މީގެ އެތަކެއް އަހަރެއް ކުރިން 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީން ދީދީ ހދ. ނޮޅިވަރަންފަރަށް ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުގެ ވީޑިއޯއެއް އާކައިވް ކުރެވިފައިވާއިރު އެ އިން މި ރަށުގެ މުހިންމު މަންޒަރުތަކެއް ދައްކުވައިދެ އެވެ. ދެބުރިއަށް ހަދާފައިހުރި ވަރުގަދަ އިމާރާތަކާއި ރީއްޗަށް ރާނާފައި ހުރި ވަށާފާރުތަކުން، އެ ޒަމާނާ ބަލާފައި ނޮޅިވަރަންފަރު އޮތީ މާކުރީގައި ކަން ހާމަވެ އެވެ.
ތާރީހުން ފެންނަ އޮތް އެހެން ކަމެކެވެ. ރައީސް އަމީންގެ ވެރިކަން ވައްޓާލުމަށް ފަހު، ރާއްޖެ ހިންގި އިންގިލާބީ ކޮމިޓީގެ އިސްވެރިޔާ ފާމުދޭރިކިލޭގެފާނު އުތުރަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަޑައިގެންނެވީ ނޮޅިވަރަންފަރަށެވެ. އެ މަނިކުފާނު ރަށަށް ވަޑައިގެން ހާއްސަ ޖަލްސާއެއް ބޭއްވެވިއިރު، އެ ޖަލްސާ އަށް އަތޮޅުގެ ކޮންމެ ރަށަކުން ވެރިއަކާއި ބޮޑު މީހަކު ގެންދެވި އެވެ. އެއީ މުޅި ބޮޑުތިލަދުންމައްޗެވެ. މިހާރު ނަމަ ހއ. އާއި ހދ. އަދި ށ. އެވެ.
"ނޮޅިވަރަންފަރަކީ ކުރީގައި ބޮޑުތިލަދުންމަތީގެ ގޮތުގައި އޮތްއިރު ވާރުކުރަމުން އައި ރަށް،" 40 އަހަރަށް ވުރެ ގިނަ ދުވަހު ނޮޅިވަރަންފަރަށް ހިދުމަތް ކުރެއްވި އަހުމަދު އަބްދުﷲ ޒަކަރިއްޔާ ވިދާޅުވި އެވެ.
މިއިން އެނގެން އޮތް ކަމަކީ، ސަރަހައްދުގެ މައި ރަށަކީ އަދި އެންމެ ކުރިއަރާފައިވާ ރަށަކީ ވެސް ނޮޅިވަރަންފަރު ކަމެވެ. އެކަމަކު، އޭގެ އެތައް އަހަރެއް ފަހުން، މިއަދު ފެންނަން އޮތީ ތާރީހުން ދެއްކި ހަގީގަތެއް ނޫނެވެ.
ނޮޅިވަރަންފަރަކީ ބާރާއި ކުރިއެރުމާއި ތަރައްގީގެ ރޮނގުން މިހާރު އުތުރުގައި ހޮވާލެވޭ ރަށެއް ނޫނެވެ. ތަރައްގީގެ ސަފަށް އަލުން އެރުމަށް ގަދައަޅާ މިއަދު މަސައްކަތް ކުރަމުންދާ ރަށް އޮތީ އެތައް ކަމެއްގައި ފަހަތަށް ސޮއްސައިލާފަ އެވެ. ވާދަވެރި އެހެން އެތައް ރަށެއް މާބޮޑަށް ކުރިއަރައިގެން ދިޔައިރު، ނޮޅިވަރަންފަރުގެ ވަރުގަދަ "ހަޟާރަތް" ވަނީ ގެއްލިފަ އެވެ.
އެ ހަގީގަތާ އެކު ނޮޅިވަރަންފަރުގެ ތާރީހު ދިރާސާކުރައްވާ އަހުމަދު އަބްދުﷲ ޒަކަރިއްޔާއާ އެކު އަހަރެން ގޮސް ވަނީ ރަށުގެ ބާ ގަބުރުސްތާނުގެ ތެރެއަށެވެ. އެ ތަނުގެ ތެރޭގައި ނޮޅިވަރަންފަރުގެ ރަން ޒަމާނުގެ އެތައް ތާރީހަކާއި މަންޒަރެއްގެ ކުލަވަރު ފެންނަން އެބަހުއްޓެވެ.
