މީގެ 70 ވަރަކަށް އަހަރު ކުރި އެވެ. ހުޅަނގުން ވައި ލިބި ފުވައްމުލަކު އޮޑިފަހަރުތައް ސިލޯނު ދަތުރަށް ފުރަން ތައްޔާރުވަނީ އެވެ. ފިރިހެން ވެރިން ބުރަކޮށް އެ އުޅެނީ ސިލޯނަށް ވިއްކަން ގެންދާ ހިކިމަސް އޮޑިއަށް ބަރުކުރުމުގަ އެވެ. އަންހެންވެރިން އަވަދިނެތި އުޅެނީ، ހިކި ފޮނި ލުއިކާނާއެއް ކަމަށްވާ ނާރޮވައްފަލުދަ ހިލައި، ހިއްކުމުގެ މަސައްކަތުގަ އެވެ.

އެއީ އެންމެ އިހުގައި ނަމަ ހަމައެކަނިި ދަތުރުމަތީގައި ކެއުމަށާއި ކޮޅުނބުގައި އޮޑި ބަނދަރުކޮށްފައި ތިބޭއިރު ހެނދުނު ނާސްތާ ކުރަން ގެންދާ އެއްޗެކެވެ. އެކަމަކު ސިލޯނު މީހުންނަށް އެ މާބޮޑަށް މީރުވެގެން އުޅޭތީ ވިއްކަން ވެސް ގެންދަނީ އެވެ.

ބަނބުކޭލާއި ދިޔާހަކުރު އަޅައިގެން ހިލާ މި މެޓާގަނޑެއް ފަދަ ލުއިކާނާ އަކީ ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ހާއްސަ އެއްޗެކެވެ. އޭގެ ތެރެއިން ވެސް މި އެންމެ ބޮޑަށް މަޝްހޫރީ ފުވައްމުލަކުގަ އެވެ.

އެ ޒަމާނުގައި ކޮންމެ ގެޔެއްގައި ކަހަލަ ގޮތަކަށް މި ތައްޔާރުކުރެ އެވެ. އޮޑީގައި ވިޔަފާރިކަމުދާ މީހުންގެ އަތަށް ދީފައި ސިލޯނަށް ވިއްކުމަށެވެ. ނަމަވެސް މިހާރު އެ ޒަމާން ގޮސްފި އެވެ. އޮޑިފަހަރުގެ ދަތުރުތައް ހުއްޓި ސިލޯނުން މިހާރު މާކެޓެއް ނެތެވެ. އެކަމަކު އަދިވެސް ބައެއް ގޭގޭގައި، ރާއްޖޭގައި ވިއްކަން މި ތައްޔާރުކުރެ އެވެ. އޭގެ ތެރެއިން އެކަކަކީ މި ރަށު ރިހިދޫލަގޭ މަރިޔަމް އާދިލާ އެވެ.

"މިއީ އަޅުގަނޑުގެ ކުޑައިރުގެ ވަރަށް އުފާވެރި ހަނދާންތަކާ ގުޅިފައިވާ އެއްޗެއް،" އޭނާ ބުންޏެވެ.

އާދިލާ އޭނާގެ ބަދިގޭގައި ނާރޮވައްފަލުދަ ހިލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާދިލާ އޭނާގެ ބަދިގޭގައި ނާރޮވައްފަލުދަ ހިލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދިލާ ހަނދާން ހުންނަން ފެށީއްސުރެ ބައްޕަގެ ކޮންމެ ސިލޯނު ދަތުރަކަށް މަންމަ ނާރޮވައްފަލުދަ ތައްޔާރުކުރެ އެވެ. ގެޔަށް ތިމާގެ އެންމެން ޖަމާވެ، އެ ހިލާހިލުން ގަނޑަކީ ބޮޑު މަޖާ ގަނޑެއް ވެސް މެ އެވެ. އެހެންވެ ކުޑަކުޑައިރު އެކަމުގައި ބައިވެރިވާން އާދިލާ ބޭނުންވި އެވެ. އެކަމަކު އެ ފުރުސަތެއް އޭރު ނުލިބެ އެވެ. ސަބަބަކީ މިއީ ވަކި ގަވާއިދަކަށް، ވަކި މިނަކަށް އެއްޗިސް އަޅައިގެން ހަދާ އެއްޗަކަށް ވާތީވެ އެވެ.

