ދުފާއިރު ރަހަ ހެޔޮކޮށްލަން މި ލާ ހުންޏަކީ ކޮންތާކުން އަންނަ އެއްޗެއް ކަމެއް އެނގޭ ހެއްޔެވެ؟ މި ފަހަރު މި ވަދެވުނީ އެކަމުގެ ފެކްޓްރީގެ ތެރެއަށެވެ.
ބިލެއް ހެއްދުމާއި މެހެމާނުންނަށް މޮޅު ބިލެއްގަނޑު ދިނުމުގައި މަޝްހޫރު އަދި ބިލެތުގެ ރަށުގެ ގޮތުގައި ނަން ދެވިފައި އޮތް ހދ. ނޮޅިވަރަމްއަށް އާދެވުމާ އެކު ރަށު ތެރެ ބަލާލުމުގެ ޝައުގުގައި ދުއްވާލީމެވެ. މިސްރާބު އެންމެ ފުރަތަމަ ޖެހީ ރަށުގެ ހިތްގައިމު ކުޅިއާ ދިމާއަށެވެ. އެކަމަކު، އެހާ ހިސާބަށް ފޯރުވުމުގެ ކުރިން ޝައުގުވެރިކަން ދަމައިގަތީ އެހެން މަންޒަރެކެވެ.
ކުޅިއަށް ދެވެން އޮންނަ މަގުގެ އެއް އަރިމަތީގައި ވަރަށް ބުރަކޮށް ބަޔަކު މަސައްކަތުގައި ހޭލަމޭލިވެ އެބަ އުޅެ އެވެ. ޖަހާފައި ހުރީ ބޮޑެތި ގާފުނިތަކެކެވެ. އެއް ގާފުނީގައި ހުރީ ހުޅު ޖަހައިފަ އެވެ. ބަންދުގައި ކޮށްފައި އޮތް އަނެއް ގާ ފުނިން އަރަނީ ދުމެވެ. ގާފުންޏެއް ހަދަން ލަކުނޑި ފަދަ ތަކެތި އެޅުމުގެ މަސައްކަތުގައި ހައިމާކެއް އޮތެވެ. އެއާ ޖެހިގެން ގަލަކުން ގަލަކުން ގަލެއް އެއްލަމުން ގާފުންޏެއް ބިޔަ ކުރުމުގައި ދުވަސްވީ މީހަކު ހުއްޓެވެ.
އަތަށް އަންގި މަހާލައިގެން ބޮލުގައި ކެޕެއް އަޅައިގެން އެ މަސައްކަތުގައި ހުރީ އަލީ ގާސިމް، 77 އެވެ.
"މި ތަނަކީ ބޭބެމެންގެ އުވަ ދަވާ ފެކްޓްރީ،" ކެމެރާއާ އެކު އެތަނަށް ވަންނަ ތަން ފެނުމާ އެކު އަލީ ގާސިމް އެންމެ ފުރަތަމަ ވެސް ދިނީ ތައާރަފެކެވެ.
އުވަ ދެވުމުގެ މި މަސައްކަތް އެ ތަނުގައި ނުކުރާ ހަނދާނެއް ހުރި މީހަކު ނޮޅިވަރަމްގައި މިހާރު ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ، އަލީ ގާސިމް މަސައްކަތުގައި މާހައުލަށް މީގެ ގާތްގަނޑަކަށް 60 އަހަރު ކުރިން ނުކުތްއިރު އެ ތަނުގައި އެކަން ކުރެ އެވެ. އޭނާ ވެސް މަސައްކަތަށް ވަދެ، އެކަމުން އާމްދަނީ ހޯދާތާ އުމުރުން މިވީހާ ދުވަހެއްވީ އެވެ.
އުވަ ދެވުމަކީ މިހާރު ރާއްޖޭގައި އާންމުކޮށް ނުފެންނަ މަންޒަރަކަށް ވިޔަސް، މިއީ އިހުގައި ދިވެހިންގެ އާދަކާދަ އެވެ. ގެދޮރު ބިނާކުރުމުގައި ދިވެހިންގެ ރަމުޒެވެ. ކޮންމެ ރަށެއްގައި އުވަ ދަމާ ވަޅުތައް ހުންނާނެ އެވެ.
ފަރުންނާއި ގޮނޑުދޮށުން ގާނައިގެން ބޮޑެތި ގާފުނިތައް އެއްކުރެ އެވެ. އެއަށްފަހު، ލަކުޑީގެ، ބޮޑެތި ގަސްގަހުގެ ބުޑު ފަދަ ތަކެތިން ގާފުނީގެ ބިންގާ ހަދަ އެވެ. އެ ޒަމާނުގައި މިކަން ކޮށް އުޅެނީ ދެ އަތާއި ކޮނޑުގެ އެހީގަ އެވެ. އެ ބިންގާގެ މައްޗަށް ގާފުނި މައްޗަށް ނަގަ އެވެ. ދެން އެ ގާފުނީގެ އެތެރޭގައި ރޯކޮށް، ހުރިހާ ގަލެއް ވިރެންދެން ބަހައްޓަނީ އެވެ. ގާފުނި ރޯކުރަނީ އާންމު ގޮތެއްގައި ރޭގަނޑުގެ ވަގުތުގަ އެވެ.