އުތުރުގެ އެތައް ބަޔަކު ނަދުރު ބުނެ، ގަދަރުކޮށް ބެލެހެއްޓި މަޣްރިބު ކަރައިން ދަތުރުކުރި ވިޔަފާރިވެރިއެއްގެ ޒިޔާރާތާއި އިހުގެ މިސްކިތާއި ބިލެއް ކަމަނާގެ ބީސްތާނެވެ. އެ ޒިޔާރާތަށް މީހުން ގަދަރުކުރި މިންވަރު ދައްކަން، އަހުމަދު ފާހަގަކުރެެއްވި އެއް ކަމަކީ، ޒިޔާރަތް މަގުކޮޅުން ފެންނަ ހިސާބުން ދަތުރުކުރާ ދޯނިފަހަރުގެ ދެ ރިޔާ ދޫކޮށްލަ އެވެ.
އަހުމަދާ އެކު ތާރީހުގެ ތެރެއަށް ވަދެގެންދިޔައިރު، އެ ގަބުރުސްތާނުގައި ހުރި އެންމެ މުހިންމު ތަނަކީ މަތިހިޔާނުކޮށް ހުރި ނޮޅިވަރަންފަރުގެ ބާނީގެ ގޮތުގައި ގަބޫލުކުރެވޭ އެދުރުކަލޭގެފާނުގެ މަގުބަރާ އެވެ. ނޮޅިވަރަންފަރުގެ ބާރުވެރިކަން ފެށިގެން ދިޔުމާއި އެދުރުކަލޭގެފާނާ ވަރަށް ބޮޑު ގުޅުމެއްވެ އެވެ.
އަހުމަދު ވިދާޅުވާ ގޮތުގައި ނޮޅިވަރަންފަރުގެ ބާރުވެރިކަން ފެށިގެން ދިޔައީ އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު)ގެ ދުވަސްވަރުގަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ވާރުފަތްކޮޅެއް ދެއްވީ ނޮޅިވަރަންފަރުގެ އެދުރުކަލޭގެފާނަށެވެ. ވާރުވެރިކަމަކީ އަތޮޅުވެރިކަމަށް އޭރު ކިޔާ އުޅުނު ގޮތެވެ.
"އެ ދެއްވި ވާރުފަތްކޮޅަކާ އެކު އައިސް ނޮޅިވަރަންފަރުގައި ވާރުވެރިކަން ކުރައްވަން ފެއްޓެވި ހިސާބުން ތިލަދުންމަތީގެ ވާރުވެރިކަމާ އެކު އަތޮޅުވެރިކަން މިހާ ހިސާބަށް މި ރަށުގައި ކުރަމުން އައި،" ބޮޑުތަކުރުފާނުގެ ބޮޑުބޭބޭފުޅު، އެދުރުކަލޭގެފާނުގެ ޒިޔާރާތް ކައިރީގައި ހުންނަވާ އަހުމަދު އަބްދުﷲ ތާރީހުގެ ތެރެއަށް ވަޑައިގެންނެވި އެވެ.
ވާރުފަތްކޮޅަކާ އެކު ވަޑައިގެން، އެދުރުކަލޭގެފާނު އޭރު ދިރިއުޅުއްވީ ހއ. އުތީމުގައި ހުންނަ ބޮޑު ތަކުރުފާނު ގަނޑުވަރާ ދާދި އެއްގޮތަށް ހަދާފައިވާ ގެކޮޅެއްގަ އެވެ. އަތޮޅުވެރިކަމުގެ ހުރިހާ މަސައްކަތަކާއި ބައްދަލުވުންތަކެއް ހިނގީ އެ ތަނުގެ ތެރޭގަ އެވެ. ރާއްޖޭގެ އެކި ރަސްކަލުންނާއި ވެރިން އުތުރަށް ވަޑައިގެން، މަޑުކުރެއްވީ ވެސް އެ ގެކޮޅުގަ އެވެ.
އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ތިލަދުންމައްޗަކީ އޭރުއްސުރެ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސަރަހައްދެވެ. އެހެންވެ ދިވެހި ދައުލަތުން އަބަދުވެސް ނޮޅިވަރަންފަރަށް ހާއްސަ ސަމާލުކަމެއްދީ، ތަރައްގީގެ އެތައް ކަމެއް ކުރިއަށް ގެންދިޔަ އެވެ.
