ފުވައްމުލަކު މީހުން ބުނެ އުޅޭ ގޮތުގައި، އެ ރަށުން ކައްޓެޅީގެ ބޯ ކައިފި މީހަކު 40 ދުވަހުގެ ތެރޭގައި އަނބުރާ އެ ރަށަށް ދާނެ އެވެ.

މި ފަހަރު ކަންދިމާވީ ވެސް ހަމަ އެހެންނެވެ. ރޯދަ ކޮންޓެންޓް ހެދުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފުވައްމުލަކަށް ކުރި ދަތުރުގައި ކައްޓެޅީގައި ހެދި މީރު ގަރުދިޔަގަނޑު، އަލަޔާއި ހުންޏާ އެކު މޮޑެގެން ކެއީމެވެ. އޭގެ ބޮލާ ވެސް އެކުގަ އެވެ. 

އެ ދަތުރަށް ފަހު މާލެ އައިސް، އަނެއްކާވެސް އޮފީސް ދަތުރެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުވައްމުލަކަށް ދާން ޖެހުނެވެ. 

މިއީ ހަމަ އިއްތިފާގެއްތޯ ނުވަތަ ހަމަ އެކަން އޮންނަ ގޮތްތޯ ބަހުސް ކުރާކަށް ނެތީމެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ! 

ކައްޓެޅީގައި ގަރުދިޔަ ކައްކައި، ހުންޏާއި އަލަޔާ އެކު ކާން ތައްޔާރުކޮށްފައިި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކައްޓެޅީގައި ގަރުދިޔަ ކައްކައި، ހުންޏާއި އަލަޔާ އެކު ކާން ތައްޔާރުކޮށްފައިި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް، ފުވައްމުލަކުގެ އަޖައިބު ކުރަނިވި ތޫނޑާއި ފެމުނު މިޔަރު ޕޮއިންޓަށް ފަހު، ކައްޓެޅިއަކީ ވެސް މި ރަށުގެ ބޮޑު ރަމްޒެކެވެ. 

ކައްޓެޅިއަކީ ރާއްޖޭގެ ބައެއް ހިސާބުތަކުން ރޭގަނޑު ފުނަށް ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެކެވެ. އެކަމަކު، އެހެން ރަށްރަށާ ހިލާފަށް ފުވައްމުލަކުގައި މިއީ ކޮންމެ ރެޔަކު ކުރާ މަސްވެރިކަމެކެވެ. 

ފުވައްމުލަކުގެ ހޭޅިފަށާ ތަންކޮޅެއް ދުރުން ބާނާ މި މަހަކީ އެ ރަށުގެ ވަށައިގެން ކޮންމެ ދިމާލަކުން ބޭނޭ އެއްޗެކެވެ. މިއީ އާންމުކޮށް ރޭގަނޑު ކައި އުޅޭ މަހަކަށް ވުމުގެ އިތުރުން ރޭގަނޑު ތަންކޮޅެއް ފެނުން މަތީގައި އުޅޭ މަހަކަށް ވާތީ، މި ބޭނެނީ ވެސް ރޭގަނޑެވެ.

އެ ރަށުގެ މަސްވެރިން ކައްޓެޅި ބާނައިގެން ކޮންމެ ރެއަކު ބަނދަރު މަތީގައި ހުންނަ މަސްމާރުކޭޓު ފުރާލަ އެވެ. ކޮންމެ ރެޔަކު އަށެއް ޖަހާއިރު ވިއްކަން ފަށާ މަސްކޮޅު މާ ގިނައިރެއް ނުވެ ވިކި ހުސްވެ އެވެ.

