28 އޯގަސްޓް 2020 - 06:58
އަބީޖާން (އޮގަސްޓް 28) – އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިއެފް)ގެ އިންތިހާބީ ކޮމިޓީން ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން ނިންމައިފި އެވެ.
ކުރީގެ ކުޅުންތެރިންނާއި އައިވަރީ ކޯސްޓުގެ ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ތާއީދު ބޮޑު ޑްރޮގްބާގެ ފޯމު ބަލައިނުގަންނަން އެފްއައިއެފްގެ އިންތިހާބީ ކޮމިޓީން ނިންމީ ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ޑްރޮގްބާ ހިމަނާފައިވާ މައުލޫމާތުތައް ސައްހަ ނުވުމުންނެވެ.
އެ ގޮތުން ކޮމިޓީން ފާހަގަކޮށްފައިވާ ކަމަކީ ޑްރޮގްބާ އަށް ތާއީދުކޮށްފައިވާ ދެ ކްލަބަކުން އިދިކޮޅު އެހެން ދެ ކެނޑިޑޭޓެއްގެ ފޯމުގައި ވެސް ސޮއިކޮށްފައި އޮތުމުންނެވެ. އަދި ޑްރޮގްބާގެ ފޯމުގައި ސޮއިކޮށްފައިވަނީ އެކަން ކުރުމުގެ ބާރު ނޯންނަ ދެ ފަރާތެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެފްއައިއެފްގެ އަސާސީ ގަވާއިދު ބުނާގޮތުން އައިވަރީ ކޯސްޓު ފުރަތަމަ ޑިވިޝަނުގެ ފުރިހަމަ މެމްބަރު ހަތަރު ކްލަބެއްގެ ތާއީދު ނެތި އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ. ޑްރޮގްބާ އަށް މި ވަގުތު ތާއީދު އޮތީ ދެ ކްލަބެއްގެ އެވެ.
ޑްރޮގްބާގެ އިންތިހާބީ ޓީމުގެ ފަރާތުން އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކެންޑިޑެސީ ބާތިލުކޮށްފާނެކަން ކުރިން ވެސް އޮތީ އެނގިފައި ކަމަށާއި އެޕީލް ކުރަން ލިބިފައި އޮތް ފަސް ދުވަހުގެތެރޭގައި އަލުން ކަންތައްތައް ފުރިހަމަކުރުމަށް ފަހު އިންތިހާބުގައި ޑްރޮގްބާ ވާދަކުރާނެ ކަމަށެވެ.
އައިވަރީ ކޯސްޓުގެ ކުރީގެ ކެޕްޓަން ޑްރޮގްބާ އެ ގައުމުގެ ފުޓްބޯޅައިގެ ރައީސަކަށް ގެންނަން ތާއީދުނުކުރަން އެ ގައުމުގެ ކުޅުންތެރިންގެ ޔޫނިއަނުން ނިންމުމާ އެކު އެ ޖަމިއްޔާއާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން ފިޔަވަޅު އެޅި އެވެ.
އައިއެފްއެފްގެ ރައީސްކަން ހޯދަން އިންތިހާބުގައި ޑްރިގްބާ ވާދަކުރަން ޖެހޭނީ މިހާރުގެ ރައީސް ސޮރީ ޑައިބޭޓް އާއި ނައިބް ރައީސް އިދްރީސީ ޑިއާޔޯއާ އެވެ. ދާދި ފަހުން ޑައިބޭޓްގެ އެންގުމާ އެކު ވަކި ކްލަބްތަކަކުން ބޭނުންވެގެން މާދަމާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވައި އިންތިހާބީ ކޮމިޓީ އަށް ބަދަލު ގެންނަން މަސައްކަތްކުރި ނަމަވެސް އެކަން ހުއްޓުވީ ފީފާ އިންނެވެ. ފީފާ އިން އަންގާފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވާފަދަ އެ ފަދަ އަމަލެއް މި ވަގުތު ކޮށްގެންނުވާނެ ކަމަށެވެ.
އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2002-2014 އަށް 105 މެޗުން 65 ގޯލް ޖަހައިދީފައިވާ ޑްރޮގްބާ ވަނީ އެ ގައުމަށް ގިނަ މެޗުތަކެއް ކުޅެދީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފަ އެވެ. އެފްރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ކޮރަޕްޝަނުން އެއްކިބާވެ ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ އިދާރާއަކަށް ހެދެން އޮތީ ޑްރޮގްބާ ރައީސަކަށް ގެނެސްގެންނެވެ. އައިވަރީ ކޯސްޓުގެ ފުޓްބޯޅަ އިންތިހާބު ބާއްވަން މިހާރު ތާވަލުކޮށްފައިވާ ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްރާ
28 August 2020
2002-2014 އަށް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔަކަށް، 2015 ގައި ބޭއްވި އެފްރިކަން ނޭޝަންސް ކަޕް ނެގޭނެ ގޮތެއް ނުވިސްނޭ!