ރިޕޯޓް: މިފްކޯއަށް އަލުން ހިންދެމިލެވޭނެތަ؟

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނި، މިފްކޯ ދާދިފަހުން ބަނގުރޫޓުވި ވާހަކަ އަޑުއިވުމުން ގިނަ ބަޔަކު ހައިރާންވި އެވެ. ދުވާލަކު 50 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ކާރުޚާނާ ހުއްޓި، ކޫއްޑޫ އާއި ކަނޑުއޮތްގިރީގައި ދުވާލަކު އެތައް ސަތޭކަ ޓަނުގެ މަސް ގަނެ ރައްކާކުރަން ހަދާފައިވާ ބޮޑެތި ގުދަންތައް ފަޅުވެ، ކުންފުނި ބަނގުރޫޓުވި އަސްލު ސަބަބު އަދިވެސް ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެ ކުންފުނި ބަނގުރޫޓުވެގެން ދިޔަ އެއް ސަބަބަކީ ކުންފުނި ހިންގުމުގައި އެކި ސަރުކާރުތަކުން އިހުމާލުވުމެވެ. ވިޔަފާރިއަށްވުރެ ބޮޑަށް އަމިއްލަ ފައިދާ އަށް އިސްކަންދިނުމެވެ. ތަން ސިޔާސީ ވެސް ކުރުމެވެ.


ސަތޭކަ ޕަސެންޓް ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބަނގުރޫޓުވިއިރު އޮތީ އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރައިފަ އެވެ. އެގޮތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައި އޮތީ އެސްޓީއޯއަށެވެ. އެހެންވެ އެންމެ ފަހުން ޖެހުނީ އެސްޓީއޯގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދައުލަތުގެ މަސް ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި، އެ ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވި އެވެ. މިހާރު އެ ކުންފުނި ހިންގަނީ އެސްޓީއޯގެ އަމިއްލަ ކުންފުންޏެއްގެ ގޮތުގަ އެވެ.

މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތަށް ފަހު 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.

އެސްޓީއޯ އިން ބުނީ މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ވަކި ގާނޫނީ ޝަހުސަކަށްވާ އިރު، އެ ކުންފުނި އެސްޓީއޯގެ ދަށަށް ގެނެވިފައިވަނީ މިފްކޯގެ ނެގެޓިވް ނެޓް އެސެޓްސް ބެލެންސް ކުރުމަށް ފަހު ކަމަށެވެ. އަދި ބުނީ މިފްކޯގެ ހާލަތު އިތުރަށް ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް ޑިއު ޑިލިޖަންސް ހެދުމަށާއި އެސެޓްތައް ވެލިއުކުރުމަށާއި މާލީ ހާލަތު ދެނެގަތުމަށްޓަކައި މިނިވަން، ބައިނަލްއަގްވާމީ އޮޑިޓް ފާމެއް މެދުވެރިކޮށް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

"... މިފްކޯ އަލުން އެސްޓީއޯގެ ދަށަށް ގެނެވުމަކީ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީޒް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް އެސްޓީއޯ އިން ދެކެމެވެ. އެގޮތުން މިފްކޯގެ ސަބަބުން އެސްޓީއޯ ގްރޫޕަށް ތެލުގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ހަމަ މިއާ އެކު، މި ވިޔަފާރިން އެސްޓީއޯ ގްރޫޕަށް ބޭރު ފައިސާ ހޯދުމަށް އެހީއަކަށް ވެގެންދާނެ އެވެ،" އިއުލާނުގައިވެ އެވެ.

ގޮންޖެހުންތައް ބޮޑު، ނިކަމެތި ހާލަތުގައި

މިފްކޯއާ އެސްޓީއޯ އިން ހަވާލުވިއިރު އެ ކުންފުނި އޮތީ ހިންގޭ ފަދަ ހާލަތެއްގައެއް ނޫނެވެ. މިފްކޯ އަލުން ހިންގަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެސްޓީއޯގެ މެނޭޖްމަންޓުން ނިންމީ ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް މިފްކޯ އަލުން ނަގައި ކޮޅަށް ޖެހުމަށެވެ. އެހެންވެ ކުންފުނި އޮތް ހާލަތު ބެލުމަށްފަހު ވީއެންމެ އަވަހަކަށް ކުންފުނީގެ އޮޕަރޭޝަން އާދައިގެ ހާލަތަކަށް ގެނައުމަށް މަސައްކަތް ފެށި އެވެ.

