ސަރާސަރަށް އޮތް ހިމުން، ރީތި ހުދު ވެލީގެ ބީޗުގައި، ވަށައިގެން ހުރި ދިވެހިވަންތަ ރުއްތަކުގެ ތެރޭ ހުރިއިރު އަހަރެންގެ ހިތުގައި އޮތީ އެންމެ ހިޔާލެކެވެ. މިހާ ގިނަ ރަށްރަށަށް ދަތުރު ކުރެވުނުއިރު ވެސް މި ވަރުގެ ހިތްގައިމުކަމަކާއި ސާފު، ރީތި ބީޗަކާއި ގޮނޑުދޮށެއް ނުދެކެމެވެ. މިއީ ރީތި ކަމުގައި ރާއްޖޭން މަތިން ހޮވާލެވޭނެ ހިތްގައިމު، ބޮޑު ރަށެކެވެ.
ހދ. ނޮޅިވަރަންފަރުގެ ނަން އެންމެން ވެސް އަޑު އަހާނެ އެވެ. އެ ނަން ވަރަށް މަޝްހޫރެވެ. މި ރަށަށް އަރައިލި މީހަކު އަންތަރީސް ވާހާ ނަލެވެ.
އެކަމަކު އެންމެ ބޮޑު ސުވާލަކީ މި ރަށުގެ މި ރީތިކަމާ އެކު، ބިމުގެ ބޭނުން ނުކޮށް މި އޮންނަނީ ކީއްވެގެން ބާވަ އެވެ؟
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ ދާދި ގާތުގައި އޮންނަ ނޮޅިވަރަންފަރަކީ ބިމުގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު އެއް ރަށެވެ. ބޮޑުމިނުގައި 172 ހެކްޓަރު ހުންނަ މި ރަށުގެ ރީތި ބީޗުގެ މަޝްހޫރު ކަން މުޅި ރާއްޖެ އަށް ފެތުރިފައި އޮތް ނަމަވެސް، އޭގެ މަންފާ ރަށަކަށް ނުވަދެ އެވެ. ރަށުން ފެންނަނީ ފަޅުކަމެވެ. އެތެރޭގެ އިގުތިސާދުގެ އިންޖީނު ނުހިނގަ އެވެ. ގުދުރަތީ ވަސީލަތްތަކުގެ ބޭނުމެއް ނުހިފެ އެވެ.
ރުއްތަކުގެ ތެރެއިން ނުކުމެ ހިމުން ވެލިގަނޑު މަތީ ދިގުރާސްތާއެއްގައި ހިނގާފައި ދިޔައީމެވެ. އެ ރާސްތާގެ މަންޒިލަކަށްވީ އެއްކޮށް ނިވާވެ ފޮރުވިފައި އޮތް ރަށުގެ ގުދުރަތީ ހަޒާނާއެކެވެ. އުތުރުގެ ގިނަ ރަށްތަކެއްގެ ރަމުޒު ކަމަށްވާ ކުޅި އެވެ. އެ ކުޅިއަށް އެރިލައި، އެ މާހައުލުގައި ހުރެ ވެސް ހިތަށް ވެރިވީ، ތަނުގެ ބޭނުން އެއްވެސް ވަރަކަށް ނުހިފަނީ ކީއްވެބާ އެވެ.؟
ގުދުރަތީ އެ ހަޒާނާ އޮތީ ފޮރުވައިފަ އެވެ. ވަރަށް އުނދަގުލުން ނޫން ގޮތަކަށް އެ ތަނަށް ވަދެވެން ނެތުމުން ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އެ ތަނަށް ގޮހެއް ނޫޅެ އެވެ. ފޮރުވައި ނިވާކޮށްފައި އޮތް އެ ހަޒާނާއިން ނުކުމެގެން، ސައިކަލަށް އަރައި ދެން ދިޔައީ ރަށުގެ ކޮންމެ ގޭބިސީއަކަށް ދޫކޮށްފައިވާ ދަނޑުބިންތަކާ ދިމާއަށެވެ. އެ ތަނުން ފެންނަނީ ރަށު ރައްޔިތުންގެ މަސައްކަތްތެރިކަމާއި އެ މީހުން ސާދާ ދިރިއުޅުމެވެ. އެ އަށް ވުރެ ބޮޑަށް ގިނަ ރަށްތަކެއްގެ ރައްޔިތުން ވަޒަންވެރިވެފައިވާ ރަށުގެ އެއްބައިވަންތަކެވެ.
