އިންސާނާގެ ނަފްސުގައިވާ އެންމެހާ ނުބައިކަންކަން ދޮވެލައި އެއްފަރާތްކޮށް، އޭގެ ބަދަލުގައި އެންމެހާ ރިވެތި ސިފަތަކުން ނަފުސު ޒީނަތްތެރި ކުރުމަށް ކީރިތި ޤުރްއާނުގައި ދީފައިވާ ނަމަކީ ނަފުސު ތަޒުކިޔާ ކުރުމެވެ. އެއީ ނަފުސު ތާހިރުކޮށް ތަހުޒީބު ކުރުމެވެ.
މިއީ ކީރިތި ރަސޫލާ ﷺ ގެ ރިސާލާތުގެ ތެރޭގައި ހިމެނޭ ވަރަށް ބޮޑު މުހިންމަތެކެވެ. އެކަލޭގެފާނު މިކަން ކުރައްވާފައި ވަނީ މީސްތަކުން ތަގުވާވެރި ކުރުމަށް އެކަލޭގެފާނު ކުރެއްވެވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގަ އެވެ. ތަގުވާވެރިކަން ހާސިލު ކުރަން އެންމެ ބޮޑަށް އެހީތެރިވެދެނީ އިސްލާމް ދީނުގައިވާ އިބާދާތުގެ ތެރެއިންނެވެ.
ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން އެނގޭ ގޮތުގައި ނަމާދާއި ރޯދަ އާއި ޒަކާތާއި ހައްޖުގެ އަޅުކަންތަކުގެ އަމާޒަކީ ތަގުވާވެރިވާން ދަސްކޮށްދިނުމެވެ. މި އަޅުކަންތަކުގެ ތެރެއިން އަހަރަކު އެއްފަހަރު އެއް މަސް ދުވަހުގެ މުއްދަތަށް އަދާކުރަން ޖެހޭ ރޯދައިގެ އަޅުކަމުގެ ވެސް އަމާޒަކީ ހަމަ ތަގުވާވެރިވާން ދަސްކޮށްދިނުމެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ގޮތުން ރޯދަ ފަރުޟު ކުރައްވާފައިވަނީ އެކަލާނގެ އަށް ތަގުވާވެރި ވުމަށްޓަކައެވެ (އަލްބަޤަރާ 183).
ތަގުވާގެ ނަތީޖާ އަކީ ނަފްސު ތާހިރުވުން ކަމުގައިވާ ނަމަ މި އަހަރުގެ ރޯދަމަހާ ކުރިމަތިލިއިރު، މި މަގުސަދުތައް ރޯދައިން ހާސިލު ކުރުމުގެ އަޒުމްތައް އާލާކުރަން ވެއްޖެ އެވެ.
ރޯދައިން ތަގުވާ ހާސިލުކޮށް ނަފްސު ތަޒުކިޔާ ކުރެވޭ ގޮތް
ތަގުވާގެ ލަފުޒީ މާނައަކީ ކަމަކުން ރައްކާތެރި ވެވުމެވެ. އިސްލާމް ދީނުގައި ތަގުވާގެ މާނަ އަކީ ﷲ ގެ ކޯފާ އަށް ބިރުވެތިވާ ހާލު އެ އިން ރައްކާތެރިވުމަށްޓަކައި ތިމާގެ ނަފްސުގައި ހުރަހެއް ލެވުމެވެ. މި ހުރަސް ލެވޭނީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވެވި ކަންތަކުން ދުރުހެލިވެގެންނެވެ. ރޯދައިގެ އަޅުކަމުގައި ހިމެނޭ ހުރިހާ ވާޖިބުތަކާއި ސުންނަތްތަކާއި މުސްތަހައްބު ކަންކަމުން މުޅިން ވެސް ދަސްކޮށްދެނީ މިފަދަ ކިޔަމަންތެރިވުންތަކާއި ދުރުހެލިވުންތަކެވެ. އެހެންކަމުން މިކަން ކޮށް ނިމޭއިރު އިންސާނާގެ ނަފުސު ހުންނާނީ ތާހިރުވެ ތަހުޒީބު ކުރެވިފައެވެ. އާދެ، ތަޒުކިޔާ ކުރެވިފަ އެވެ.
