ރިޕޯޓް

އެކަކު "ގުރުބާންވެގެން" ޑްރަގް މައްސަލަތަކުން ސަލާމަތްވުން ނިމުމަކަށް!

ޑްރަގް މައްސަލަތަކުގައި ދައުވާލިބޭ މީހުން ސަލާމަތްކުރަން އެހެން މީހަކު އެތަކެތީގެ ޒިންމާ އުފުލުމަކީ އާންމު ކަމެއް. އެހެން ނަމަވެސް ދާދިފަހުން ހައި ކޯޓުން ވަނީ އެގޮތަށް މީހަކު ބުނެލާ ބުނެލުމަކުން ދައުވާލިބޭ މީހާ ސަލާމަތް ނުވެވޭނެ ކަމަށް ނިންމާފައި.

ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނެގިޔަސް، ދައުވާލިބޭ މީހާ ސަލާމަތް ނުވެވޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

ތަހުގީގުގައި އެއް ބަޔަކު ތިބެނީ ހަނެވެ. ފުލުހުން ކިތަންމެ ގިނަ ހެކިތަކެއް އެއްކޮށްފައި ހުއްޓަސް، އަނެއް ބަޔަކު އެ ތުހުމަތަށް އިންކާރު ކުރުން ފިޔަވައި މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް ޑްރަގް މައްސަލަތަކުގައި ޝަރުއީ މަރުހަލާއިން ސަލާމަތްވެގެން ދަނީ ކުއްލި ސަޕްރައިޒަކުންނެވެ.

މަސްތުވާތަކެތި ފެނުނު ތަނަކީ ދައުވާލިބޭ މީހާގެ ތަނެއް ނޫން ކަމަށާއި އެތަނަކީ ތިމާގެ ތަނެއް ކަމަށް ބުނެ، އެ މައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ޒިންމާ ކޯޓުގައި ނަގަނީ ދިފާއީ ހެކިވެރިއެކެވެ. އެ ސަޕްރައިޒް ހެކިވެރިޔާގެ ބަހާ އެކު، ދައުވާލިބޭ މީހާ ސަލާމަތް ވަނީ އެވެ.

ޑްރަގް މައްސަލަތަކުގައި ބޭނުންކުރާ އެންމެ ބޮޑު އުކުޅަކީ އަދި ދައުލަތަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ކޯޓުގައި ނަގައިގެން، އަސްލު ދައުވާލިބޭ މީހާ ސަލާމަތް ކުރުމެވެ. ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭތީ ނަގަނީ އޭގެ ނާޖާއިޒް ފައިދާ އެވެ.

އެހެން ނަމަވެސް ހައި ކޯޓުން ދާދިފަހުން ނިންމި ނިންމުމަކާ އެކު، މި ދޮރު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ. މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު އަމިއްލައަށް ނަގައި، ކޯޓުގައި ހެކިބަސް ދީގެން ދައުވާލިބޭ މީހާ ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން ވަނީ އެ މީހާ އުމުރަށް ޖަލަށް ލައިފަ އެވެ.

ދަށު ކޯޓުން އެ މީހާ ސަލާމަތްވި ސަބަބަކީ އޭނާ އަތުގައި އޮތް ފޮށިގަނޑަކުން ފެނުނު ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ ބޭބެ ހެކިބަސް ދިނުމެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެހެން މީހަކު އޭގެ ޒިންމާ އުފުލާ ކަމަށް ބުނެ ދޭ ހެކިބަހަކުން، ދައުވާލިބޭ މީހާ ސަލާމަތް ނުވާނެ ކަމަށެވެ.

"ވާހަކަ ދައްކާފައިވާ ވަގުތާއި ހާލަތާއި އެކަމުގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި ނަޒަރު ކުރުމެއް ނެތި ހަމައެކަނި އެ ބައެއްގެ ހިޔާޒަތުގެ ދަށުން އެ ތަކެތި ފެނުނު މީހުން އެ މަސްތުވާތަކެއްޗާ މެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަ ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ." ހުކުމުގައިވެ އެވެ.

"މިފަދަ ބަޔާންތައް ޝަރީއަތުން ގަބޫލު ކުރުމުގައި ހާއްސަ ފަރުވާތެރިކަމެއް ބަހައްޓައި، އެ އިއުތިރާފަށް ބާރު ލިބޭކަން ނުވަތަ ކޮރޮބޮރޭޓް ކުރެވޭ އިތުރު ހެކިތަކެއް ހުރިކަން ކަށަވަރުކުރަން ވާނެ."

