ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު
14 އޯގަސްޓް 2020 - 14:48
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅަކީ "ޑްރާމާއެއް" ކަމަށް އިދިކޮޅުން ބުންޏަސް ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ އަދި އާދައިގެ ކަމެއް ނޫނެވެ. ނަޝީދަކީ ސިޔާސީ ގޮތުން އަބަދުވެސް "ހަ ކުޅި" ކުރިއަށް ކުޅުއްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ވާތީ މިފަދަ ކޮންމެ ކަމެއްގެ ފަހަތުގައި އެމަނިކުފާނުގެ ބާރު ގަދަކުރުމުގެ ނިޔަތް އަބަދުވެސް އޮވެ އެވެ.
އަމިއްލަފުޅު ޕާޓީގެ އަދި ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ އެންމެ މުހިންމު އެއް ވުޒާރާ ހިންގަވަން ހުންނެވި ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަން ސީދާ ނަޝީދު އަމިއްލަފުޅަށް ނުކުންނަވައި، އެކަމަށް ކެމްޕެއިން ކުރެއްވުމުން އެނގެނީ ސިޔާސީ ގޮތުން ބޮޑު "ހިލުންގަނޑެއް" އޮތް ކަމެވެ. އެ ލިޔުމުގައި އެންމެ ފުރަތަމަ ބޭފުޅަކަށް ނަޝީދުގެ ސޮއި އޮތުމަކީ އޭގެ ހެއްކެކެވެ.
އެކަށީގެންވާ ވަރަށް ޒިންމާ އަދާނުކުރައްވައިގެން ނުވަތަ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރައްވާތީ، ކެބިނެޓުން ބޭރުކުރަން ބޭނުންފުޅުވާ ނަމަ، ފައްޔާޒަށް ވުރެ މާ ފަސޭހައިން އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ވަޒީރުން އެބަ ތިއްބެވި އެވެ.
އޭގެ ތެރެއިން ބައެއް ވަޒީރުން މީގެ ކުރިން މަޖިލީހަށާއި މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، ޒިންމާ އަދާނުކުރައްވައިގެން ސުވާލުތައް ކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ކަންކަން އެ ވަޒީރުން ރަނގަޅު ވެސް ކުރައްވާފައި އެބަ ހުއްޓެވެ. އަދި ކެބިނެޓުން ބޭރުކުރާނެ ކަމުގެ އިންޒާރު މަޖިލިހުގެ ތަޅުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކޮށް ދެއްވާފައިވާ ވަޒީރުން ވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވަޒީރުންނެވެ. ޔަގީނުން ވެސް މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު މިހާ ގިނައިން ބައެއް ވަޒީރުންނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދީފައިވާއިރު، އެއިން ބޭފުޅަކާ ދެކޮޅަށް ސޮއި ހޯއްދަވަން އުޅުއްވުމުގެ ބަދަލުގައި މިނިސްޓަރު ފައްޔާޒާ ދިމާއަށް ކުއްލިއަކަށް މިސްރާބު ޖެއްސެވުމުގެ ބޮޑު ސަބަބެއް ނެތިއެއް ނުދާނެ އެވެ.
އިއްޔެ ލީކުކޮށްލި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގެ ޗެޓް ލޮގުގައި ފައްޔާޒަށް އަމާޒު ކުރައްވައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކުން ދޭހަވަނީ ސަރުކާރުގައި ފައްޔާޒުގެ ބާރު އިންތިހާ އަށް ގަދަވެ، "ބްރޯ" އަކަށްވުމަކީ ނަޝީދުގެ ކަންބޮޑުވުމެއް ކަމެވެ. "ބްރޯ" ނިސްބަތްކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ގާތް ޓޫރިޒަމް ވަޒީރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބަށެވެ. އެހެންކަމުން "ބްރޯއަކަށް" ވާން ފައްޔާޒު އުޅުއްވުމުގެ ތުހުމަތުން ދޭހަވަނީ އެމްޑީޕީ ތެރޭގައި އެފަދަ ބާރުގަދަ ބޭފުޅަކު އުފެދުނަ ނުދޭނެ ކަމެވެ. މުޅި ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އެހެން ބޭފުޅެއްގެ ބާރު ގަދަވުމަށް ނަޝީދު އަބަވެސް ދެކޮޅުހައްދަވާ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން ނުރަސްމީކޮށް ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދާއި ފައްޔާޒު: ސަރުކާރުގެ ތެރޭގައި ފައްޔާޒު އުޅުއްވަނީ "ބްރޯ" ހެދިގެން ކަަމަށް ނަޝީދު ތުހުމަތު ކުރައްވާ.
