 ގެ ފަރުވާ އަށް ޚާއްސަކުރި ފަރުކޮޅުފުއްޓަށެވެ.

ކޮވިޑް-19 ގެ ބަލިމީހުން ބައިތިއްބަން ފަރުކޮޅުފުށީގައި ހަދާފައިވާ ކޮޓަރިއެއް.---ފޮޓޯ: ހެލްތު މިނިސްޓްރީ

އޭނާ ބުނިގޮތުގައި އެތަނުގައި އޭރު ބަލި ޖެހިގެން ޒުވާން އުމުރުގެ ދެތިން މީހަކު ބާއްވާފައި އޮތެވެ. އެއްވެސް މީހަކު ސީރިއަސްއެއް ނޫނެވެ.

އޭނާ ބުނީ ފަރުކޮޅަށް ގެންދިޔަ ފަހުން ކޮންމެ ދުވަހަކު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ހުން ބަލައި ހާލު އޮޅުންފިލުވިޔަސް ބޭހެއް ނުދޭ ކަމަށެވެ. ކަމެއް ދިމާވެދާނެތީ ބަލިމީހުންނާ އެކު އަބަދުވެސް ނަރުހުން ޑިއުޓީގައި ތިބެ އެވެ. މި ބަލީގައި މާ ބޮޑު ފަރުވާއެއް ނޯންނަ ކަމާއި ބޮޑުވަރު ވަނީ ބަލި ޖެހޭ އުމުރުން ދުވަސްވީ މީހުންނަށް ކަން ޑޮކްޓަރުން ކިޔައިދިން ވާހަކަތައް ހަނދާނުގައި ހުރުމުން ބަލި ޖެހުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ނުނަގަ އެވެ.

"ﷲ އަށް ވަކީލުކޮށްގެން، ވަރަށް ޔަގީންކަމާ އެކު ފުރަތަމަ ދުވަހު ވެސް ހުރީ،" އޭނާ ބުންޏެވެ.

"ފަރުކޮޅަށް ގެންގޮސް ހުމާއި ޕްރެޝާ ބަލައި އެކްސްރޭ ނަގައި ޑޮކްޓަރުން ވިދާޅުވީ ވަރަށް ކުޑަކޮށޭ އިންފެކްޝަން ހެދިފައި ހުރީ. އަވަހަށް ރަނގަޅުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް."

އެ ހިސާބުން ހާސްކަން ފިލައިދިޔަސް އެންމެ ކަންބޮޑުވީ އާއިލާގެ މީހުން ދެރަވެފައި ތިބި ވަރުންނެވެ.

ފަރުކޮޅުގައި ބޭއްވުމަށް ފަހު އެތަނުގައި ތިބި ހާލު ރަނގަޅުވަމުން އަންނަ މީހުންނާ އެކު އޭނާ މިދިޔަ ހުކުރުދުވަހު ވަނީ ބަނޑޮހަށް ބަދަލުކޮށްފަ އެވެ. އޭގެ ކުރިން މިދިޔަ އަންގާރަދުވަހު ނެގި ސާމްޕަލް ޓެސްޓުކުރި އިރު ނަތީޖާ އައީ ޕޮޒިޓިވްކޮށެވެ. އެކަމަކު އެއްވެސް އަލާމާތެއް އޭނާގެ ކިބައިން މިހާރު ނުފެންނާތީއާ އެކު ޑޮކްޓަރުންގެ ނިންމުމަކީ ނަތީޖާ ނެގެޓިވްވަންދެން އެކަހެރިކޮށްފައި ބެހެއްޓުމެވެ. އޭނާގެ ޓެސްޓް އަލުން މިއަދު ކުރާއިރު، އުއްމީދުކުރަނީ ބަލިން ސަލާމަތްވާނެ ކަމަށެވެ.

"މިއަދު ނަގާ ސާމްޕަލް އިން ޓެސްޓް ނެގެޓިވް ވިޔަސް އެހާ އަވަހަކަށް އަދި ނުދެވޭނެ، މިކޮޅުގައި 14 ދުވަސް މަޑުކުރަން ޖެހޭ، ޔަގީންވަންދެން،" އޭނާ ބުންޏެވެ.

ބަލިން މުޅިން ރަނގަޅުވި ކަމުގެ ކަށަވަރުކަމާ އެކު ނޫނީ ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އާއިލާއާ ދުރުގައި ހުންނަން އުނދަގުލަސް އޭނާ ހުރީ ކެތްތެރިވެގެންނެވެ.