އެ އެއްބައިވަންތަކަމުގެ ދިރިއުޅުމުގެ ތެރެއިން ދެން ވާސިލުވެވުނީ ރަށުގެ ތާރީހަށެވެ. ޒަމާންވީ، މުއްސަނދި ތާރީހެއް ރަށުން މާޒީގެ ހަނދާންތައް އަދިވެސް ފެންނަން އެބަހުއްޓެވެ. ޒިޔާރަތްތަކުން އެ ތާރީހު ހެކިދޭން ވެސް އެބަހުއްޓެވެ.
ރަށް ވަށައިގެން ބެލިބެލުމުން އެނގިގެން ދިޔައީ ލޯކަލް ޓޫރިޒަމްގެ އުޖާލާ މުސްތަގުބަލަކަށް ފުރިހަމަ ވާން ޖެހޭ ހުރިހާ ޝަރުތެއް މި ރަށުގައި އޮތް ކަމެވެ. އެކަމަށް މި އަށް ވުރެ ވަކި ފަހި ރަށެއް ނެތް ކަމެވެ.
އެކަމަކު ނޮޅިވަރަންފަރުގައި އަދި ހުރީ ގެސްޓް ހައުސްގެ ވިއްސަކަށް އެނދެވެ. އެކަމަކު ގެސްޓުންނެއް ނާދެ އެވެ. އެ ގެސްޓް ހައުސްގެ މައިގަނޑު ކަސްޓަމަރުންނަކީ ދިވެހިންނެވެ. އީދާއި އެހެން ޗުއްޓީތަކުގައި މާލޭންނާއި ކައިރީގައި އޮތް ކުޅުފުއްފުށިން ޒިޔާރަތް ކުރާ ލޯކަލް ޓޫރިސްޓުންނެވެ.
އެކަން ބަދަލުކޮށްލައި، ނޮޅިވަރަންފަރަކީ ލޯކަލް ޓޫރިޒަމްގެ ވަރުގަދަ ހަބަކަށް ހެދުމަކީ މި ރަށު ކައުންސިލްގެ މިހާރުގެ އަމާޒެވެ. އެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކައުންސިލުން ވަނީ ފަށައިފަ އެވެ. އެއީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތަށް ނޮޅިވަރަންފަރު ހާބަން ސެންޓަރަކަށް ހެދުމުގެ ސިޔާސަތާ ވެސް އެއްކީލި މަސައްކަތްތަކެވެ.
ކައުންސިލުން ވިސްނާފައިވާ ގޮތުން ރަށުގެ ވަކި ސަރަހައްދެއް ތަރައްގީ ކުރާނީ ޓޫރިސްޓް ވިލެޖެއްގެ ގޮތުގަ އެވެ. އެ ތަނުގައި މުޅިން ވެސް ހުންނަނީ ޓޫރިސްޓު ހޮޓާތަކެވެ. އެކަމަށް ބިން ކަނޑައަޅާފައިވާއިރު، އެއީ ބައެއް ރަށްރަށަށް ވުރެ ވެސް ބޮޑު ސަރަހައްދެކެވެ. އެ ތަނުން ނުވަ ބިމެއް ބިޑަށް ހުޅުވާލުމުން، ބޮޑު ތަރުހީބެއް ފެނިގެންދިޔަ އެވެ. ވާދަވެރި ބިޑުތަކަކަށް ފަހު ފަސް ބިމެއް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި 150،000 އަކަ ފޫޓުގެ ބިމަކާއި 72،000 އަކަ ފޫޓުގެ ދެ ބިން ވެސް ހިމެނެ އެވެ.
ހޮޓާ ހިންގަން އެ ބިންތައް ނެގި މީހުންގެ ތެރޭގައި މާލޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިވެރިން ހިމެނެ އެވެ. އެކަމަށް އެވަރަށް ތަރުހީބު އެބަ އޮތެވެ.
ކައުންސިލްގެ އެކްޓިން ސެކްރެޓްރީ ޖެނެރަލް އަހުމަދު ތޮލާލު ވިދާޅުވި ގޮތުގައި، ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ހަދާފައިވަނީ ޓޫރިސްޓުން ވިލެޖުން 32 ބިމެއް ހޮޓާ ހަދަން ދޫކުރާށެވެ. އަދި ކުރިން "ޓްރެއިން ރިސޯޓެއް" ހަދަން ދީފައި އޮތް 14 ހެކްޓަރުގެ ބިމެއް ވެސް ކައުންސިލަށް ނަގައި، ވިލެޖުގެ ތެރެއަށް ވައްދަން ވަނީ ނިންމައިފަ އެވެ. ތެރޭގައި ގިނައީ 20،000 އަކަފޫޓުގެ ބިންތަކެވެ.
