އޮންރީ
31 މެއި 2021 - 10:57
ބްރަސަލްސް (31 މެއި) - ކުރިއަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިއޮރީ އޮންރީ އެ ޓީމާ ގުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމްއަށް ތިން ވަނަ ހޯދައިދިނުމުގައި، ކޯޗް ރޮބާޓޯ މާޓިނޭޒްއަށް އެހީތެރިއެއްގެ ގޮތުގައި އޮންރީގެ މަސައްކަތް ފާހަގަވި އެވެ. ބެލްޖިއަމްގެ ޓީމާ އެންމެ ފުރަތަމަ އޭނާ ގުޅުނީ 2016 ގެ މެދުތެރޭގަ އެވެ.
ވޯލްޑް ކަޕަށް ފަހު ބެލްޖިއަމްގެ ޓީމުން ވަކިވެ، އޮންރީ ގުޅުނީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކެރިއާ ފެށި މޮނާކޯ އަށެވެ. އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މާ ކާމިޔާބު މަސައްކަތެއް އޭނާއަށް ނުކުރެވުނެވެ. އޭގެ ފަހުން އެމެރިކާގެ މޭޖާ ލީގުގައި މޮންޓެރެއާލްއަށް ކޯޗް ކޮށްދިނެވެ. ފަހުން ހަރަކާތްތެރިވީ އިނގިރޭސި ވިލާތުގެ ޓީވީ ޗެނަލްތަކުގައި ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ.
ފްރާންސަށް 1998 ގެ ވޯލްޑް ކަޕް ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ ބެލްޖިއަމްގެ ކޯޗިން ޓީމާ ގުޅުމަކީ ޓީމަށް ލިބުނު އިތުރު ހިތތްވަރެއް ކަމަށް ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.
އޮންރީ ބުނީ، މާޓިނޭޒް އާއެކު އަލުން މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ފަހްރެއް ކަމަށެވެ.
ޔޫރޯގައި ބެލްޖިއަމް ހިމެނުނީ ގުރޫޕް ބީ ގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ޑެންމާކު، ފިންލެންޑް އަދި ރަޝިއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy