މީގެ ކުރިން ރޯދަމަހު މުހައްމަދު ޝާހިދު ދުރާލައި މާލޭ ބާޒާރަށް ގިނަ އަދަދަކަށް ކޮޕީ ފަތާއި ކަރާ އަދި ކުރުނބާ ފަދަ ބާވަތްތައް ގެނެ އެވެ. ޝާހިދު ފަދަ އެހެން ދަނޑުވެރިންނަށް ވެސް ރޯދަމަހަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރެ އެވެ. އެހެންވެ ދުރާލައި ގިނަ އަދަދެއްގެ ބާވަތްތައް ހައްދަ އެވެ. ނަމަވެސް މިފަހަރު ކ. ކާށިދޫގެ ދަނޑުވެރިންގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ.
"މީގެ ކުރިން ރޯދަމަހު އެވްރެޖްކޮށް ކާށިދޫ މީހަކު ގެންނާނެ 4،000 އާއި 5،000އާ ދެމެދުގެ އަދަދަކަށް ކޮޕީފަތް. އެކަމަކު މިފަހަރު ގެނެވުނީ 400 ފަތް. ކަރާ ވެސް ވަރަށް މަދުން ހުރީ،" ކާށިދޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ ޝާހިދު މިއަދު ބުންޏެވެ.
ރޯދައަށް އޭނާ ހެއްދި ބާވަތްތަކުގެ ތެރެއިން ގިނަ ތަކެތި ވަނީ މޫސުން ގޯސްވެ ހަލާކުވެފަ އެވެ. ކޮޕީފަތް ދަނޑުތައް ވެސް މުޅިން ހަލާކުވި، ނަމަވެސް ޝާހިދު މިފަހަރު މާލެ އަށް މައިގަނޑު ގޮތެއްގައި ގެންނަނީ ކުރުނބާ އާއި ފަތްކޭލެވެ.
"ކޮޕީފަތް ދަނޑުތައް އެއްކޮށް ހަލާކުވެފައި ހުރީ. އަހަރެންގެ ދަނޑުގެ ވެސް 80 ޕަސެންޓް ހަލާކުވި،" ޝާހިދު ބުންޏެވެ.
މިފަހަރު ރޯދައަށް މާލެ ގެންނަ ވަރަށް ކާށިދޫގައި ކަރާ ހެއްދިފައި ނެތުމުން ގިނައިން ވިއްކަނީ އެ ރަށަށާއި ޅ. އަތޮޅުގެ ރަށްރަށަށެވެ.
"އަހަރެމެން އާއްމުކޮށް މާލެއަށް ކަރާ ގެންނަނީ ރޯދައިގެ ކުރިން. ރޯދަމަހު ވެސް ގެންނާނެ. މިފަހަރު ކަރާ ގެނެވޭނީ ތަންކޮޅެއް ފަހުން،" އޭނާ ބުންޏެވެ.
ޝާހިދު ބުނީ ރޯދައަށް ހައްދާ ތަކެތި މާލެ ގެނެސް ވިއްކައިގެން އެހެން އަހަރުތަކުގައި މަދުވެގެން 20،000ރ. ހޯދާ ކަމަށެވެ. ނަމަވެސް މިފަހަރު އާމްދަނީ އެއަށްވުރެ ދަށްވާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
"ހީކުރި ގޮތަކަށް ނޫން މިފަހަރު ވިޔަފާރި ދިޔައީ. އެކަމަކު އެތިކޮޅު މަދުވިޔަސް އަގުތައް އުފުލިފައި އޮތުމުން އެކަށީގެންވާ ރަނގަޅު އެއްޗެއް ލިބޭ،" މި ރޯދަމަހު މާލެއަށް ކުރި ދެވަނަ ދަތުރު ނިންމާފައި ރަށަށް ދަމުން އޭނާ ބުންޏެވެ.
