30 އޯގަސްޓް 2020 - 09:22
އަބީޖާން (އޮގަސްޓް 30) – އިންތިހާބީ ކޮމިޓީގެ މަސައްކަތުގެ ތެރެއިން ގިނަ މައްސަލަތަކެއް ފާހަގަކުރެވި އައިވަރީ ކޯސްޓު އެފްއޭގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން އަންގައިފި އެވެ.
ފީފާ އިން ހުކުރު ދުވަހު އައިވަރީ ކޯސްޓު އެފްއޭ އަށް ސިޓީއެއް ފޮނުވައި ވަކި ގޮތެއް އަންގަންދެން އިންތިހާބުގެ މަސައްކަތްތައް މަޑުޖައްސާލަން އެންގިއިރު، ބުރާސްފަތި ދުވަހު އައިވަރީ ކޯސްޓު އެފްއޭގެ އިންތިހާބީ ކޮމިޓީން ވަނީ ޑިޑިއޭ ޑްރޮބާގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން ނިންމައިފަ އެވެ.
ކުރީގެ ކުޅުންތެރިންނާއި އައިވަރީ ކޯސްޓުގެ ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ތާއީދު ބޮޑު ޑްރޮގްބާގެ ފޯމު ބަލައިނުގަންނަން އެފްއައިއެފްގެ އިންތިހާބީ ކޮމިޓީން ނިންމީ ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ޑްރޮގްބާ ހިމަނާފައިވާ މައުލޫމާތުތައް ސައްހަނޫން ކަމަށް ބުނެ އެވެ.
އެ ގޮތުން ކޮމިޓީން ފާހަގަކޮށްފައިވާ ކަމަކީ ޑްރޮގްބާ އަށް ތާއީދުކޮށްފައިވާ ދެ ކްލަބަކުން އިދިކޮޅު އެހެން ދެ ކެންޑިޑޭޓެއްގެ ފޯމުގައި ވެސް ސޮއިކޮށްފައި އޮތުމުންނެވެ. އަދި ޑްރޮގްބާގެ ފޯމުގައި ސޮއިކޮށްފައިވަނީ އެކަން ކުރުމުގެ ބާރު ނޯންނަ ދެ މީހެއްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެފްއައިއެފްގެ އަސާސީ ގަވާއިދު ބުނާގޮތުން އައިވަރީ ކޯސްޓު ފުރަތަމަ ޑިވިޝަނުގެ ފުރިހަމަ މެމްބަރު ހަތަރު ކްލަބެއްގެ ތާއީދު ނެތި އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ. ޑްރޮގްބާ އަށް މި ވަގުތު ތާއީދު އޮތީ ދެ ކްލަބެއްގެ އެވެ.
އައިވަރީ ކޯސްޓުގެ މީޑިއާ އަށް ޑްރޮގްބާ ބުނީ އޭނާ އަށް އިންތިހާބު ކާމިޔާބުވިޔަ ނުދޭން އެކި މީހުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިސްތިއުނާފް ކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުންހިފައި އިންތިހާބުގައި ވާދަކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.
އަންނަ މަހު ފަހެއްގައި ބާއްވަން ތާވަލުކުރި އައިވަރީ ކޯސްޓުގެ ފުޓްބޯޅައިގެ ރައީސްކަން ހޯދަން އިންތިހާބުގައި ޑްރޮގްބާ ވާދަކުރަން ޖެހޭނީ މިހާރުގެ ނައިބު ރައީސް ސޮރީ ޑައިބޭޓް އާއި ކުރީގެ ނައިބް ރައީސް އިދްރީސީ ޑިއާޔޯއާ އެވެ. ދާދި ފަހުން ޑައިބޭޓްގެ ނުފޫޒާ އެކު ވަކި ކްލަބްތަކަކުން ބޭނުންވެގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވައި އިންތިހާބީ ކޮމިޓީ އަށް ބަދަލު ގެންނަން މަސައްކަތްކުރި ނަމަވެސް އެކަން ވެސް ހުއްޓުވީ ފީފާ އިންނެވެ. އެ ފަހަރު ފީފާ އިން އަންގާފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވާފަދަ އެ ފަދަ އަމަލެއް މި ވަގުތު ކޮށްގެންނުވާނެ ކަމަށެވެ.
އައިވަރީ ކޯސްޓު އެފްއޭގެ މިހާރުގެ ނައިބު ރައީސް އަދި ލީގުގެ ރައީސް ޑައިބޭޓްއާ ގުޅުން ހުރި ކޮރަޕްޝަންގެ ގިނަ އަަމަލުތަކެއްގެ ވާހަކަ އެފްރިކާ ފުޓްބޯޅައިގައި ވަރަށް ބޮޑަށް ދެކެވެ އެވެ. ޑްރޮގްބާ ގެންނަން އައިވަރީ ކޯސްޓުގެ ފުޓްބޯޅައިގެ ގިނަ ބަޔަކުބޭނުންވަނީ އެ ގައުމުގެ ފުޓްބޯޅަ ކޮރަޕްޝަނުން ސަލާމަތްކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
30 August 2020
ސާބަހޭ ފީފާ.މިހާރު އައިވަރީކޯސްޓް އެފްއޭއަށް ހުންނާނީ ރަނގަޅަށް ރާކަނިމަސްކެވިފަ.