އެސްޓީއޯ އިން މިދިޔަ ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ، މިފްކޯއާ ހަވާލުވިއިރު، މިފްކޯގެ ދަރަނި 338 މިލިއަނަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ އަށް 100 މިލިއަން އަދި މަސްވެރިންނަށް ހަ މިލިއަނެއްހާ ރުފިޔާ ދައްކަން އޮތް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން މީގެ ފަސް މަސް ކުރިން މިފްކޯއާ ހަވާލުވިއިރު، މިފްކޯގެ ދަށުން ހިންގަމުން ގެންދިޔަ ފެލިވަރާއި ކޫއްޑޫ އާއި ކަނޑުއޮތްގިރި އަށް އިންވެސްޓް ނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން، އެ ތަންތަން އޮތީ ހިންގޭ ފަދަ ހާލަތެއްގައި ނޫނެވެ. އެހެންވެ އެސްޓީއޯއިން އެންމެ ބޮޑު އިސްކަމެއްދިނީ އެ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލުތައް ހޯދުމަށެވެ.

"ކޫއްޑޫ އާއި ކަނޑުއޮތްގިރި އަދި މަސް ގަންނަ ބޯޓުތައް ވެސް ވަރަށް ދެރަ ހާލަތަކަށް ގޮސްފައި. މީގެ ތެރެއިން އަޅުގަނޑުމެން ހަވާލުވިއިރު ފެލިވަރު ވަނީ ކޭނިން ފެސިލިޓީ 50 ޓަނަށް އަޕްގްރޭޑް ކުރެވިފައި. އަޕްގްރޭޑް ކުރި ނަމަވެސް އެ އަށް ބޭނުންވާ ކޮމްޕްލިމެންޓްރީ އެހެން އިންފްރާސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ރަންޑައުން ވެފައި،" އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ މަސް އުފުލާ ބޯޓެއްގައި ދާދިފަހުން އަލިފާން ރޯވެ އަނދާފައި: އެ ކުންފުނީގެ ގިނަ ބޯޓުތައް ހުރީ ބާވެ ދަބަރަށްވެފައި.-- ފޮޓޯ: އެމްއެންޑީއެފް

އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު، އެ ކުންފުނީގެ ފެލިވަރުގައި ހުރި ޖެނެރޭޓަރުތަކާއި ޑީސަލިނޭޝަން ޕްލާންޓާއި ކޯލްޑްސްޓްރޭޖް އަދި ބޯޓުތައް އޮތީ މަރާމާތުނުކުރެވި ގިނަ ދުވަސްތަކެއްވުމުން، ވަރަށް ނިކަމެތި ހާލަތުގަ އެވެ. އަދި މީގެ އެތައް އަހަރެއް ކުރިން ތަރައްގީކުރި ކޫއްޑޫ ވެސް އޮތީ ހަމަ އެފަދަ ނިކަމެތި ހާލަތެއްގަ އެވެ. އެތަނުގައި ހުންނަ މަސް ފިނިކުރާ ފެސިލިޓީ ވެސް އޮތީ މަރާމާތުނުކޮށް އެތައް އަހަރެއްވަންދެން ހިންގުމުން އަލުން ބޭނުންކުރެވޭ ވަރަށް ވުރެ ދަށް ހާލަތުގަ އެވެ. ހަމަ އެގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓި 11 އައިސް ޕްލާންޓް ވެސް ހުރީ އެފަދަ ހާލަތެއްގަ އެވެ. އެސްޓީއޯއިން ހަވާލުވިއިރު އޭގެ ތެރެއިން ހިންގަނީ އެންމެ އައިސް ޕްލާންޓެކެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން އެންމެ އައިސް ޕްލާންޓެއް ފިޔަވައި އެހެން ހުރިހާ އައިސް ޕްލާންޓެއް ދަނީ ބޭނުންކުރަމުންނެވެ.