ތޮލާލު ވިދާޅުވި ގޮތުގައި އެ ހުރިހާ ތަނެއް ތަރައްގީކޮށް ނިމުމުން 2،000 އެނދު އޮޕަރޭޝަނެއް ގެނެވޭނެ އެވެ.
ޓޫރިޒަމްގެ މިހާ ފުޅާ ތަސައްވުރެއް ކައުންސިލުން މިހާރު ގެންގުޅޭއިރު، އެކަން ކުރަން އެ ކައުންސިލުން ބޭނުން ވަނީ ތޮލާލު ވިދާޅުވި ގޮތުގައި ނޮޅިވަރަންފަރުގެ ރީތިކަމާއި ހާއްސަކަން އަދި ރަށުވަންތަ ކަން ނުގެއްލޭ ގޮތަށެވެ. ބޮޑެތި ކޮންކްރީޓް ހޮޓާތަކެއްގެ ބަދަލުގައި ވިސްނުމަކީ ރަށުވަންތަ ގޮތަކަށް އެ ތަންތަން ތަރައްގީ ކުރުމެވެ. ރަށުގެ މަލަމަތީގައި އަޅާ އެ ހޮޓާތައް އެންމެ މައްޗަށް ވެސް ހިއްލޭނީ ހަތަރު ފަންގިފިލާއަށެވެ.
ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއެއް ކަނޑައަޅާފައި އޮތް ނަމަވެސް، ވިލެޖާ ހިސާބުން ތާރު އެޅުމުގެ ވިސްނުމެއް ނެތެވެ. ހޮޓާތަކަށް ދެވޭ ގޮތަށް ހަދާ މަގު ބާއްވާނީ ވެލި މަގެއްގެ ގޮތުގަ އެވެ. އަދި ވިސްނުމަކީ މަގު ވަކި ހިސާބަކަށް އިންޖީނުލީ އުޅަނދަށް ވެސް ނުވަދެވޭ ގޮތަށް ބޭއްވުމެވެ.
"ގިނަ އިންވެސްޓަރުން ވެސް ބޭނުން ވަނީ އެ ގޮތް، ރަށްފުށު ޓޫރިސްޓު ވިލެޖެއްގެ ގޮތުގައި ތަން ތަރައްގީކޮށް، ރިސޯޓެއްގެ ފެންވަރުގެ ހިދުމަތް ދިނުން. އެކަން އިރާދަކުރެއްވިއްޔާ ކުރާނީ އެގޮތަށް. ކޮންމެ ހޮޓަލަކާ ދިމާއަށް އެހާ ރީތި ބީޗު އޮންނާނެ،" ތޮލާލު ވިދާޅުވި އެވެ.
ރަށާ ވަކިން ޓޫރިސްޓު ވިލެޖު ހެދުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭއިރު، އެ މީހުން ޕްލޭން ކޮށްފައި އޮތް ގޮތުން ހޮޓާ ވިޔަފާރިއާ އެކު، ރަށުގެ އެހެން ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ އެވެ. ހޮޓާ ތަރައްގީ ކުރާއިރު ރަށުގެ ވިޔަފާރިތަކުން މުދާ ހޯދުމަށް ކައުންސިލުން ބާރުއަޅަ އެވެ. އެއާ އެކު، ހޮޓާތައް ހުޅުވުމުން، އެންމެ ބޮޑު ފައިދާއެއް އޮތީ ދަނޑުވެރިންނަށެވެ. އެ ތަންތަނަށް ބޭނުންވާ ތަރުކާރީ އާއި މޭވާ ގަންނަން ޖެހޭނީ ރަށުގެ ދަނޑުބިންތަކުން ކަމަށް ވެސް ކައުންސިލުން ބާރުއަޅަ އެވެ.
އޭގެ އިތުރުން ރެސްޓޯރެންޓްތަކާއި ވޯޓާ ސްޕޯޓްސް ފަދަ އެތައް ކަމަކަށް ޓޫރިސްޓު ވިލެޖުން ބިން ދޫކުރަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ހޮޓާ އިމާރާްތް ކުރަން މިހާރު ހަވާލުކޮށްފައިވާ 150،000 އަކަފޫޓުގެ ބިން، ހަވާލުކުރާތާ ތިން އަހަރުގެ ތެރޭގައި ނިންމަން ޖެހޭއިރު، އެހެން ބިންތަކުގައި ހޮޓާ ތަރައްގީ ކުރަން ދީފައިވަނީ ދެ އަހަރެވެ. އެހެންކަމުން ވިލެޖުގެ ތަސައްވުރު ހަގީގަތަކަށް ވަރަށް އަވަހަށް ވެގެންދިއުމުގެ އުއްމީދު ކައުންސިލްގައި އެބައޮތް ކަން ތޮލާލު ފާހަގަކުރެއްވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމި ހުޅުވާފައިވާއިރު، އެ އެއާޕޯޓުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ތޮލާލު ވިދާޅުވި ގޮތުގައި، ރަށްރަށުގައި ހޮޓާ ވިޔަފާރި ފުޅާކޮށްގެންނެވެ. އެހެންވެ، ނޮޅިވަރަންފަރުން އެ ރިސްކް ނަގައި، އަޖުމަ ބަލަން އަވަސްވެގަތީ އެވެ.
"އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އެއާޕާޓްގެ ސަބަބުން، އެއާޕޯޓް ހިނގާނެ ސަބަބެއް އިންނަން ޖެހޭނެ. މިހާރު ހުރިހާ ރަށެއް އެއްކޮށްލިޔަސް 500 އެނދު ނުހުންނާނެ، އެ އަދަދަކަށް ބޮޑެތި އެއާލައިންތަކެއް ނާޅާނެ،" ތޮލާލު ވިދާޅުވި އެވެ.
"އެެހެން ރަށްރަށުން ވެސް މިކަމުގެ ތެރެއަށް ވަދެގެން އެކަން ހާސިލްވާނީ. އަޅުގަނޑުމެން އަޖުމަ ބަލަން މި ކުރަނީ. ކޮންމެ ވެސް އެއް ބަޔަކު ސްޓާޓް ކޮށްގެން ތާ ވާނީ ވެސް."
ނޮޅިވަރަންފަރުގައި 1،200 އެއްހާ މީހުން ދިރިއުޅޭއިރު، ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެ ރަށުގައި އޮތީ އުޖާލާ މުސްތަގުބަލެކެވެ. ކުރިން ރަށުން މީހުން ބަދަލުކުރުމުގެ ބޮޑު ޓްރެންޑެއް އޮތަސް، މިހާރު ގިނައީ ރަށަށް ބަދަލުވާ މީހުންނެވެ. ވަޒީފާތައް ވެސް އެބަ އުފެދެ އެވެ. ދިރިއުޅޭނެ ގޯތި އެބަ އޮތެވެ.
"އަދިވެސް މި ރަށުގައި 258 ގޯތި ދެވެން އެބައޮތް. މިހާރު ވެސް އެބަހުރި 400-500 ގެދޮރު. ގޯތި ވިއްކުމުގެ ކަންކަން ވެސް ވަރަށް ބޮޑަށް އެބަ ހިނގާ. މާލޭން ވެސް ފަސް މީހަކު ބިން ގަނެފި. ހޮލިޑޭ ހޯމް ހަދައިގެން އެ މީހުން މި ރަށަށް އައިސް އުޅޭ،" ތޮލާލު ވިދާޅުވި އެވެ.
"އެހެންވީމަ މިއީ އިގުތިސާދީ މުސްތަގުބަލެއް މާބޮޑަށް ވެސް އޮތް ރަށެއް."
ކައުންސިލްގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހދ. އަތޮޅުގެ މައި ހަބު ކަމަށް އެންމެން ވެސް ދެކޭ ކުޅުދުއްފުށީގައި އޮތް ތަރައްގީ ނޮޅިވަރަންފަރަށް އަނބުރާ ލެވިދާނެ އެވެ. ރަށުގެ ރައްޔިތުން އެ ވަރަށް މަސައްކަތްކޮށްފި ނަމަ، އެކަމުގެ ހުރިހާ އާރެއް ރަށުގައި އެބަހުރި ކަން ތޮލާލު ފާހަގަކުރެއްވި އެވެ.
ނޮޅިވަރަންފަރަކީ އަހަރެމެންނަށް ފެނުނުތަނުގައި ބޮޑު "ހަޒާނާއެކެވެ". މި ހުރިހާ ދުވަހު އެ "ހަޒާނާ" އޮތީ ފޮރުވައިފަ އެވެ. ވިސްނުން ގެންގުޅުނީ އެ އަގު ބޮޑެތި ވަސީލަތްތައް ދޫކޮށްލާފައި އެހެން ރަށަކަށް ބަދަލުވާށެވެ. އެކަމަކު، ތަރައްގީގެ އޮއިވަރު ފެނި، ނޮޅިވަރަންފަރު އެ އޮތީ އެ އޮތް ބޮޑު ކުޅުދުއްފުށި ވެސް "ވައްޓާލާ" ހިސާބުގަ އެވެ.