"އެކަމަކު ހުންނަން ކައިރީގައި އެ މަންޒަރު ބަލަން. އެހެން ހުރެގެން މިކަން ދަސްކުރީ،" އާދިލާ ބުންޏެވެ.

ނާރޮވައްފަލުދަ ތައްޔާރުކުރަން އެންމެ ފުރަތަމަ ބަނބުކެޔޮ ކޮށައި، ފެނުގައި މަޑުކުރަނީ އެވެ. އެ އަށް ފަހު ފުނޑާދައިގައި ހިމުންކުރުމަށް ފަހު، ދިޔާހަކުރު އަޅައިގެން ކައްކަނީ އެވެ. ބޮޑު ތާހެއްގައި އެ ކައްކައި، ހަރުވާ ވަރަށް ހިލައި ނިމޭނީ ވަރަށް ގިނައިރުންނެވެ. ހަރުވުމާ އެކު، ނަގައި ދޮލަނގެއްގައި ގިތެޔޮކޮޅެއް ހޭކުމަށް ފަހު، ގުޅަ ވަށައި، ބައްޓަން ގެންނާނީ އެވެ. އެ އަށް ފަހު ދެ ތިން ދުވަހު އަވީލާފައި ބަހައްޓަ އެވެ.

އާދިލާ އޭނާގެ ބަދިގޭގައި ނާރޮވައްފަލުދަ ހިލުމަށް ފަހު ހަރުތޯ ބަލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާދިލާ އޭނާގެ ބަދިގޭގައި ނާރޮވައްފަލުދަ ހިލުމަށް ފަހު ހަރުތޯ ބަލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮޑީގައި ސިލޯނަށް ދާ މީހުން ހަދާ ގޮތަކީ ކުދިކޮށް ކޮށައި، ނޫސް ކަރުދާހުގައި ބަންދުކޮށްގެން އެއްގަމަށް ފައިބައި ވިއްކަން ތިބެނީ އެވެ. މަދު އިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެ އެވެ. އެ ހިސާބުން އަނެއްކާ ވެސް އޮޑިއަށް ގޮސް ނަގައިގެން އައިސް ވިއްކަނީ އެވެ.

"ސިލޯނު މީހުންނަށް މާ މީރު އެއްޗެއް މިއީ،" އާދިލާ ބުންޏެވެ.

އޭރު ފުވައްމުލަކުން ދާ އޮޑިފަހަރުން ގެންދާ ހިކިމަސް ސިލޯން ސަރުކާރުން ގަނެ ބަދަލުގައި، ދެނީ މުދަލެވެ. އެހެންވެ ދަތުރުކުރާ މީހުންގެ އަތަށް ފައިސާއެއް ލިބެން އޮންނަ ގޮތަކީ ވެސް ނާރޮވައްފަލުދަ ވިއްކުމެވެ.

ސިލޯނު ދަތުރު ހުއްޓުމާ އެކު އާދިލާގެ ގޭގައި މި ހެދުން ވެސް ހުއްޓުނީ އެވެ. އެކަމަކު އޭނާ އިސް ނަގައިގެން މީގެ ތިރީހަކަށް އަހަރު ކުރިން އަލުން މި މަސައްކަތް ފެށީ އެވެ. އޭނާ އަތުން ގަނެގެން ވަރަށް ގިނަ މީހުން މާލެ އާއި ރަށްރަށުގައި ވިއްކަ އެވެ. އަދި ވަރަށް ގިނަ މީހުން ހަދިޔާގެ ގޮތުގައި ދޭން ވެސް ގަނެ އެވެ.

"އެންމެ ކުރިން އޯޑަރު ލިބޭ ވަރަކަށް ހަދަނީ. އެކަމަކު މިހާރު ހަމަ ކޮންމެ ދުވަހަކު ވެސް މި ތައްޔާރުކުރަން. އެ ވަރަށް މީހުން ގަނޭ،" އާދިލާ ބުންޏެވެ.