ގާފުނި އެއްކޮށް އަނދާ ހުލިވުމުން ރަނގަޅަށް ބަންދުކޮށް ދެން އެއަށް ޖަހަނީ މޫދުން ލޮނެވެ. އޭގެ ދެތިން ދުވަސް ފަހުން އެ ހުޅުވައިގެން ނަގަނީ އެވެ. އޭރު ގާވިރިގެން އުފެދިފައި ހުންނަނީ ގޮނދަންފުށަށް ވުރެ ހިމުން ކުނޑި އެވެ. ދެން އެ ފެނަށް އަޅައިގެން އެއްކޮށްގެން އުވައަށް ހަދަނީ އެވެ.
އެ ހިރިގާތައް ވިރިގެން އުފެދޭ އޮލައަކީ އުވަ އެވެ. އިހުގެ ދިވެހިންގެ ގެތައް ރޭނީ މި އުވަ ބޭނުންކޮށްގެންނެވެ. ޒަމާނީ ބޮޑެތި ބިނާތައް މައްޗަށް ނަގާފައިވަނީ އުވައިގަ އެވެ. އުވައިން ރާނާ ފާރުތަކުގެ ވަރުގަދަކަމަކީ، މިއަދަށް ވެސް އެފަދަ އެތައް ފާރެއް ދެގޮތެއް ނުވެ ހުރުމެވެ.
ނަމަވެސް، ފަރުން ގާ ނެގުމުގެ ތިމާވެށީގެ ގެއްލުން އޭރު އޮތީ ވަޒަން ނުކުރެވި އެވެ. އެކަން އެނގި، ސިމެންތީގެ ފަސޭހަކަން ދިވެހިންނާ ހަމައަށް ފޯރުމާ އެކު، އުވައިން ރޭނުން ވަނީ އުވިގެން ގޮސްފަ އެވެ.
ސުވާލަކަށް ވެދާނެ އެވެ. ފަރުން ގާނެގުން އެއްކޮށް މަނާ ކަމެއްގެ ގޮތުގައި އޮތްއިރި، މި މަސައްކަތް ކުރިއަށް މި ދަނީ ކިހިނެއް ހެއްޔެވެ؟ ކޮންތާނުން ނެރޭ ގަލެއް ހެއްޔެވެ؟ ސުވާލަށް އަލީ ގާސިމް ޖަވާބު ދިނީ ގަލެއް އަތާ ނަގައި ދައްކާލަމުންނެވެ.
އެއީ، ފަރުން ނަގައި، އެއްގަމުގައި އޮންނަތާ އެތައް ދުވަހެއްވީ ބާގަލެއް ކަން އެ ބަލާލުމުން އެނގެ އެވެ. އަލީ ގާސިމް ބުނި ގޮތުގައި އެ ފެކްޓްރީ އެމީހުން ކުރިއަށް މިހާރު ގެންދަނީ ކައުންސިލްގެ ހުއްދައާ އެކު އެވެ. އެ ހުއްދަ އެގޮތަށް އޮތީ ބާ ގާ ބޭނުން ކުރާތީ އެވެ.
އަލީ ގާސިމް މިހާރު އުވަ ދަވަން ގާފުނި އެއްކުރަނީ ގޭގެ ރޭނި ފާރުތައް ތަޅާލުމުން އުފެދޭ ގަލާއި، ގޭގޭގައި ހުރި މުސްކުޅި ގާފުނިތައް އުކާލުމުން އެ ނަގައިގެންނެވެ. އޭނާ އާންމުކޮށް އެގޮތަށް އެއްކުރަނީ އަހަރަކު އެއް ގާފުންޏެވެ. އަހަރު ދުވަހުގެ މަސައްކަތުން މިފަހަރު އެއްކުރި ގާފުނީގައި ހުޅު ޖަހަން އޭނާ މިއަދު އެ ހުރީ ތައްޔާރުވެފަ އެވެ. އެކަމަކު، އެކަން ކުރުން އިޝާ ނަމާދަށް ފަހު ރޭގަނޑެވެ.
އުވައިން ރޭނުމާއި އުވައިގެ ފާރުތައް ދިވެހިންނާ ބީރައްޓެހިވެފައިވީ ނަމަވެސް، ދިވެހިންގެ ހަޔާތުން އުވައެއް ނުފިލި އެވެ.