އެކަމަކު ސުވާލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ވަރަށް ރަނގަޅު ކަމަށް އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރާއިރު، ފައްޔާޒުގެ ކިބާގައި "ބްރޯ" ގެ ސްޓައިލް ހުރި ނަމަ އެކަން މައިތިރި ނުކުރެވި، ވޯޓަކާ ހަމައަށް ދާން މި ޖެހެނީ ކީއްވެ ހެއްޔެވެ؟ ރައީސަށް ވުރެ، ފައްޔާޒު ވަރުގަދައީ ހެއްޔެވެ؟ ނޫނީ ރައީސަށް ދަންނަވައިގެން ވެސް ނަޝީދަށް އަލި މަގެއް ފެނިވަޑައިނުގަތުމުން އިތުބާރު ނެތްކަމުގެ ވޯޓު އިހުތިޔާރު ކުރެއްވީ ހެއްޔެވެ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ހަމަ އަސްލު ވެސް ގޯހީ ހެއްޔެވެ؟ ނުވަތަ ނަޝީދު ބޭނުންފުޅުވާ ކަމެއް ކުރައްވަން ރައީސް ދެކޮޅު ހެއްދެވީ ހެއްޔެވެ؟
ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފައްޔާޒު ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާއަކީ ކެރިގެން، ސީދަލަށް ވާހަކަ ދައްކަވާ، ބައެއް ފަހަރު ޑިޕްލޮމެޓިކް އުސޫލުން ވެސް ބޭރަށް ނުކުންނަވާ ބޭފުޅެކެވެ. އެހެން ބައެއް ވަޒީރުން ގެންގުޅުއްވާ ހަމައިން ފައްޔާޒު ބޭރުވެ، ނިއުސް ބްރީފިންތަކުގައި ވާހަކަ ދައްކަވާ އަދި ޓުވީޓު ވެސް ކުރައްވަ އެވެ. މިސާލަކަށް ކޮވިޑް-19ގެ މި ބަލިމަޑުކަމުގަައި އިގުތިސާދީ ގޮތުން ބައެއް ކަންކަން ކުރެއްވުމުގައި ޓޫރިޒަމް ދާއިރާގެ އެންމެ އިސް ބައެއް ބޭފުޅުންނާ ފާޑުވިދާޅުވުން ހިމެނެ އެވެ. އެކަން ވެސް ބޮޑު ކޯޅުމަކަށް ވި އެވެ. އަދި މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްއާ ގުޅޭ ގޮތުން ފާޅުގައި ދެއްކެވި ވާހަކަތަކެއްގެ މައްސަލައެއް ވެސް ފެންމަތިވި އެވެ.
ބައެއް ވަޒީރުންނަށް ފައްޔާޒު ސިފަކުރެވެނީ "ގަޓު" ހުރި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ވަޒީރުންގެ ނަޒަރުގައި އެ ބޭފުޅުންގެ "އިސް ވަޒީރަކީ" ވެސް ފައްޔާޒެވެ. މިގޮތަށް ލޭބަލް ވެފައިވާ ވަޒީރުންތަކެއްގެ ނަން ވެސް އިވެ އެވެ.
އޭގެ ނަތީޖާ އަކީ ބައެއް ކަންކަން ސަރުކާރުގެ ތެރެއިން ކުރުމުގައި ފައްޔާޒުގެ އެހީތެރިކަން ހޯދުން އާންމުވުމެވެ. ކަންކަމުގައި ފައްޔާޒުގެ ބޭނުން ހިފުން އިތުރުމެވެ. ރާއްޖެ ޓީވީގައި ރޭ އޭނާއާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް އެއްބަސްވެވަޑައިގަތެވެ. ސަރުކާރުން ބޭނުންވާ ކަންކަމުގައި މެމްބަރުންނާ ވާހަކަ ދެއްކެވުމަކީ "ވަރަށް ގަދައަށް" ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި ވެސް މެމްބަރުންނާ ލޮބީކުރައްވަ އެވެ. މަޖިލީހަށް ސަރުކާރުގެ ފަރާތުން ފޮނުވާ ބިލްތައް ފާސްކުރުމުގައި ވެސް ފައްޔާޒު ލޮބީ ކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ރިޔާސީ ނިޒާމުގައި އެއީ އެކަން އޮންނަ ގޮތް ކަމަށް ވުމުން ކުރައްވަނީ އެވެ.
އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ނުރަސްމީކޮށް ވިދާޅުވާ ގޮތުން ނަމަ، ފައްޔާޒު އިސްކޮށް ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް "ލޮނުމަޑުވުމުން" ނެވެ. އަދި ރައީސާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ ގުޅުން ރަނގަޅު ނަމަ މި ހިސާބަށް ދާން ނުޖެހުނީސް ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކު ހުންނަވާއިރު، ބައެއް ހާލަތުގައި އޭނާ ބައިޕާސްކޮށް، ވަކިވަކި މެމްބަރުންނަށް ސަރުކާރުގެ ތެރެއިން ގުޅައިގެން ފައްޔާޒު ލޮބީ ކުރައްވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކަމަށް ވުން ވެސް ކައިރި އެވެ. ހުރިހާ ފަހަރަކު ސީދާ ރައީސް މެމްބަރުންނާ ގުޅުއްވުމުގެ ބަދަލުގައި، އެކަން ކުރައްވަން އެމަނިކުފާނުގެ ފަރާތްޕުޅުން ފައްޔާޒު އެ މަސްއޫލިއްޔަތު އަދާކުރެއްވުކީ އެންމެ އެކަށީގެންވާ ގޮތެވެ.
ނަޝީދު ވިދާޅުވާ ގޮތުން ނަމަ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މިހާރު ވެސް 30 މެމްބަރެއްގެ ސޮއި އެމަނިކުފާނު ވަނީ ހޯއްދަވައިފަ އެވެ. މިހާ ހިސާބަށް ގޮސް މިކަން ނަޝީދު ހުއްޓާލައްވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އެންމެ ގާތީ މަޖިލީހަށް މައްސަލަ ވައްދައިގެން ކޮޅެއްގައި ޖެއްސެވުމެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި ސޮއިނުކުރައްވާ ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ މެމްބަރުންނާ ދެމެދު އޮތީ "ފާރެއް" ލެވިފަ އެވެ. އެއީ ތެދެއް ނަމަ އެ "ފާރު" ލެވިފައި އެ ހުރީ ރައީސާއި އެމްޑީޕީގެ މަޖިލިހުގެ މެމްބަރުންނާ ދެމެދު އޮތް ރައީސްގެ ގުޅުމަކީ ފައްޔާޒަށް ވުމުން ކަމަށް ވެދާނެ އެވެ. އެކަމަކު އެމްޑީޕީގެ މެމްބަރުންނަށް މީގެ ކުރިން ފެނިވަޑައިގަތީ ވެރިކަމުގައި ނަޝީދު ހުންނެވިއިރު، ކޮންމެ ދުވަހެއްގެ މެންދުރު ކާން މުލީއާގެ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވައި، އެކި ކަންކަމުގައި ސީދާ ނަޝީދު، މެމްބަރުންނާ ލޮބީކުރެއްވި ތަނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ގާތް މެމްބަރުން ތިއްބަވަ އެވެ. އެކަމަކު ކޮންމެކޮންމެ މެމްބަރަކާ އެ ގުޅުން ނޯންނަ ކަމަށްވެ އެވެ. ބައެއް މެމްބަރުންނަށް ރައީސްގެ އެޕޮއިންޓުމަންޓް ހޯދުމުގައި ވެސް އުނދަގޫވާ ކަމަށް، ބައެއް މެމްބަރުން ވިދާޅުވެ އެވެ.
"އެ ފްރަސްޓްރޭޝަން ބައެއް މެމްބަރުންގެ ތެރޭގައި ވަރަށް ބޮޑަށް އެބަ އޮތް. ނަޝީދު ނުކުމެވަޑައިގެން 30 ސޮއި ހޯއްދެވީ އެހެންވެ ކަމަށް ވެސް ބުނެވެން އެބަ އޮތް،" އެމްޑީޕީގެ މަޖިލިސް މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވާ ގޮތުން ނަމަ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މިހާރު ވެސް 30 މެމްބަރެއްގެ ސޮއި އެމަނިކުފާނު ވަނީ ހޯއްދަވައިފަ އެވެ. މިހާ ހިސާބަށް ގޮސް މިކަން ނަޝީދު ހުއްޓާލައްވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން އެންމެ ގާތީ މަޖިލީހަށް މައްސަލަ ވައްދައިގެން ކޮޅެއްގައި ޖެއްސެވުމެވެ.