ނާރޮވައްފަލުދައިގެ އަސްލު ރެސިޕީގެ އެންމެ މުހިއްމު ބާވަތަކީ ބަނބުކޭލެވެ. އެކަމަކު ބަނބުކެޔޮ މޫސުން ނިމުމުން، އޮޅުއަލަ ވެސް ބޭނުންކުރި އެވެ. މިހާރު ބަނބުކެޔޮ ފިނިކޮށްގެން ގިނަ ދުވަހު ބެހެއްޓޭތީ މޫސުން ނިމުމަސް ބަނބުކޭލުގެ ދަތިކަމެއް ނޯވެ އެވެ. އެހެންވިޔަސް ގިނަ މީހުންނަށް ކަމުދަނީ ބަނބުކޭލާ އެކު އޮޅުއަލަ އެޅުމުން ކަމަށްވާތީ، އާދިލާ ތައްޔާރުކުރަނީ އެގޮތަށެވެ. އަނެއް ބަދަލަކީ ދިޔާހަކުރު ބޭނުންވާ ވަރަށް ނުލިބޭތީ ދޯބުރާލި ހަކުރުއަޅަން ޖެހުމެވެ.

"އެހެންވިޔަސް ރަހަޔަށް ބަދަލެއް ނާންނާނެ. އެ ޔަގީންކަން އޮވޭ އިރާދަކުރެވިއްޔާ. އެއީ ވަރަށް ބޮޑަށް ބަލައިގެން، އެއް މިންގަނޑަކަށް މި ތައްޔާރުކުރަނީ،"

އުމުރުން ދުވަސްވުމާ އެކު އާދިލާ މިހާރު މި މަސައްކަތުގައި މީހެއްގެ އެހީތެރިކަން ހޯދަ އެވެ. އެކަމަކު އަދިވެސް ހުރިހާ ކަމެއް ކުރަނީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ.

"ކުރިއަށް ވުރެ ލުއި މިހާރު. އެއީ ކުރިން ވެއްޖެއްޔާ ދަލުގައި ފުނޑަނީ. މިހާރު މިކްސްޗަރުން ހިމުންކޮށްލެވޭ. އެކަމަކު އަދިވެސް ހިލަން އެހާ ގިނަ ވަގުތު ހޭދަކުރަން ޖެހޭ،"

އާދިލާ ނާރޮވައްފަލުދަ ހިލުމަށް ފަހު އަވީލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާދިލާ ނާރޮވައްފަލުދަ ހިލުމަށް ފަހު އަވީލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މަސައްކަތް އާދިލާ ކުރަން ފެށީ އަދި މިހާރު ވެސް ކުރަނީ ސީދާ އާމްދަނީއެއް ހޯދާކަށް ނޫނެވެ. އާއިލީ މަސައްކަތެއް ދިރުވުމުގެ ގޮތުންނާއި ޝައުގުވެރިކަން ހުންނާތީވެ އެވެ. އެކަމަކު ވިއްކައިގެން އޭނާ އަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އޭނާގެ އަމިއްލަ ބޭނުންތައް ފުއްދެނީކީ އެކަންޏެއް ނޫނެވެ. ގޭގެ ހަރަދުބަރަދު ވެސް ބެލެހެއްޓެ އެވެ.

"އަޅުގަނޑު އަދިވެސް މި ވިއްކަނީ އެންމެ ކުރިން ވިއްކި އަގުގައި، އެއްޗެއް ފަސް ރުފިޔާ އަށް. މީހުން ބުނޭ އަގު ބޮޑުކުރަން ވީނޫންހޭ؟ އެކަމަކު އަޅުގަނޑު އެގޮތެއް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.

އާދިލާގެ ކުދިން ސިލޯނަށް މިހާރު ދާއިރު ބައެއް ފަހަރު ގެންގޮސް އެ ގައުމުގެ ރައްޓެހިންނަށް ދެ އެވެ. އެ އެންމެން ވެސް އެ މީރުވެގެން އެ ވާހަކަ ދައްކަ އެވެ. އެކަމަކު ގާދޫކޮލުން ބޭރަށް އަނެއްކާ ވެސް މާކެޓް ގެންދިއުމުގެ މާބޮޑު ވިސްނުމެއް އާދިލާ ނެތެވެ.

"މިއީކީ ވިޔަފާރިއަކަށް ކުރާ ކަމެއް ނޫން ވީމާ އެއީ. އެކަމަކު ހަމަގައިމު ވެސް މި އުވިގެންދާކަށް ބޭނުމެއް ނޫން،"

އެހެންވެ އާދިލާ ހުރީ އޭނާ ދިރިހުރިހާ ހިނދަކު ނާރޮވައްފަލުދަ ތައްޔާރުކުރަން އަޒުމު ކަނޑައަޅައިގެންނެވެ.