އެގޮތުން، ކުރީގެ ރައީސް އަމީން ދީދީގެ ވެރިކަމުގައި މާލޭން ބޭރު އުތުރުގައި ހެދި އެންމެ ބޮޑު އިމާރާތް ނޮޅިވަރަންފަރުގައި ހެދި އެވެ. އެއީ ބޯޑިން ސްކޫލެއްގެ ގޮތަށް ހެދި ދަނާލެކެވެ. ރައީސް އަމީންގެ ދަތުރުފުޅުން އެ ފެންނަ ދެބުރިއަށް ހަދާފައި ހުރި ވަރުގަދަ އިމާރާތަކީ އެއީ އެވެ. އެ ތަނަކީ އުތުރުގެ އެތައް ރަށަކުން ކުދިން ގެެނެސްގެން ކިޔަވައިދިން ތަނެކެވެ. އުތުރުގެ ތައުލީމީ މައި މަރުކަޒެވެ.
ބުނެވޭ ގޮތުގައި އެ ތަނަށް އެންމެ ފުރަތަމަ ކިޔުނީ އަމީނިއްޔާ ސްކޫލެވެ. މާލޭގައި އެ ނަމުގައި ސްކޫލް ހެދުމަށް ތަނުގެ ނަން ބަދަލުކުރަން އެންގުމުން އަމީރު އަމީން ސްކޫލަށް ބަދަލުކުރީ އެވެ. އެ ނަމުގައި ކުޅުދުއްފުށީގައި ސްކޫލެއް ހުޅުވީމަ، ތަނަށް ދެން ނަން ދިނީ އަމީނަށް ނިސްބަތްވާ ގޮތަށް އޯކިޑް ގުލްޝަންއަށެވެ.
"ދަނާލުގައި ކިޔަވަން ތިލަދުންމަތީގެ 33 ރަށުން ކޮންމެ ރަށަކުން ދެ ކުދިން ގެންނާނެ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
މައި ރަށެއްގެ ގޮތުން ބޮޑު ތިލަދުންމަތީގެ ވެރިކަން އެތައް ޒަމާނަކު ކުރަމުން ގޮސް، ފަހުން އަތޮޅު ވަކިކުރުމަށް ފަހު ހދ. އަތޮޅަށް ބަދަލުކުރި ފަހުން އެ އަތޮޅުގެ ވެރިކަން ވެސް ކުރީ ނޮޅިވަރަންފަރުގަ އެވެ. ނޮޅިވަރަންފަރުން އަތޮޅު ވެރިކަން ނަގައި، އެކަން ކުޅުދުއްފުއްޓަށް ބަދަލުކުރީ 1992 ވަނަ އަހަރު ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގަ އެވެ. އެއީ ކުޅުދުއްފުށީގެ އާބާދީ އާއި އެ ރަށުގެ އިގްތިސާދީ ހަރަކާތްތައް، ނޮޅިވަރަންފަރަށް ވުރެ ބޮޑަށް ކުރިއަރައިގެން ގޮސް، އެ ކަންކަން ނޮޅިވަރަންފަރުން ގެއްލިގެން ގޮސްފައިވާތީ އެވެ.
"...އެހާ ހިސާބުން ފެށިގެން ވެރިކަން ގެއްލި އަތޮޅުގެ އެންމެ އިސް ރަށުގެ ގޮތުގައި އޮތް އޮތުން ގެއްލިގެން ދިޔައީ،" އަހުމަދު ވިދާޅުވި އެވެ.
ނޮޅިވަރަންފަރުން ވެރިކަމާއި އިސްކަން ގެއްލިގެން ދިޔުމުގެ ފަހަތުގައި އޮތީ އަހުމަދު އަބްދުﷲ ދެކެވަޑައިގެންނަވާ ގޮތުގައި އެންމެ ސަބަބެކެވެ. ހިޖުރަކުރުން އިންތިހާއަށް ގިނަވެ، އާބާދީ މަދުވުމެވެ.
މި ބަދަލު އައީ ނޮޅިވަރަންފަރުގައި އޮތް ބާރުވެރިކަމާއި ތަރައްގީގެ ސަބަބުން، މާލޭގެ ރަސްކަމާއި އިސް އާއިލާތަކާ އުފެދިގެން ދިޔަ ވަރުގަދަ ގުޅުމުގެ ސަބަބުންނެވެ. ނޮޅިވަރަންފަރުގެ އިސް އެތައް އާއިލާއެއް އޭރު ގަސްދުކުރީ މާލޭން ގެދޮރު ހޯދައިގެން، ހިޖުރަ ކުރާށެވެ. އެގޮތަށް ރަށުން މީހުން މަދުވަމުން މަދުވަމުން ދިޔައީ އެވެ.