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހާއި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޑައިގަންނަވަނީ: މެމްބަރުންނަށް ގުޅުއްވައި ލޮބީ ކުރައްވާ ކަމަށް ފައްޔާޒު ރޭ ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
ނަމަވެސް ފައްޔާޒު މި "ގުރުބާން" ކުރައްވަނީ ކުޑައިރުގެ ދެ ރަހުމަތްތެރިންގެ "ސިޔާސީ ގުޅުން" ވަރަށް ބޮޑަށް ގޯސްވެ، ބަދަލު ހިފުމުގެ ގޮތުންތޯ ސުވާލު އުފެދެ އެވެ. ރައީސްގެ ވެސް އެންމެ ކައިރި އެއް ވަޒީރަކީ ފައްޔާޒެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން މިވަގުތު އެންމެ އުނދަގޫ ވާނެ ގޮތަށް ނަޝީދުގެ "ހަ ކުޅި" ކުޅުއްވަނީ ބާވައޭ ވެސް ހިތަށްއަރަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޗެޓްލޮގްގައި ނަޝީދު ދެއްކެވި ވާހަކަތަކުން އެނގުނު އެއް ކަމަކީ އެމަނިކުފާނު ހުންނެވީ މި ސަރުކާރުގެ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ނުރުހުން ވެފައި ކަމެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލަން މި ޖެހެނީ އެންމެ އެއްގަލަކުން ނޫނެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ ތެރެއިން ސިޔާސީ ގޮތުން އެމްޑީޕީގެ ތެރޭގައި ބާރުގަދަ ބޭފުޅަކު ވެސް "ޓެސްޓު" ކުރުމެވެ. ފައްޔާޒު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވެ އެވެ. ނަޝީދަށް 30 ވޯޓު ހަމަކުރެއްވުމަކީ އަދި އެކަން ކާމިޔާބުވުމެއް ނޫނެވެ. އަދި އެ މަސައްކަތުގައި ނަޝީދު ދޫކުރެއްވުމެއް ވެސް ނޫނެވެ.
މިއީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް މިހާތަނަށް ކުރިމަތިވާނެ އެންމެ އުނދަގޫ ނިންމުމެވެ. މިއީ އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނޯންނާނެ ކަމަށް މަޝްހޫރު ޕާޓީގެ ތެރޭގައި އުފެދޭ އެންމެ ބޮޑު ކޯޅުމަށް ވުން ވެސް ކައިރި އެވެ. ޕާޓީގެ ދެ ލީޑަރުން "އެއްގަކަށް" ނާރުއްވައި، ދެ މަގު ހިޔާރުކުރެއްވީތޯ ވެސް ޔަގީންވާނެ ފަދަ މައްސަލައަކަށް، ފައްޔާޒު "ގުރުބާންކުރަން" އުޅުން ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
علي وحيد
16 August 2020
ކަމަކީ ޑުރާމާެެއް ފައްޔާޒު މެދުވެރިކޮށް ބޭނުންވަނީ އެންމެކަމެއް ހުއްޓިވަން އެކަމެއްހުއްޓުވަން ޖައްސާ ޑުރާމާއެއް ކަމަކީ ރާއްޖެއިން ބޭރުކުރާ ބިދޭސީންގެ ތެރޭގައި ހިމެނޭ އިންޑިއާގެ މީހުން ފޮނުވާލުން ހުއްޓުމަކަށް ގެނައުން އެއީ އިންޑިއާގެ ތާއީދުގެއް އިންޑިއާއިން މިގައުމު އަޅުވެތި ކުރުމަށް ކުރާ މަސައްކަތައް ހުރަސް އެޅިދާނެތީ
ކަރުސަތުނާ
16 August 2020
އެން މެ އެއް ވަރުގަދަ ވުޒާރާ އޭ ބުނާއިރު އަދީބުގެ ވެރިކަމުގައި އެބޭފުޅާ އަކީ ޓޫރިޒަ މް. ހީވަނީ ވުޒާރާއަކަށް ވުރެ މީހާއާއި ގުޅުން ހުރިކަމެއް ހެން. އަދީބު އަތް ނުބާނާ މުވައްސަސާއެއް ކުންފުންޏެއް ބޭންކެއް އޭރުނެތް. މިހާރު ކަން ހިނގަނީ ހަ މަ އެއް އުސޫލަކުން ވުޒާރާ ތފާތީ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި. އެއްވެސް ޕްރޮޖެކްޓެއް ވަކި މީހަކު ބުނާ ގޮތަކަށް ނޫނީ ނުގެންދަން ހިފާފަ މިތިއްވވަނީ ވަޒީފާގަނޑެއް ވެސް
ކަނބިލި
15 August 2020
ޔާ މީނަށް ބުރޯ މައްސަލައަކަށްވީ ޔާ މީންގެ ފަރުވާކުޑަކަ މުން. އިބޫއަށް ކަންކަން ކޮންޓްރޯލުނުވެ ވަކި ވަޒީރަކު މަތީ ފަޑިއަށް އަރަނީ އިބޫގެ ލީޑަރޝިޕު ނެތު މުންނާ ގައު މެއްގެ ވެރިއެއް ކިބާގައި ހުންނަން ޖެހޭ ސިފަތައް ނެތުން.