ރޯދަ އިން ތަގުވާ ހާސިލުކުރަން އެހީ ލިބޭ ވަރަށް ގިނަ ކަންކަން ހުރެ އެވެ. އެންމެ ފުރަތަމަ ކަމަކީ ރޯދައަކީ ތަރުބަވީ ވަރަށް ފުރިހަމަ ނިޒާމެއް ކަމުގައި ވުމެވެ. އިންސާނާގެ ސުލޫކަށް ބަދަލު ގެނައުމަށްޓަކައި އޭނާގެ ގަބޫލުކުރުންތައް ވަކި ގޮތަކަށް ބައްޓަންކޮށް ހިތުން އެ ގަބޫލު ކުރުންތައް ބަލައިގަނެ ނަފުސު އެގޮތަށް ހާނަން މި ނިޒާމުން ދަސްވެ އެވެ. ހަމައެއާ އެކު، މި ނިޒާމުގައި ހިތްވަރު ދިނުމާއި އަދަބު ދިނުން ނުވަތަ އުފާވެރި ކަމުގެ ޚަބަރާއި ބިރުވެރިކަމުގެ ޚަބަރު ދިނުން ހިމެނެ އެވެ.
ދެވަނަ ކަމަކީ މި ފުރިހަމަ ނިޒާމުގައި އިންސާނާގެ ކިބައިގައި ފަރުދީ ގޮތުން ހުންނަން ޖެހޭ އަހުލާގީ ވަރަށް ގިނަ ސިފަތަކެއް ހަރުލެއްވުމަށް ރޯދައިން އެހީތެރިކަން ލިބުމެވެ. ހަމަ އެއާ އެކު، އިޖުތިމާއީ ގޮތުން އެހެން އިންސާނުންނާ އެކު، އޮންނަ ގުޅުންތައް އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް ބޭނުންވާ އަހުލާގީ ސިފަތަކަށް ވެސް ނަފުސު ހާނުވަން އެހީތެރިކަން ލިބުމެވެ.
ތިންވަނަ ކަމަކީ ހިތްތައް ދިރުވައި ނަފްސުތައް އުޖާލާކޮށް މުޖުތަމައުގައި އީމާންތެރިކަމާއި ތަހާރަތުގެ ޖައްވެއް އުފައްދަން ރޯދައިގެ އަޅުކަމުން ބާރު ލިބުމެވެ. ﷲ އަށް ބިރުވެތިވެ އިހުސާންތެރިވުމާ އެކު، އެހެން މީހުންނަށް ތިމާގެ އިހުސާންތެރިކަމުގެ ތެރެއިން ހެޔޮފޯރުވުމާއި އޯގާތެރިވުމަށް ނަފުސުތައް ހާނުވަން ބާރު ލިބެއެވެ.
ރޯދައިން ތަގުވާ ހާސިލު ކުރަން އެހީ ލިބޭ ހަތަރުވަނަ ކަމަކީ ހަވާނަފުސުގެ އެދުންތަކާއި ނުރަނގަޅު އާދަތަކުން ސަލާމަތްވުމުގެ އައްޑަނައެއް ތިމާގެ ނަފުސުގައި އުފައްދަން ފުރުސަތު ލިބުމެވެ. މިގޮތުން ނަފުސުގެ އެދުންތައް ފުއްދުމުގައި ﷲ ހަލާލު ކުރައްވާފައިވާ ގޮތް ނޫން އެހެން ގޮތަކުން ނުފުއްދަން ނަފުސު ހާނުވާނެ އެވެ. ކޮންމެ އެދުމެއްގެ ކުރިމަތީ ކެތްތެރިކަމާއި އަޒުމް ވަރުގަދަ ކަމާ އެކު، ހިފަހައްޓާލަން ދަސްވާނެ އެވެ. ކެތްތެރިކަމާއި އަޒުމް ވަރުގަދަ ވުމަކީ ރޯދައިން ހާސިލު ކުރެވޭ އެންމެ މުހިންމު ދެ ސިފަ އެވެ.