ފުވައްމުލަކު މަސްމާރުކޭޓުގައި ކައްޓެޅި ވިއްކަން އަތުރާފައި: ބައެއް ދުވަސްދުވަހު ވަރަށް އަގުބޮޑުކޮށް ވެސް މި މަސް ވިއްކާ.-- ފޮޓޯ: މިހާރު
ފުވައްމުލަކު މަސްމާރުކޭޓުގައި ކައްޓެޅި ވިއްކަން އަތުރާފައި: ބައެއް ދުވަސްދުވަހު ވަރަށް އަގުބޮޑުކޮށް ވެސް މި މަސް ވިއްކާ.-- ފޮޓޯ: މިހާރު

އަހަރެމެން ގަރުދިޔަ ކަންކަން ކައްޓެޅި ގަތީ ވެސް އެތަނަށް ގޮސްގެންނެވެ. އެ ރޭ އަގު ހުރީ މަހެއް 150ރ. އަށެވެ. 

ބައެއް ރޭރޭ ކައްޓެޅީގެ އަގު 500ރ. އާއި 1،000ރ. އަށް ވެސް އަރާ ކަމަށް ވެ އެވެ. ގިނައިން ބާނާ ރެޔަކު ވިއްޔާ 100ރ. އަށް ވެސް ލިބެ އެވެ. 

ކައްޓެޅީގެ ވާހަކަތައް އަހަރެމެންނަށް ކިޔައިދީ، އޭގައި ގަރުދިޔަ ތައްޔާރުކޮށްދިނީ ފުވައްމުލަކު ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ އާމިނަތު ޝެހެނާޒު އެވެ. 

"ބަނދަރު މައްޗަށް މީހުން ޖަމާވެ، ހަމަ އޮންނާނީ ނުލިބިފައި،" ޝެހެނާޒް ބުންޏެވެ. 

"ކައްޓެޅިއަކީ ފުވައްމުލަކަށް، ބުނެވިދާނެ އެންމެ ހާއްސަ އެކައްޗޭ ވެސް. މިހާރު ދުނިޔޭގައި [މި ރަށް] އެންމެ ބޮޑަށް މަޝްހޫރީ ޓައިގާ ޝާކަށް. ޓައިގާ ޝާކް ބަލަން އަންނަ މީހުން އެއާ އެއްވަރަށް ކައްޓެޅިއަކީ ވެސް އެ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެއް."

ގަރުދިޔަ ކެއްކުމަށް ފަހު ކައްޓެޅީގެ ބޯ ނަގައި ވަކިން ތައްޓެއްގައި ބާއްވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގަރުދިޔަ ކެއްކުމަށް ފަހު ކައްޓެޅީގެ ބޯ ނަގައި ވަކިން ތައްޓެއްގައި ބާއްވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކައްޓެޅީގައި އާންމުކޮށް ކައްކަނީ ގަރުދިޔަ އެވެ. ބައެއް މީހުން ރިހަ ކައްކައިގެން ވެސް ކައި އުޅެ އެވެ.

ޝެހެނާޒް ބުނި ގޮތުގައި، ބައެއް މީހުންނަށް ކައްޓެޅި ގަރުދިޔަ ބޮޑަށް ކަމުދަނީ ކަނޑުމަހުގައި ކައްކާ ގަރުދިޔަ އަށް ވުރެ ތަންކޮޅެއް ލޮނު ރަހަ ގަދަކޮށް ކެއްކީމަ އެވެ. 

މި މަހުގައި ހުންނަނީ ކުރުމަހުގައި ހުންނަ ކަހަލަ ރަހައެކެވެ. 

އަހަރެމެންނަށް ކައްޓެޅި ކާންދެމުން ޝެހެނާޒް ވެސް ބުނީ އެ ރަށުން ކައްޓެޅީގެ ބޯ ކައިފި މީހަކު 40 ދުވަހުގެ ތެރޭގައި އަނބުރާ ފުވައްމުލަކަށް ދާ ކަމަށް ބުނެ އުޅޭ ކަމަށެވެ. އެކަމަކު، އޭރު ހީކުރެވުނީ އެއީ މީހުން ސަމާސާއަކަށް ބުނެ އުޅޭ އެއްޗެއް ކަމަށެވެ.