އުވައިން ކުރާ އަނެއް ބޭނުމަކީ، ދުފުމުގައި ބޭނުން ކުރުމެވެ. ދުފާ ތަބަކުގައި ހުންނަ ހުނި ދަޅުގައި އެ ހުންނަނީ މި އުވަ އެވެ. އަލީ ގާސިމްގެ މި ފެކްޓްރީ ވެސް މިހާރު މުޅިން ވެސް މި ނެރެނީ އެ ހުންޏެވެ.
"އުވަ މިހާރު ބޭނުން ކުރަނީ ދުފާ ހުންޏަށް. އަހަރެމެންގެ ހަށިގަނޑު މިއޮތް ގޮހޮރު ވެސް ވަރުގަދައޭނުން، ދޮގެއް. ޑޮކްޓަރުން މަނާ ކުރޭ ދުފުން ވެސް އެކަމަކު އެ ބަޔަކު އެ ކުރާ ހަރަކާތެއް ކުރާނެ،" އަލީ ގާސިމް ބުންޏެވެ.
އަލީ ގާސިމް މަސައްކަތް މަޑުޖައްސާލާފައި ބޭނުންވީ ފެކްޓްރީގެ ދެވަނަ ބައި އަހަރެމެންނަށް ދައްކާލުމަށެވެ. އެއީ އުވަ، ހުންޏަށްވާ ގޮތެވެ.
ބައިސިކަލް އަރައި މަޑު ދުވެއްޔެއްގައި ދުއްވާފައި އަލީ ގާސިމް ގޮސް ވަނީ އޭނާ ގެއަށެވެ. އެ ގޭގެ ބިއްދޮށްފަރާތުގައި އޮތީ އުވަ ދަވައިގެން ގެނެސް، އެ ހުންޏަށް ބަދަލުކުރާ މަރުހަލާ އެވެ. އެ ތަނުގައި ހުރީ ކުލަ ހުސްކުރި ބޮޑެތި ފާޓާތަކެވެ. އެއިން ކޮންމެ ފާޓާއެއްގައި ދުފާ ހުނި ފުރާފައި ހުއްޓެވެ. ދެން ހުރީ ފުރާނަން ބޭނުންކުރާ އާލާތްތަކާއި އުވަ އާއި ފެން އެއްކުރަން ބޭނުންކޮށް އުޅޭ ސާމާނެވެ.
"މިހާރު ރޭނުމަށް އެއްގޮތަކަށް ވެސް މި ބޭނުމެއް ނުކުރަން، އެއަށް ވުރެ މާ މަންފާ ރަނގަޅު ހުންޏަށް،" ގެއަށް ވަންނަމުން އަލީ ގާސިމް ބުނެލި އެވެ.
މިކަން އަލީ ގާސިމް ކުރާ ގޮތަކީ، އުވަ ދަވައިގެން ގެއަށް ގެނެސް ފެނާއި ރަނގަޅަށް އެއްކޮށް ގިރަނީ އެވެ. އެއަށް ފަހު ރަނގަޅަށް ފޫރާނާލަނީ އެވެ. ފުރާނާތާ ދެތިން ދުވަހެއް ތެރޭ އެ ހުރީ ދުފޭ މިންވަރަށް ދުފާ ހުންޏަށް ވެފަ އެވެ. ދެން އޭނާއަށް ހަމައަށް އައިސްފައި ހުންނަ އޯޑަރުތަކަށް ހުނި ފާޓާތައް ފޯރުކޮށްދެނީ އެވެ.
"ހުނީގެ އޯޑަރު އަޅުގަނޑާ ހަމައަށް އާދޭ ލ. އަތޮޅާ ހަމައިން ވެސް،" އަލީ ގާސިމް ބުންޏެވެ.
އެއިން ހުނި ފާޓެއް އަލީ ގާސިމް ވިއްކަނީ 600ރ. އެވެ. އާންމުކޮށް ގާފުންޏެއް އަންދައިގެން ނަގާ އުވައިން 200 ފާޓާ ހުނި ލިބެ އެވެ.
އުވައަކީ ދިވެހިންގެ ރަމުޒެއްގެ ގޮތުގައި އޮތަސް، އޭގެން ސަބަބުން އޮތް ގެއްލުން ބޮޑުވެ އެކަން އުވިގެން ދިޔައީ އެވެ. އެކަމަކު، އުވައިގެ ފެކްޓްރީއެއް އަދިވެސް ހިނގަހިނގާ އެ ހުރީ ދިވެހިންގެ ދުފުގެ އާދައިގެ ވަރުގަދަކަމުންނެވެ. ދުފުމަށް ހުނިލުމުގައި އެއްވެސް ޖެހިލުމެއް ނެތް ކަން މި ފެކްޓްރީއަށް ލިބޭ އޯޑަރުތަކުން ވެސް އެނގި ހާމަވެ އެވެ.