ތަގުވާ ހާސިކޮށް ނަފުސު ތަޒުކިޔާ ކުރަން ކުރެވިދާނެ ކަންކަން
ކުރިން މި ބަޔާންކުރި ކަންކަމުން އެނގިގެން ދަނީ ރޯދަ އިން ތަގުވާ ހާސިލުކޮށް ނަފުސު ތަޒުކިޔާ ކުރެވިދާނެ ކަމެވެ. ނަމަވެސް އެކަން ކުރެވޭނީ އިންސާނާ އެކަން ކުރަން ބޭނުންވެގެން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ނަފުސުގެ ޖިހާދުން ޖިހާދުކޮށް ގުރުބާންތަކެއް ވެގެންނެވެ.
މިގޮތުން ކުރަންޖެހޭ އެއްކަމަކީ އަމިއްލަ ނަފްސުގެ އެދުންތަކާއި ބޭނުންތަކަށް ވުރެ ﷲ ގެ ރުހިވޮޑިގަތުން އިސްކުރުމެވެ. ތިމާ ދުނިޔޭގައި ދެމިހުރުމުގެ ސަބަބު ކަމުގައިވާ ކެއިންބުއިން ވަކި ވަގުތެއްގައި ދޫކޮށްލައި ގުރުބާނެއް ވާން ޖެހެ އެވެ. އަދި އިންސާނީ ނަސްލު ދުނިޔޭގައި ދެމިއޮތުމުގެ ސަބަބު ކަމުގައިވާ ޖިންސީ އެދުންވެރިކަމުން ވެސް ވަކި ވަގުތެއްގައި މަހްރޫމްވެ ގުރުބާނެއް ވާން ޖެހެ އެވެ.
ދެވަނަ ކަމަކީ އެހެން ފަރާތެއްގެ ރުހުމެއް ނުވަތަ އެހެންފަރާތަކުން މަންފާއެއް ހޯދުމަށް ކުރާ ކަމަކަށް ނުހަދައި ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން ﷲ ގެ އަމުރަށް ކިޔަމަން ވުމަށް އެކަނި ކުރާ ކަމަކަށް ހެދުމެވެ. މިގޮތުން ރޯދަ އަށް ހުރުމުން މަހުރޫމު ވެގެންދާ ކަންކަމުގެ ނުވަތަ ނިއުމަތްތަކުގެ ހަގީގީ އަގު ވަޒަންކުރަން ޖެހެ އެވެ. އަދި ތިމާއަކީ މިވަގުތު އެކަނި އެކަންކަމުން މަހުރޫމުވާ މީހެއް ކަމާއި އެކަމަކު ބައެއް މީހުންނަކީ ގިނަ ދުވަސްތަކެއް ވަންދެން މި މަހުރޫމުވުންތަކުގައި ތިބެންޖެހޭ ބައެއްކަން ތަސައްވުރު ކުރަންޖެހެ އެވެ. އޭރުން ނަތީޖާއަކަށް ވާން ޖެހޭނީ ﷲ އަށް ހަމްދުކޮށް ޝުކުރުވެރިވާން ތިމާއަށް ތަމްރީނު ލިބިގެން ދިއުމެވެ.
ތަގުވާ ހާސިކޮށް، ނަފުސު ތަޒުކިޔާ ކުރަން ކުރެވިދާނެ ފަސްވަނަ ކަމަކީ ކަރު ހިއްކައި ގަތުމާއި ބަނޑުހައިވުމުގެ ހޫނުކަމާއި ހިތިކަން އިހުސާސް ކުރާ ކޮންމެ ވަގުތަކު ހެޔޮކަންތަކާއި އިހުސާންތެރިކަމުން ތިމާގެ އަތް އެހެން މީހުންނަށް ފޯރުކޮށްދޭން އާދަކުރުމެވެ.
ތިންވަނަ ކަމަކީ ރޯދަ މަހަކީ ކީރިތި ޤުރުއާން ބާވާލެއްވުނު މައްސަރު ކަމަށް ވުމާ އެކު، ޤުރުއާނުގެ ހިދާޔަތާއި ނިއުމަތް ހަނދާންކޮށް އެކަމަށް ވެސް ޝުކުރުވެރިވާން އާދަކުރުމެވެ. މިގޮތުން ޤުރުއާނަށް ކިޔަމަންތެރިވެ، ބޯލަނބައިގެން މެނުވީ ހަގީގަތުގައި ޝުކުރުވެރި ނުވެވޭނެކަން ގަބޫލުކޮށް އެކަމުގެ އަޒުމް އާލާކުރަން ޖެހެ އެވެ.