"...މާލޭގައި ނޮޅިވަރަންފަރަށް ނިސްބަތްވާ ވަރަށް ބޮޑު އާބާދީއެއް އޮންނާނެ. ވަރަށް ގިނަ ގެތައް ހުންނާނެ. ގެދޮރު ހަދާފައި އޮންނާނެ މާލޭގަ ނޮޅިވަރަންފަރަށް ނިސްބަތްވާ އެތައް ބައެއް،" ރަށު ކަތީބު ކަން ވެސް ކުރެއްވި އަހުމަދު ވިދާޅުވި އެވެ.
"ހިޖުރަކުރުން ގިނަވީމަ މި ތަނުގަ މި އޮތް އިސްކަން ގެއްލިގެން ދިޔައީ."
ރަށުގައި އޮތް ބާރުވެރިކަމާއި އިސްކަން ގެއްލިގެންދިޔައިރު، އޭގެ ރަމުޒުތައް ވެސް ވަނީ ނެތިގެން ގޮސްފަ އެވެ. އެދުރުކަލޭގެފާނުގެ ގެކޮޅާއި އޯކިޑް ގުލްޝަން މިހާރު ފެންނާކަށް ނެތެވެ. އެ ދެ ތަން ވެސް ނެތިގެންދިޔައީ، ތަން ބަލަހައްޓަން ރައްޔިތުންނާ ހަވާލުކުރުމުން، އެ ކަން ނުކުރެވޭތީ ތަން ތަޅާލުމުންނެވެ.
އެކަމަކު، ނޮޅިވަރަންފަރު މިހާރު އޮތީ އަލުން އެ ތާރީހު އިޔާދަކުރަން އަމާޒެއް ހިފައިފަ އެވެ. ސަރުކާރުން ގެންގުޅޭ އާބަން ސެންޓަރުގެ ސިޔާސަތާ އެކު، ޓޫރިޒަމްގެ މައި ރަށެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމަކީ ރަށުގެ މިހާރުގެ އަމާޒެވެ.
ނޮޅިވަރަންފަރުގައި މިހާރު 1،200 އެއްހާ މީހުން ދިރިއުޅޭއިރު، ރަށު ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެ ރަށުގައި އޮތީ އުޖާލާ މުސްތަގުބަލެކެވެ. ކުރިން ރަށުން މީހުން ބަދަލުވުމުގެ ބޮޑު ޓްރެންޑެއް އޮތަސް، މިހާރު ގިނައީ އާދަޔާ ހިލާފު ރީތިކަމެއް ލިބިގެންވާ ރަށަށް ބަދަލުވާ މީހުންނެވެ. ވަޒީފާތައް ވެސް އެބަ އުފެދެ އެވެ. ދިރިއުޅޭނެ ގޯތި އެބަ އޮތެވެ.
"މިއީ އިގުތިސާދީ މުސްތަގުބަލެއް މާބޮޑަށް ވެސް އޮތް ރަށެއް،" ކައުންސިލްގެ އެކްޓިން ސެކްރެޓްރީ ޖެނެރަލް އަހުމަދު ތޮލާލު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހދ. އަތޮޅުގެ މައި ހަބު ކަމަށް އެންމެން ވެސް ދެކޭ ކުޅުދުއްފުށީގައި އޮތް ތަރައްގީ ނޮޅިވަރަންފަރަށް އަނބުރާ ލެވިދާނެ އެވެ. ރަށުގެ ރައްޔިތުން އެ ވަރަށް މަސައްކަތްކޮށްފި ނަމަ އެކަމުގެ ހުރިހާ އާރެއް ރަށުގައި އެބަހުރި ކަން ތޮލާލު ފާހަގަކުރެއްވި އެވެ.
ބޮޑުތަކުރުފާނު، އެދުރުކަލޭގެފާނަށް ދެއްވި ވާރުފަތްކޮޅަކާ އެކު އުފެދިގެން ދިޔައި ވަރުގަދަ ނޮޅިވަރަންފަރު އަލުން ގެންނަން އޮތީ ރައްޔިތުންގެ ހިތްވަރެވެ. ބާ ގަބުރުސްތާނުގެ ތެރެއިން އަހުމަދު އަބްދުﷲ އަހަރެންނާ އެކު ނުކުންނަވަމުން އޭނާ ފާޅުކުރެއްވި އުއްމީދަކީ ވެސް ހަމަ އެއީ އެވެ.