ކުޅިވަރު / އިންޑިއަން ޕްރިމިއާ ލީގު

ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް އައިޕީއެލް ކާމިޔާބުކޮށްފި

ދުބާއީ (އޮކްޓޯބަރު 16) – ކަލްކަތާ ނައިޓް ރައިޑާސް ބަލިކޮށް މަހެންދްރަ ސިންގް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސް މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކާމިޔާބު ކޮށްފި އެވެ.

މިއީ ޗެންނާއީ ސުޕަ ކިންގްސް އައިޕީއެލް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. ޗެންނާއީން ރޭ ކުޅުނު ފައިނަލް މެޗް ކާމިޔާބުކުރީ 27 ލަނޑުން ކަލްކަތާ ނައިޓް ރައިޑާސް ބަލި ކޮށްގެންނެވެ.

ފުރަތަމަ އިނިންގްސްގައި ޗެންނާއީން ކުޅެން އަރައި 20 އޯވަރުތެރޭ ވަނީ 192 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ފަފް ޑު ޕްލެސިސް 59 ބޯޅައިން 86 ލަނޑު ހެދިއިރު އެންމެ ފަހުން އެރި މޮއީން އަލީ ވަނީ 20 ބޯޅައިން 37 ލަނޑު ހަދައިފަ އެވެ.

ރޭގެ މެޗުގައި 37 އަހަރުގެ ޑު ޕްލެސިސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މާދަމާ ފަށާ ވޯލްޑް ކަޕަށް ދެކުނު އެފްރިކާއިން ނެގި ސްކޮޑުން އޭނާއަށް ޖާގައެއް ނުލިބެ އެވެ.

ޖަވާބުގައި ކަލްކަތާ ނައިޓް ރައިޑާސް ކުޅެން އަރައި 20 އޯވަރު ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 165 ލަނޑެވެ. ކަލްކަތާއަށް ލަނޑު ހެދުމުގައި މައްސަލަ ދިމާވީ އެ ޓީމުގެ އޯޕަނިން ދެ ބެޓްސްމަނުން ކަމަށްވާ ޝުބްމަން ގިލް އާއި ވެންކަޓޭޝް އައްޔަރު ނުބައިވުމުންނެވެ. ޝުބްމަން 46 ބޯޅައިން 51 ލަނޑު ހެދިއިރު، ވެންކަޓޭޝް ވަނީ 32 ބޯޅައިން 50 ރަން ހަމަކޮށްފަ އެވެ.

އިންޑިއާގައި ފެށި މި މުބާރާތް ދުބާއީއަށް ބަދަލުކުރީ ކޮވިޑްގެ ސަބަބުން އިންޑިއާގައި މުބާރާތް ކުރިޔަށް ނުގެންދެވުމުން، މާދަމާ ފަށާ ޓީ20 ވޯލްޑް ކަޕް ފެށުމުގެ ކުރިން މުބާރާތް ފުރިހަމަ ކުރާށެވެ. ފުރަތަމަ ބުރުގެ ކުޅުމަށް ފަހު ދުބާއީގައި ދެވަނަ ބުރުގެ ކުޅުން ފެށިއިރު ކަލްކަތާ ނައިޓް ރައިޑާސް އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ.

މިއީ ޗެންނާއީ ސުޕަ ކިންގްސް އައިޕީޢެލް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. ކަލްކަތާ ވަނީ މީގެ ކުރިން ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ފައިނަލް މެޗަށް ފަހު ޗެންނާއީގެ ކެޕްޓަން ދޯނީ، 40، ވަނީ، އޭނާ ރިޓަޔާ ކުރާނެތޯ ނުވަތަ އިތުރު ސީޒަނެއް ކުޅޭނެކަމާމެދު ބަހެއް ބުނަން ދެކޮޅު ހަދައިފަ އެވެ.

ޗެމްޕިއަން ޗެންނާއީ އަށް 20 ކްރޯޑު އިންޑިއަން ރުޕީސް ލިބުނުއިރު ރަނަރަޕް ކަލްކަތާ އަށް ވަނީ 12.5 ކްރޯޑު ރުޕީސް ލިބިފަ އެވެ. އަދި ޕްލޭއޮފްގައި ވާދަކުރި ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި ދިއްލީ ކެޕިޓަލްސް އަށް ވަނީ 8.75 ކްރޯޑު ރުޕީސްގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.

ޕްލޭއޮފަށް ހޮވުނީ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ހަދައިގެން "އޮރެންޖް ކެޕް" ހޯދީ 635 ލަނޑު ޖެހި ޗެންނާއީގެ ރުތުރާޖް ގައިކްވާޑެވެ. އަދި ޖުމްލަ 32 ވިކެޓް ނަގައިގެން "ޕާޕަލް ކެޕް" ހޯދީ ރޯޔަލް ޗެލެންޖާސްގެ ހަރްޝަލް ޕަޓޭލް އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކަށް 10 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ރާޖެސްތާން ރޯޔަލްސް ހޮވުނުއިރު، ގޭމް ޗޭންޖާ އޮފް ދަ ސީޒަނަށް ހޮވުނީ ހަރްޝަލް ޕަޓޭލް އެވެ. ސުޕަ ސްޓްރައިކާ އޮފް ދަ ސީޒަނަށް ދިއްލީ ކެޕިޓަލްސްގެ ޝިމްރޮން ހެތްމަޔާ ހޮވުނުއިރު އެންމެ ގިނައިން ބޯޅަ ހަޔަކަށް ޖެހީ ޕަންޖާބް ކިންގްސްގެ ކޭއެލް ރާހުލް އެވެ. ޕަވަ ޕްލޭޔާ އަކަށް ކަލްކަތާގެ ވެންކަޓޭޝް ހޮވުނުއިރު "ޕާފެކްޓް ކެޗް" އޮފް ދަ ސީޒަނަށް ހޮވުނީ ޕަންޖާބްގެ ރަވީ ބިޝްނޮއީ އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޯޔަލް ޗެލެންޖާސްގެ ހަރްޝަލް ޕަޓޭލް އެވެ. މިއިން ކޮންމެ ވަނައަކަށް ވެސް ވަނީ 10 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ދީފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454