ހަތަރުވަނަ ކަމަކީ މާއްދިއްޔަތާއި ޝަހުވާނީ ބާރުތަކަށް އަޅުވެތިވެފައިވާ އަޅުވެތިކަމުން މިންޖުވެ، އެދުންތައް ކޮންޓްރޯލު ކުރުމަށް އަޒުމް ކަނޑައަޅައި އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. އިންސާނާ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް ވާސިލުވުމަށްޓަކައި އިންސާނާގެ މިނިވަންކަމުގައި ހިފެހެއްޓުންތަކެއް އޮތުން ލާޒިމުވާނެކަން އަބަދުވެސް ހަނދާން ކުރަން ޖެހެ އެވެ. މިގޮތުން ތިމާއަށާއި މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި ތިމާގެ މިނިވަންކަމުން ހިފެހެއްޓިފައި އެވާ ބައިން ތިމާ ގުރުބާން ވާން ދަސްކުރަން ޖެހެ އެވެ. ހަވާނަފުސުގެ އެދުންތަކަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ އެންމެހާ މައްސަލަތަކުން ތިމާ ރައްކާތެރިވެ ސަލާމަތް ކޮށްދޭނެ އައްޑަނައެއް ކަމުގައި ރޯދަ ހަދަން ޖެހެ އެވެ. އަދި ހިތްތިރިކަމާއި ކިޔަމަންތެރިކަން ދަސްކުރަން އާދަކޮށް ނަފްސުގެ ފެންވަރު ވަޒަން ކުރަން ވެސް އާދަކުރަން ޖެހެ އެވެ.
ތަގުވާ ހާސިކޮށް، ނަފުސު ތަޒުކިޔާ ކުރަން ކުރެވިދާނެ ފަސްވަނަ ކަމަކީ ކަރު ހިއްކައި ގަތުމާއި ބަނޑުހައިވުމުގެ ހޫނުކަމާއި ހިތިކަން އިހުސާސް ކުރާ ކޮންމެ ވަގުތަކު ހެޔޮކަންތަކާއި އިހުސާންތެރިކަމުން ތިމާގެ އަތް އެހެން މީހުންނަށް ފޯރުކޮށްދޭން އާދަކުރުމެވެ.
ހަވަނަކަމަކީ ހަގީގީ ރޯދައަކީ ހަމައެކަނި ކެއިންބުއިމާއި އެދުންވެރިކަން ދޫކޮށްލުން ނޫން ކަމަށް ވާއިރު ނުރަނގަޅު ހުރިހާ ސިފަތަކުންވެސް "ރޯދަހިފަން" އާދަ ކުރުމެވެ. މިގޮތުން ދޮގުހެދުމާއި ދޮގުހެކިދިނުމާއި ފާހިޝް އަމަލުތަކާއި މަކަރުހެދުމާއި ހަޑިހުތުރުބަސްތައް ބުނުމާއި މި ނޫނަސް މިފަދަ ހުރިހާ ހަރާމް ކަންތައްތަކުން ދުރުހެލިވާން ޖެހެ އެވެ.
ވީމާ މި ފާހަގަ ކުރި ކަންކަމުގެ އަލީގައި އަހަރެމެންގެ އަޒުމަކަށް ވާން ޖެހޭނީ ﷲ ގެ އަމުރުތަކަށް ކިޔަމަން ވުމާއި ނަހީތަކުން ދުރުހެލިވުމުގެ އަޒުމެވެ. އަދި މިކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމުގެ އަޒުމެވެ. މި އެއް މަސްދުވަހުގެ ތަގުވާވެރިކަމާއި ނަފުސު ތަޒުކިޔާ ކުރުމުގެ ކޯސް ނިމޭ އިރު ކޯހުން ފާސްވޭތޯ ބެލުމެވެ. ކޯހުގެ އަމާޒާއި މައިގަނޑު މަގުސަދުތައް ކިތަންމެހާ ވެސް ރީތިކޮށް އަޅުގަނޑުމެންނަށް މިއޮތީ ހާމަވެ އެނގޭށެވެ. ވީމާ ދެން އޮތީ އަޅުގަނޑުމެންގެ ހިތްވަރެކެވެ.