ރޯދަމަހަކީ އަހަރެމެންނަށް ކުރެވިފައިވާ ފާފަތައް ﷲ ފުއްސަވާ މަހެއްގެ ގޮތުގައި އަހަރެމެން އެންމެން ވެސް ގަބޫލު ކުރަމެވެ. އެ މަހުގައި އަޅުކަންތައް އިތުރުކޮށް، ﷲ އަށް ތަގުވާވެރިވުމަށް ހާއްސަ ޖޯޝަކާއި ފޯރިއެއް އަހަރެމެން މުސްލިމުންގެ ކިބައިގައި ވަކިން ގަދަވެ އެވެ. 

އެހެންވެ، މިހާ މާތް މަހެއްގައި އަހަރެމެންނަށް އޮތީ ފާފަތައް ފުއްސެވުން އެދި ވީހާ ވެސް ގިނައެއްކޮށް ﷲ ގެ ހަޟްރަތުގައި ދެންނެވުމެވެ. 

"މިހާރު" ގެ "ނޫރު" ގެ ހަތަރުވަނަ އެޕިސޯޑުގައި ޝައިހު އާޒިމް ހާލިދު ފާހަގަކުރެއްވި ގޮތުގައި، ﷲ ގެ ދަރުބާރަށް ދިއުމުގެ ހުރިހާ މަގެއް ރޯދަމަހު ފަހިކޮށްދެއްވައި، ހުރިހާ ޝައިތާނު ކަސްތޮޅު އަޅުއްވައި، ސުވަރުގޭގެ ހުރިހާ ދޮރޮކޮޅުތައް އަހަރެމެން މުސްލިމުންނަށް މަރުހަބާ ކިޔަ އެވެ. ނަރަކައިގެ ދޮރުތައް ބަންދުވެ އެވެ. 

މިކަން މިހެން އޮތް އިރު، ޝައިހު އާޒިމް ވިދާޅުވީ، މުސްލިމުންނަށް އޮތީ ފާފަތައް ފުއްސެވުން އެެދި ދުއާ ދެންނެވުމެވެ.

ކީރިތި ރަސޫލާގެ ކިބައިން ވާރިދުވެފައިވާ އެންމެ މުހިންމު އެއް ދުއާގެ މާނައިގައި ވަނީ "އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބަ އިލާހީ ފުއްސަވައި ދެއްވާ އިލާހެވެ. ފުއްސެވުމަށް ލޯބި ކުރައްވާ އިލާހެވެ. އޭ ﷲ މި އަޅާގެ ފާފަތައް ފުއްސަވައި ދެއްވާފާނދޭވެ،" މިހެންނެވެ. 

އެއީ ރޯދަމަހުގެ ފަހު 10 ގެ ސަވާބާއި ދަރުމަ ހޯދަން ﷲ އަށް ދަންނަވަން ކީރިތި ރަސޫލާ އަހަރެމެންނަށް ދަސްކޮށްދެއްވި ދުއާ އެކެވެ.