މި ރޯދަމަހަށް ހާއްސަ ކޮށްގެން ގެނެސްދޭ "މިހާރު" ގެ ނޫރު އެޕިސޯޑުގައި ޝައިހު އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު ވިދާލުވެދެއްވަނީ ﷲ އަށް ދުއާ ދެންނެވުމުގައި މުހިންމު ކަލިމަތެއްގެ ވާހަކަ އެވެ.

އެއީ އެ ކަލިމަތައް ހިމަނައިފެން ދުއާ ކޮށްފި ނަމަ އިޖާބަ ކުރައްވާނެ ކަމުގެ ޔަގީންކަން ކީރިތި ރަސޫލާ ދެއްވާފައި ވެ އެވެ.

އެއީ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، ހަމަކަށަވަރުން މިއަދު އިބަ އިލާހުގެ ހަޟްރަތުން އެދި މި ދަންނަވަނީ، އިބަ އިލާހީ ﷲ ކަމަށް މި އަޅާ ހަމަކަށަވަރުން ހެކިވާ ހާލުގަ އެވެ. އިބަ ﷲ ފިޔަވައި ހައްގު ގޮތުގައި އަޅުކަން ވެވޭ އެއްވެސް އިލާހަކު ނުވެ އެވެ. ﷲ އީ އެންމެހަައި ތަކެތި އެކަލާނގެ އަށް ބޭނުންތެރިވާ އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ ރަސްކަލާނގެ އެވެ. އެކަލާނގެ އަށް އެއްވެސް އެއްޗެއް އުފަން ވެގެނެއް ނުވެ އެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުވެ އެވެ. އަދި އެކަލާނގެއާ އެއްފަދަ ވެގެންވާ ހަމަ އެކަކު ވެސް ނުވެ އެވެ،" މިއެވެ. 

ޝައިހު ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އެއީ ތައުހީދުގެ ކަލިމަތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަލިމަތައް ކަމަށެވެ. އެއީ ސޫރަތުލް އިޚުލާސްގައި ހިމެނޭ ކަލިމަތަކެވެ.