ﷲ އަށްޓަކައި އަހަރެމެން ކުރާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އަޅުކަމަކީ ދުއާކުރުމެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުއަތެއްގައި އަހަރެމެން ﷲ އަށް ދުއާ ދަންނަވަމު އެވެ.
"މިހާރު" އިން ކޮންމެ ރޯދަމަހެއްގައި ގެނެސްދޭ ދީނީ ސިލްސިލާ "ނޫރު" ގެ މި ފަހަރުގެ ފުރަތަމަ އެޕިސޯޑުގައި، ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝައިހު އިބްރާހިމް ޒަކަރިއްޔާ މޫސާ މި ވިދާޅުވެދެއްވަނީ ދުއާ ކުރުމުގެ މުހިންމު ކަމެވެ. ދުއާ އިޖާބަ ކުރައްވާނެ އެންމެ ރަނގަޅު ވަގުތުތަކެވެ.
އޭގެ ތެރޭގައި ޝައިހު ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ދަމުނަމާދުގެ ވަގުތާއި ރޯދަވީއްލާއިރާއި ދަތުރެއްގެމަތީގައި އުޅޭ ވަގުތާއި މައިންބަފައިން އެ މީހުންގެ ދަރިންނަށްޓަކައި ދުއާ ކުރާ ވަގުތު ހިމެނެ އެވެ. ހާއްސަކޮށް ހުކުރު ދުވަހުގެ އިރުއޮއްސޭ ވަގުތު އެއީ ﷲ އަށް ދުއާ ދަންނަވަން ވަރަށް މުހިންމު ވަގުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.