އާޒިމް: ފައިސާ ޖަމާވި މައްސަލައިގައި އޭނާ ސަސްޕެންޑްކުރި.
28 ޑިސެމްބަރ 2020 - 18:52
ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު އަނބުރާލަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރެ 100،000 ޑޮލަރުގެ ރިޝްވަތު ނެގި ކަމުގެ ދައުވާއާ އެކު ހަތަރު ދައުވާއެއް އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްޗަށް އުފުލައިފި އެވެ.
އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުރިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓުން 100،000 ޑޮލަރު ޖަމާވި މައްސަލަ ފަޅާއެރުމުން އާޒިމް ވަނީ ތުހުމަތު ދޮގުކުރައްވައިފަ އެވެ. އޭރު އޭނާ ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރުކަމުގެ މަގާމުގަ އެވެ. އެކަމަކު ފަހުން އޭނާ ސަސްޕެންޑްކުރީ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގުގެ ތެރެއިން ކަމަށެވެ. އެއީ ރިޝްވަތު ހިފުމުގެ ދެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެކެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން ދިޔައިރު އެ މައްސަލައިގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ސަރުކާރުގެ އިސް ވެރިންގެ މައްސަލަތައް ވަކި ގޮތަކަށް އަނބުރާލަން އާޒިމް 100،000 ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ އިތުރުން ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި ކޮމިޝަންގެ ސިއްރު މައުލޫމާތު ދިނުމަށް އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރުގެ އެއް ޗެކް ޖަމާކޮށްފައި ވަނީ ޖޫން، 2، 2015 ގައި ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ. އަނެއް 50،000 ޑޮލަރުގެ ޗެކު ލިބިގަނެ ޖޫން، 15، 2015 ގައި އެ ފައިސާ ޖަމާކުރީ ބީއެމްއެލްގައި ހުޅުވާފައިވާ އޭނާގެ ކޮއްކޮއެއްގެ އެކައުންޓަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިއީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމާލާތެއް ކަމަށް ދެއްކުމުގެ ގޮތުން، އާޒިމްގެ ކޮއްކޮގެ އެކައުންޓުން 771،000ރ ޗެކެއް، އެސްއޯއެފްގެ އަހްމަދު އިޝްފާހަށް ދޫކޮށްފައިވާ ކަމަށް ތަހުގީގުން އެނގޭ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގެ ތަފްސީލް ރިޕޯޓް އާއްމުކުރި އިރު، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ލިސްޓުގައި އާޒިމްގެ ނަން ވެސް އޮތެވެ.
އާޒިމް އޭރު "މިހާރު"އަށް ވިދާޅުވެފައި ވަނީ އެސްއޯއެފުން އޭނާގެ އެކައުންޓަށް ޗެކެއް ޖަމާވީ ޑޮލަރުގެ މުއާމަލާތް ހިންގާތީ ކަމަށެވެ. ޚިޔާނާތާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވާ
30 December 2020
155 އެކައުންޓްގެ ތަފްސީ ކޮބާ. ފިނިހަކަ .
ހިސޭ
30 December 2020
އެމްޑީޕީ ކުއްޖެއް މިވެސް
އަޙުމަދު ބިން ތޮލާލު
30 December 2020
އާޒިމް އަކީ ވަރަށް ތެދުވެރި އިޚްލާސްތެރި މީހެއް. ދައުލަތަށް އަދި މީހަކަށް ގެއްލުމެއް ލިބޭނެ ކަމެއް އޭނަ ނުކުރާނެ ކަން ޔަޤީން. ވަރަށް ގާތުން މަސައްކަތް ކުރި މީހެއްގެ ޙައިސިއްޔަތުން ބުނާ އެއްޗެއް. އާޒިމް އަކީ ވަރަށް ޕްރޮގްރޮސިވް ވިސްނުމެއްގައި މަސައްކަތް ކުރި އަދި މިހާރުވެސް މަސައްކަތް ކުރާ ތަޖްރިބާއާއި ތަޢުލީމު ހުރި ޒުވާނެއް. ނަމަވެސް އަބުރު ކަތިލުމާއި ނަފްސު ޚަރާބުކުރުމުގެ އެޖެންޑާއެއްގެ ދަށުން ކުޅޭ ޑްރާމާއެއް މީ.
ސޯލިހު
29 December 2020
މަތީ މަގާމެއްދީ ދެންވެސް
ޖާޏޫޖާ
29 December 2020
މުޅި އޭސީސީގަ އައްފުނާއަޅާބަލަ އަދިވެެސް އެބަތިބި މަނީ ހޯދި މީހުން އޭސީސީގަ
އަލީ
29 December 2020
155 މީހުން ކޮބާހޭ. އަހަރަކު ދެމޫހުންގެ ނަނަވެސް ނާދެ. ބަރަވެލި ސުޕީޑު ރއަީސް ސޯލިހު ހެހެހެހެ
ފޮނިޓައްޕު ހަސަނު
29 December 2020
ޒަމާން މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ކުރީ ޒަމާނުގައި އާއްމުގޮތެއްގައި ވައްކަން ކޮށް އުޅުނީ ތަންދޮރު ނޭގޭ، ތައުލީމެއްލިބިފައިނުވާ މީހުން. ނަމަވެސް މިޒަމާނުގައި ވައްކަން މިކުރަނީ ރަނގަޅު ތައުލީމު ލިބިފައިވާ، ހެޔޮ ނުބައި ވަކިކުރަން އިނގޭ މީހުން. މިޒަމާނުގައި އެންމެ ބޮޑެތި ވަގުން ކިވާނެ ގޮތަކީ އެމީހުން ތިބޭނީ ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން.
ކުންނާރުއޮށް
29 December 2020
މި ކަހަލަ މީހުނަށް ދޭ އަދަބު ބޮޑޫ ކުރަންވެސް ޖެހޭނެ. މިނިވަން މުއައްސަސާއެއްގައި ހުރެ މިކަން ހުއްޓުވުމުގެ ބަދަލުގަ ލާރީގަ ހިފީ. މީ ކުރިން މިކަން ކުރަމުން އައިގޮތް. މައްސަލައެއް މީހަކު ލާއިރަށް އެ ކަން ކުރި މީހާއަށް ގުޅާފަ ލާރި ހޯދުން މީ ވަރަށްބޮޑޫ ނުބައެއް. މިހާރުވެސް މިހެންބާ މިކަން ހިގަނީ. އެބަޖެހޭ މިކަންކަން ހުއްޓުވެން. ކޮބާތަ ޒީރޯ ތޮލަރަންސް އެވެސް ހަމަ އަޑެއް ދޯ ގޮއްވާލާފަ އޮތް.
ޙިނި
29 December 2020
ވަންކަން ކުރާ މީހުނައް މަތީ މަގާމުދޭ ސަދާފަތް ހުއްޓުވަން ގާނޫނޫނުން ހުރަސް އަޅަން ވެއްޖެ. ނޫނީ ދެންވެސް ތިކަން ހަމަދާނީ ކުރިޔައް.
ގަލޮޅު2
29 December 2020
ރަނގަޅުތާ އިބޫ އެހުންނެވީ އާޒި މްގެ ތިންބެއިންނަށް ސިޔާސީ ވަޒީފާ ދެއްވައިގެން. ޜިޝްވަތުގެ ކޯޓާ ހަމަނުވަނީ ތޯއްޗެއް.