ހަލަބޮލި މި ދުނިޔޭގައި އުޅެމުން އަންނައިރު އެންމެ ބޮޑު އެއް ކަމަކީ ހާސްކަމާއި ފިކުރުބޮޑުވުމާއި ކަންބޮޑުވުންތަކުން އަރައިގަނެވޭނެ ގޮތެއް ހޯދުމެވެ.

ތަފާތު ނަންތައް ކިޔަމުން އައި ނަމަވެސް ގިނަ ބަޔަކު އުޅެމުންދަނީ އެ ހާސްކަމާއި އުދާސްކަމުގެ ތެރޭގަ އެވެ. ހިތްހަމަނުޖެހުންތަކުގަ އެވެ. އެ ހާސްކަމުގެ ތެރޭގައި ގޯސް ހެދޭ މީހުން ވެސް މަދެއް ނޫނެވެ. 

ޝައިހު އިބްރާހިމް ޒަކަރިއްޔާ މޫސާ "ނޫރު" ގެ މިއަދުގެ އެޕިސޯޑުގައި އަހަރެމެންނަށް ވިދާޅުވެދެއްވީ އެ ހާސްކަމާއި ފިކުރުބޮޑުވުމުން އަރައިގަންނަން އެންމެ ރަނގަޅު ދުއާއަކީ ޔޫނުސްގެފާނު ކުރެއްވި ދުއާ ކަމެވެ. 

އެ ދުއާގެ މާނައިގައި ވަނީ "އިބަ ﷲ ފިޔަވައި އަޅުކަމެއް ވެވޭ އެހެން އެއްވެސް އިލާހެއް ނެތެވެ. އިބަ ﷲ ގެ ހުސްތާހިރުވަންތަ ކަމާ އެވެ. މި އަޅާއީ އަމިއްލަ ނަފުސަށް އަނިޔާވެރިވާ މީހުންގެ ތެރޭގަ އެވެ،" މި އެވެ. 

ފުންކަނޑެއްގައި އޮތް މަހެއްގެ ބަނޑުތެރޭގައި އޮންނަވައި ޔޫނުސްގެފާނު ކުރެއްވި އެ ދުއާގެ ނަތީޖާއަކީ އެ އަނދިރިކަމުން ޔޫނުސްގެފާނު ސަލާމަތް ކުރެއްވުމެވެ. 

ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކުގެ އަލީގައި ޝައިހު ޒަކަރިއްޔާ ވިދާޅުވީ، އެއީ ހަމައެކަނި ޔޫނުސްގެފާނަށް ހާއްސަ ކަލިމައެއް ނޫން ކަމަށެވެ. އަހަރެމެން ވެސް އެ ދުއާ ކުރާ ނަމަ އުދާސްތަކުން ސަލާމަތްވެވޭވެނެ އެވެ.