އަތުލައިގެންފައިވާ ޑްރަގްތަކެއް ނައްތާލަނީ --- ފޮޓޯ/މިހާރު

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އޮންނަ ގޮތުން، އެކަކަށް ވުރެ ގިނަ މީހުންނަށް އެނގި ތިބި އޭގެ ތެރެއިން އެކަކުގެ އަތުގައި ޑްރަގް ބެހެއްޓިޔަސް އެއިން ކޮންމެ މީހެއްގެ އަތުގައި ވަކިވަކިން ޑްރަގް ހުރީ ކަމަށް ބެލެވޭނެ އެވެ. މާނައަކީ ކޮންމެ މީހެއްގެ އަތުން ވަކިވަކިން ޑްރަގް ފެނުން ލާޒިމެއް ނޫނެވެ.

މިގޮތަށް ގާނޫނުގައި ލިޔުނީ ވެސް ޑްރަގް ނެޓްވޯކްތައް ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާއިރު "އެކަކު ގުރުބާން ކުރާތީ" އެވެ. ވަކިން ހާއްސަކޮށް، ޖިނާއީ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ވަރުގެ ކުޑަކުދިން ވެސް މި ވިޔަފާރީގެ ނިވާފަތްގަނޑަކަށް ބޭނުންކޮށް، އަސްލު ބޮޑުން ގާނޫނުގެ ދިގު އަތުން ސަލާމަތްވާތީ އެވެ.

"ގުޅުން އޮތް މީހަކު ހިމާޔަތް ކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށަކަށް އިއުތިރާފްވުމަކީ ކޮށްފާނެ ކަމެއް..."

މިގޮތަށް 2011 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގައި އޮތަސް، ނިޒާމު އޮތްގޮތުން މިކަމުން ރެކި ގަތުމުގެ ދޮރު ހުޅުވިފައި އޮތީ ތަހުގީގުގައި ނުދައްކާ ހެކިތައް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދައުވާލިބޭ މީހާއަށް އޮތުމުންނެވެ. ސަޕްރައިޒް ހެކިވެރިންގެ ކޯޓުގައި ހުށަހަޅަން ފުރުސަތު ލިބެނީ ވެސް އެ ސަބަބާ ހެދި އެވެ.

މިފަދަ ހެކިވެރިންގެ ޑްރަގްގެ ޒިންމާ ނަގަނީ ހެކިވެރިއެއްގެ ހައިސިއްޔަތުން ދައްކާ ވާހަކަތަކާ ގުޅިގެން އަދަބެއް ނާންނާނެކަން އެނގޭތީ އެވެ. ބައެއް ފަހަރު ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމުން، ގިނަ މީހުން ސަލާމަތް ކުރުމަށްޓަކައި އޭގެ ތެރެއިން އެކަކު އޭގެ ޒިންމާ ނަގާފައި ވެސް އެބަހުއްޓެވެ.

ހައި ކޯޓް --- ފޮޓޯ/މިހާރު

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޑްރަގްގެ ޒިންމާ ނަގާ ކަމަށް ބުނެލާ ބުނެލަމުން ދެން ނުފުދޭނެ އެވެ.

"އިއުތިރާފަށް ބާރުދޭ އިތުރު ހެކިތަކެއް ނުދެއްކޭ ކަމަށްވާނަމަ އެފަދަ އިއުތިރާފެއް ކޯޓުން ބަލައިގަނެގެން ނުވާނެ."

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނަގާ ކަމަށް ބުންޏަސް، އެއަށް ބާރު ލިބޭ އެހެން ހެކިތައް ހުންނަން ޖެހޭނެ އެވެ. އަދި އެ ބަހަށް ބާރު ލިބޭ އެހެން ހެއްކެއް ނެތްނަމަ އެއަށް ބުރަދަނެއް ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"އެފަދަ ބަޔާންތަކަކީ ޝައްކު އުފެދޭ މަހައްލެއްގައި ދޭ ބަޔާނަކަށްވުމުގެ އިހްތިމާލު އޮވެދާނެތީ މިފަދަ ބަޔާންތައް ޝަރީއަތުން ގަބޫލު ކުރުމުގައި ހާއްސަ ފަރުވާތެރިކަމެއް ބަހައްޓައި، އެ އިއުތިރާފަށް ބާރު ލިބޭކަން ނުވަތަ ކޮރޮބޮރޭޓް ކުރެވޭ އިތުރު ހެކިތަކެއް ހުރިކަން ކަށަވަރުކުރަން ވާނެ." ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ވަކިން ހާއްސަކޮށް ތަހުގީގުގައި ހަނު ހުރެފިނަމަ ނުވަތަ އެ ޑްރަގަކީ އެހެން މީހެއްގެ އެއްޗެއް ކަމަށް ތަހުގީގުގައި ބުނެފައިނުވާ ނަމަ ކޯޓުގައި ދިފާއީ ހެކިން ދައްކާ ވާހަކައަށް ބުރަދަނެއް ނުދެވޭނެ އެވެ. އެ މައްސަލާގައި ވެސް ކަން ހިނގީ އެފަދަ ގޮތަކަށެވެ.