މުލޯޅި
15 August 2020
ނަސީދު މޮޅުވާހަކަ ދައްކަނީ. ނަސީދު އަކީ މިސަރުކާރުގެ ބޮރޯ، މަޖްލިސް ރައީސްއަކީވެސް، މަޖްލިސް ގާޑްނާރ އަކީވެސް. ހެލްތް މިނިސްޓަރަކީވެސް. އެކޮނަމިކް މިނިސްޓަރަކީވެސް.
ހަސަނު1
15 August 2020
ހުރިހާ ކަމެއްގެ އަޑީގައިވެސް އޮންނާނީ ލާރި. ސަރުކާރުން ކުންފުނިތަކަށް ކޮވިޑްގައި ދޭސަޕޯޓް ލޯންތައް އެޕްރޫވްކުރަނީ އިކޮނޮމިކް މިނިސްޓްރީން. އޭގައި ފައްޔާޒުގެ ސީދާބަސްއޮވޭ. މިލޯންތަކުގެ އަދަދު އުޅެނީ މިލިއަނުން. އިނޑިއާއިން ދިން އެހީގެ ޕޯޓް ކޮމްޕޯނަންޓް ނޫނީ 500 މިލިއަން ޑޯލުގެ ބޮޑުބައެއް ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީ. ބޭރުމީހުން ވިޔަފާރިވެރިންގެ ނުރުހުމުގައި ބޭރުކޮށްލަނީ ފައްޔާޒު. ފާޔާއަށް ބިރުދައްކައި ކޮންޓްރޯލް ކޮށްގެއް އެޗެއް ލިބެންއޮތީ.
އެމްޑީޕީމީހާ
15 August 2020
ފިކުރީ ގޮތުން ރާއްޖެ ހިފަން އުޅޭ ބަޔާކާ ގުޅިގެން ރައްޖެއަ ލިބޭނީ އަޅުވެތިކަމުގެ ރަހަ. މީ ވަރައްވާހަކަ.
ވިސްނާލުމަށް އެދެމޭ
15 August 2020
ހަ މަ ޑްރާ މާ.....މޑޕގަ ރނަޝީދުގެ ރއިބޫގެ ނުހުންނާނެ ފައްޔާޒު ބޭރުކޮއްލެނެހާ ގަޓެއް. ޔަގީންކުރޭ ތިކަ މެ ނުކުރާނެ މޑޕއަކުން ސަރުކާރަކުން... މިސާލު ނަގަންޖެހެނީ ބިޔަބޮޑު ކަރައެއް ފަޅާލި ވާހަކަ ވަރަށް އަޑުއެރި..ފުލުހުންވެސް ސަ މާލުވި..ރައީސް އޮފީހުގަ ފަޅާލީ ކީރިތިކުރައްވަ މުން ކަރާގެ ބަރުދަނުގެ ސަބަބުން..ނަތީޖާއަކީ ކޮބާ..ކަރާ ކަޑާލު މުން ވެލަށް ލިބޭނެ ގެއްލުން ވިސްނުނީ ވެލުން ކަރާވަކިކުރިފަހުން ވަގުތުން ވެލަށް ބޭސްޖަހާ ކަރާ ވަޅުލައިފި ރަހަބަލާވެސްނުލާ.
ަބިސް ހަސަނު
15 August 2020
ނަސީދުވެސް ޕާޓީ ތެރޭގައި ” ބްރޯ ” ހެދިގެން ނޫޅެވޭނެ. އިގިއްޖެ. މި ގައުމުގައި ދެން ނަސީދު ސިޔާސީ ގޮތުން ބްރޯ ހެދޭކަށް ރަށްޔިތުން ފުރުސަތެއް ނުދޭނެ.
އަބްދުﷲ
15 August 2020
ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން ކޮންމެ ދުވަހަކު މެންދުރުކާން މުލިއާގެއަށް މަޖިލީސް މެމްބަރުން ގެންދިއުމަކީ ނަޝީދު ހިންގި ކަރަޕްޝަނުގެ އަމަލެކެވެ. އެއީ މަގާމު ނުފޫޒް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ.
އަލީބަލީ
15 August 2020
މިއީ ސަރުކާރަށް ޖެއްސުމަށް ކުރާ ކަމެއް. އެމްޑީޕީއަކީ މިހާރު އިދިކޮޅު ޕާޓީތޯ؟