ޝާހިދުގެ އިތުރުން އެ ރަށުގައި ދަނޑު ހައްދާ އެހެން މީހަކު ވެސް ބުނީ ރޯދަމަސް ފެށުނު ފަހުން ވިއްސާވެ ދަނޑުތައް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފައިވާ ކަމަށެވެ.
"މިފަހަރު ދަނޑުތައް ހަލާކުވުމުން ވަރަށް ދަށް. ކޮޕީފަތާއި ލެޓިއުސް ވެސް ނެތް ދަނޑުތަކުގައި ފެންބޮޑުވުމުން،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ ރަށުން ލެޓިއުސް ކިލޯއެއް ވިއްކަނީ 60ރ. އާއި 80ރ. އަށް ކަމަށެވެ. އަދި ކޮޕީފަތެއް ވިއްކަނީ ތިން ރުފިޔާ އަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުރިޔަށް އޮތްތަނުގައި ވެސް ފަތުގެ ބާވަތްތައް ލިބޭ މިންވަރު މަދުވާނެ. އެހެންވީމަ އަދިވެސް އަގު މިހާރަށް ވުރެ ބޮޑުވުން އެކަށީގެންވޭ،" އެ ދަނޑުވެރިޔާ ބުންޏެވެ.
ކާށިދޫން ފަތްކެޔޮ ކިލޯއެއް 30ރ. އަށް ވިއްކާއިރު މާލޭގެ ބާޒާރުގައި އުޅެނީ ކިލޯއެއް 60ރ.އަށް ވުރެ މަތީގަ އެވެ.
މޫސުން ގޯސްވެ ދަނޑުތައް ހަލާކުވުމުން ކާށިދޫގެ ގިނަ ދަނޑުވެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މޫސުން އަދިވެސް ރަނގަޅު ނުވާތީ، މި ރޯދަމަސް ނިމޭއިރު ވެސް ދަނޑުތަކުގައި ހެއްދި އެއްޗެއް މާލެ ފޮނުވޭނެ ކަމުގެ އުއްމީދެއް ނެތެވެ.
"މާލެ ފޮނުވޭ ވަރަކަށް ނެތް އެއްޗެއް. ވަރަށް ވިއްސާރަ، ފެނެއް ނުހުއްޓޭ،" ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރު ރޯދައަށް މާލެއަށް ފޮނުވައިގެން ރަނގަޅު އާމްދަނީއެއް ލިބެނީ ކުރުނބާ އާއި ފަތްކޭލުން ކަމަށެވެ. އެކަމަކު ރުއްތަކުގެ މަތިވަރު ރަނގަޅުނުވާތީ އެހެން އަހަރުތަކުގައި ފޮނުވޭ ވަރަށް ކުރުނބާ ވެސް މާލެއަށް ނުފޮނުވޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"މީގެ ކުރިން އަހަރުތަކުގެ ރޯދަ މަހު މިކަހަލަ ކަމެއް ދިމައެއް ނުވޭ. ރޯދައިގެ ކުރިން ހޫނު ގަދަވެގެން ނުހެދިގެން ދިޔައީ. އޭގެ ފަހުން ވިއްސާރަކުރަން ފެށިތާ މިހާރު މަހެއްހާ ދުވަސްވީ. ވަރަށް ބޮޑު ގެއްލުމެއް ދަނޑުވެރިންނަށް ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެހެން އަހަރުތަކުގައި ރޯދަމަހު ދަނޑުވެރިއަކަށް ގާތްގަނޑަކަށް 50،000ރ. ލިބޭ ކަމަށެވެ. އެކަމަކު މިފަހަރު ޖުމްލަކޮށް އެންމެނަށް ވެސް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކާށިދޫގައި ދަނޑުވެރިކަމަށް 700އެއްހާ ބިން ދޫކޮށްފައިވާއިރު، ވިއްސާރަވެ ގިނަ ދަނޑުތައް ހަލާކުވުމުން މާލޭގެ ބާޒާރުގައި ވެސް ފަތުގެ ބާވަތްތަކާއި ފަތްކެޔޮ އަދި ކުރުނބާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.