މި ބަލީގައި، އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައި އޭނާ ކުރި މަސައްކަތް ރަނގަޅެވެ. ކަމާ ބެހޭ އިދާރާތަކުން އައިސް އެކަހެރިކުރަންދެން މަޑެއްނުކުރެ އެވެ. އޭގެ ކުރިއަށް ފަރުދީ ޒިންމާ އިސްކުރީ އެވެ. އަމިއްލަ އަށް އެކަހެރިވެ، ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދަށް އަމަލުނުކުރި ނަމަ، އުލިގަމުގެ އެހެން ބަޔަކު ވެސް ބައްޔަށް ޕޮޒިޓިވްވުން އޮތީ ކައިރީގަ އެވެ. އެކަމަކު ފަރުދީ ޒިންމާ ނެގިލެއް ރަނގަޅުކަމުން، އޭނާގެ ފަރާތުން ވައިރަސް ނުފެތުރި ރަށް ވެސް ސަލާމަތްވި އެވެ. އެހެންކަމުން އެއީ ނަމޫނާ މަސައްކަތެކެވެ.

34 ކޮމެންޓް, 543 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 2%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާންޓޭ

04 May 2020

ގައުމު ފަހުރުވެރިވާ ކަހަލަ ޒުވާނެއް މިއީ އަޅުގަޑުމެންތެރެއިން ފެންނަންވީ ރިވެތި އަހުލާގަކީ މިދައްކައި ދިނީ އަވަސް ސިފާއަކަށް އެދެން

The name is already taken The name is available. Register?

އަހުމަދުއަލޯ

04 May 2020

ފަަށްފަށުން ޝުކުރު. އޭނާގެ އަމަލުން އެތަށްބައެއްގެ ކެކުޅުން އެ ސަލާމަތް ކުރެވުނީ. ދަރުމަހުރި..

The name is already taken The name is available. Register?

ސިމްޕަލް

04 May 2020

ފަރުދީ ޒިންމާ އަދާކުރުމުގެ ފުރިހަމަ މިސާލެއް. މިއީ ހަގީގީ ދިވެހިންނަކީ.

The name is already taken The name is available. Register?

ކޮރަލް

04 May 2020

މިފަދަ މީހުންގެ ވާހަކަ.ނޫސް ކޮންފަރެންސް ގަ ދައްކާނަމަ އެހެން.މީހުން ހޭލުން ތެރި ވާނެ އެވެ. ތިޔަ ކަންތައް ކުރީ ވ ރަނގަޅަށެވެ.

The name is already taken The name is available. Register?

ނެޕީކަޅޭ

04 May 2020

ބޮޑަށް ބެލެވެނީ ބާޒާރުމަތިން ބަލި ޖެހުނީކަމަށް.

The name is already taken The name is available. Register?

އޭނާ

04 May 2020

މާޝާﷲ. ވަރަށް ޚިކުމަތްތެރި ބޭފުޅެއް..އަވަސް ޝިފާއެއް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި...އާމީން

The name is already taken The name is available. Register?

ރާޖާ

04 May 2020

ތަކަންދޫއިން ޕޮޒިޓިވުވި ކޭސްތަކަކީ މި ބޭފުޅާ ދަތުރުކުރެއްވި ކާވިޔާބޯޓާ ގުޅުންހުރިކޭސްތަކެއް

The name is already taken The name is available. Register?

ޢަނީ

04 May 2020

ވަރަށް ހިކުމަތްތެރި ބޭފުޅެއް.

The name is already taken The name is available. Register?

ތިރަށުއައްމަޑޭ

04 May 2020

ބައެެް ރަށްރަށުގަ "ބާރުގަދަ ޕާރޓީ" މީހާ ބޭނުންވީމަ މާލެއިން މީހުން ރަށަށް އެހެރަ ގެންނަނީ..ރޭގަނޑު ދަންވަރު ސިއްރުން..

The name is already taken The name is available. Register?

ވޮޗްޑޮގް

04 May 2020

ރަށަށް ދާން ބޭނުން ބަޔަކު ރަށަށް ގޮސް އަމިއްލައަށް އެކަހެރިވާނެ ފުރުސަތު ދޭންޖެހޭ. ރަށުގެ އެހެނިހެން ރައްޔަތުން އެހެން ގެއަކަށް ނުދާންވީ. އަދި ތިބޭފުޅުންގެ ގެއަށް އެހެން މީހަކު ވެސް ވަދެ އުޅުން މަނާކުރަން ވީ. މީ ވަރަށް ސިމްޕަލް ކޮމަން ސެންސެއް. ކިހިނެތް ވެގެންތޯ މި އުޅެނީ. އަމިއްލަ ގޭގައި ތިބެމާ.

The name is already taken The name is available. Register?

ހޭޓް

04 May 2020

މާލޭގަ އުޅެފަދިޔައިރު އެހެން ކްލަސްޓަރ އަކުން ބަލިޖެހިފަހުރިކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454