ހުކުމުގައިވާ ގޮތުން ކުށްކުރާ މީހުން ސަލާމަތްވެވޭ ގޮތަށް ނިޒާމުގައި ހުރި ބާގަނޑުތަކަށް ޖާގަ ނުދެވޭނެ އެވެ.

"އެ މީހަކާ ގުޅުން އޮތް މީހަކު ހިމާޔަތް ކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށަކަށް އިއުތިރާފްވުމަކީ ކޮށްފާނެ ކަމެއް ކަމުގެ އިހްތިމާލު އޮތްއިރު އެ އިއުތިރާފަށް ބާރުދޭ އިތުރު ހެކިތަކެއް ނުދެއްކޭ ކަމަށްވާނަމަ އެފަދަ އިއުތިރާފެއް ކޯޓުން ބަލައިގަނެގެން ނުވާނެ." ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމަކީ ޑްރަގް މައްސަލަތަކުގައި މީހުން އެއް ބަޔަކު ގުރުބާންވެގެން ނުވަތަ ސަޕްރައިޒް ހެކިވެރިން ގެނެސްގެން ދައުވާލިބޭ މީހުން ޝަރުއީ މަރުހަލާއިން ސަލާމަތްވުން ހުއްޓުވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުމްރީ

08 February 2023

ތިޔަ ކަމުގައި ވަކީލުންވެސް ވަރަށް ގޯސް. ނުބައި ނުލަފާ ބައެއް މިކަމުގައި އެހީތެރިވާ ވަކީލުންނަކީ. މިކަހަލަ މައްސަލަ ތަކުގައި ވަކާލާތުގެ ދިފާޢި އެމީހަކު އަމިއްލައަށް ވާންޖެހޭނީ. ވަކީލުން ހުއްދަ ބޭނެކަމެއް ނެތް. މުޖުތަމަޢުގެ ޙައްޤުގައި ހުއްޓުވަން ޖެހޭކަމެއްމީ

The name is already taken The name is available. Register?

ކުކުރާ

08 February 2023

ތިޔަ ގާޒީއިންނަށް މެޑެލް ހައްގު.

The name is already taken The name is available. Register?

ކުރިން

08 February 2023

100 އަހަރު ފަހުން ކޯޓަަކަށް މިގޮތަކަށް ވިސްނުނީތީ ޝުކުރިއްޔާ. މީގެ ކުރިން ހިފި ހުރިހާ ޓަނެއްގެ މަސްތުވާތަކެތީގެ ވެރިން ސަލާމަތްވެއްޖެ. އަލުން ބެލުމަށް ގޮވާލަން

The name is already taken The name is available. Register?

ށަވިޔަނި

08 February 2023

ތިއީ ވަރަށް ބޮޑުކުރިއެރުމެއް. ތިކަން ކުރާ މީހުން އެއްވެސް ގޮތަކަށް ސަލާމަތްވެވޭނެ ގޮތަކަށް ގާނޫނުގެ މާނަކޮށްގެން ނުވާނެ.

The name is already taken The name is available. Register?

ޕޮއް

08 February 2023

ޙަހަހަހަ.. ތިޔެއް ހީވާނެ ކޮންމެވެސް ސިޔާސީ "ބޭފުޅަކު" ގުޅާ ޤާޒީއަށް ހުތުރުބަހުން "ނަސޭހަތެއް" ދިނީމަ!!!

The name is already taken The name is available. Register?

އަފްރާސިޔާބު

08 February 2023

ޖިނާއީ އަދުލުގެ ނިޒާމު އޮތީ ހަލާކުކޮށްލާފައި. އެއީ ފަހަރުގައި މޭޒާއި ގޮނޑި ހެކިދޭތީ އެކަމުން ސަލާމާތްވާން އޮތްގޮތަކީކަމަށް ވެދާނެ. މީހުން ދިރިއުޅޭ ގެއެއްގައި މަސްތުވާ ތަކެތި ތައްޔާރުކޮށް ވިއްކައި ހެދިޔަސް ޝަރީއަތަށް ސާބިތުނުކުރެވޭ. ސަބަބެއް ކަމުގައި ބުނަނީ އެގެއަކީ އެތައްބައިވަރު ބަޔަކު ވަދެ ހަދާގެޔަކަށްވާތީ ތުހުމަތު ކުރެވޭ މީހާގެ އެއްޗެއްކަން ސާބިތުނުވުން. މިވެސް ޝަރީއަތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލި ކޮށްލުމެއްގެ ކުޑަވާހަކައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454