"ފެލިވަރުގައި މަސް ބަންދުކުރުން ހުއްޓި އަޅުގަނޑުމެންނަށް ލިބުނު މަދު އޯޑަރުތަކަށް އޮނާ ނުކުރެވި އޮތުމުން މިފްކޯއާ ދޭތެރޭގައި ވަރަށް ބޮޑަށް މަސް ގަންނަ ފަރާތްތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައި. އޭގެ އިތުރުން ފެލިވަރު އަޕްގްރޭޑްކުރަން ޖެހި، ބޭނުންވާ އޮޑިޓް ރިކުއާމަންޓް ވެސް ވަނީ ފުރިހަމަ ނުކުރެވޭ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު ދައްކަން ހުރި ދަރަނިތައް ވެސް އޮތީ ފުނިޖެހިފަ އެވެ. އެތައް މިލިއަން ރުފިޔާއެއް ނުދެއްކި އޮތުމުން ކުންފުނި ހިންގުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވި އެވެ. އެގޮތުން ކުންފުނީގެ އެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ ލޯނުތައް އޮތީ ނުދައްކަ އެވެ. އަދި އޭގެ އިތުރުން މިފްކޯގެ ސަޕްލަޔަރުންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދައްކާތާ އެތައް ޒަމާނެއްވެ، ސަޕްލައި ވެސް އޮތީ ހުއްޓިފަ އެވެ.

އަލުން ކޮޅަށް ޖެހުމުގެ ދަތުރު

އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކުންފުންޏެއް އަލުން ކޮޅަށް ޖެހުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ އެވެ. އެކަމަށް ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެސްޓީއޯއިން މިފްކޯއާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ކުންފުނި އާދައިގެ ހާލަތަކަށް ގެނައުމަށެވެ. އެގޮތުން މަސްވެރިންނާއި މިފްކޯގެ އުފެެއްދުންތައް ގަންނަ ކުންފުނިތަކުގެ އިތުބާރު އަލުން ހޯދުމަށް ވަނީ މަސައްކަތް ފަށައިފަ އެވެ.

"އެންމެ ފުރަތަމަ ވެސް ކުންފުނީގެ އޮނިގަނޑަށް ކުދި ކުދި ބަދަލުތައް ގެނައިން. އެއީ ޒަމާނީ ނުވަތަ ފަސޭހައިން ޑިސިޝަން ނެގޭ ކުންފުންޏަކަށް ހެދުމަށްޓަކައި. އެގޮތުން މެނޭޖްމަންޓަށް ވެސް އަޅުގަނޑުމެން ވާނީ ކުދިކުދި ބަދަލުތައް ގެނެސްފައި،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ، އެސްޓީއޯ އިން މިފްކޯއާ ހަވާލުވުމަށް ފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެ އޮންނަ އުސޫލުގެ ތެރެއިން މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ބޭރުގެ ކުންފުނިތަކާ ދެމެދު އެއްބަސްވުންތައް ގާއިމުކޮށް އަލުން ސަޕްލައިކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެލިވަރުގައި ހުންނަ މަސް ކާރުހާނާ. އެތަނުގައި ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރެވޭ

"އަޅުގަނޑުމެންގެ އިންފްރާސްޓަރަކްޗާ ރަނގަޅުކުރުމަށް އަޅުގަނޑުމެންގެ ވަކި ޓީމެއް ނަގައިގެން ހުރިހާ ސައިޓްތަކުގެ ވަކި ވަކި އެސެސްމަންޓްތަކެއް ހަދައި، އަދި މިހާރު ވެސް މިދަނީ އެސެސްމަންޓްތަކެއް ހަދަމުން. އަޅުގަނޑުމެން މި ބަލަނީ ޕްރިއޮރަޓައިޒްކޮށްގެން މިހާރު މިހާރަށް އެންމެ އަވަހަށް ރަނގަޅުކުރަން ޖެހެނީ ކޮން ފެސިލިޓީތަކެއްތޯ ބަލައި އެތަން ތަން ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން،" ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ މަސް ރައްކާކުރާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ރާވާލާފައި ވަނީ މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވުމުން، މަސް ގަތުމުގެ މަސައްކަތް މެދުކަނޑާނުލައި ކުރިޔަށް ގެންދާ ގޮތަށެވެ.

މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުލް ކެޕޭސިޓީގައި ހިންގޭ ވަރަށް މިހާރު އަންނަނީ ބޭރުގެ ކުންފުނިތަކުން އޯޑަރު ލިބެން ފަށައިފަ އެވެ. އަދި އިތުރު އޯޑަރުތައް ވެސް އަންނަނީ ލިބެމުންނެވެ.

"އަޅުގަނޑުމެންގެ މަހަކީ ޕްރިޕިއަމްއެއް ލިބޭ ޕްރޮޑަކްޓެއް. އެހެންވެ އަޅުގަނޑުމެން މި ބަލަނީ ފްރޯޒަން މަސް ބޭރުކުރުމުގެ ބަދަލުގައި ވެލިއު އެޑިޝަން ހެދޭތޯ. އަޅުގަނޑުމެން މިހާރު ކަންތައްތައް ހުރި ގޮތުން މިހާރު ބޮޑު ބަޔަކީ ފްރޯޒަން މަސް،" ޝަހީރު ވިދާޅުވި އެވެ.

މިފްކޯގެ މިހާރުގެ ވިސްނުމަކީ ފިނިކުރި ކަނޑުމަސް އެކްސްޕޯޓްކުރުމުގެ ބަދަލުގައި މަހުގެ އެކި އުފެއްދުންތައް ބޭރުގެ ބޮޑެތި ސުޕަ މާކެޓްތަކަށާއި ރެސްޓޯރަންޓްތަކަށް ސަޕްލައިކުރުމެވެ. އޭގެ މައިގަނޑު ބޭނުމަކީ ފިނިކުރި މަހަށް އެކި ދުވަސް އެކި އަގު ލިބޭތީ ގިނަ ފަހަރަށް ދެކޮޅު ޖެހޭ ކަމަކަށްނުވާތީ އެވެ. އެހެންވެ މަހުގެ އުފެއްދުންތައް އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު މިދިޔަ ހަފުތާގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ: މިފްކޯ އަލުން ކޮޅަށް ޖެހުމަށް ކުންފުނީގެ އިސްވެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"[ހަމައެކަނި ފިނިކުރި މަސް ބޭރުކުރުމުން] މަސްވެރިންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ އެންމެ ރަނގަޅު އަގެއް ނުދެވޭ. އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ވީހާ ބޮޑަކަށް ވެލިއުއެޑިޝަން ޕްރޮޑަކްޓްސްތައް އިތުރުކުރުމަށްފަހު ފްރޯޒަން މަސް އެކްސްޕޯޓްކުރުން މަދުކުރުން،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ފެލިވަރުގައި ޕައުޗް ލައިނެއް ހެދުމަށް ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ހޯދައި، ޕައުޗް އެކްސްޕޯޓްކުރަން ކުރިޔަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

"މި ޕައުޗްލައިން ގާއިމުކުރަނީ އަޅުގަނޑުމެން ޔަގީން އޯޑަރުތަކެއް ލިބިގެން. އަޅުގަނޑުމެން މިހާރު ވަނީ މިކަމާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކޮށް ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ އެ ޕައުޗްލައިން ގާއިމުކުރުމުން މަސްވެރިން ބާނާ ކުދި ސައިޒުގެ މަސްތައް ވެސް ގަނެ، ރަނގަޅު އަގެއް ދެވޭނެ ކަމަށެވެ. އަދި އެއާއެކު އިތުރު މާކެޓްތަކަށް ވަނުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯއާ އެސްޓީއޯއާ ހަވާލުވި ފަހުން ކުންފުނީގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އަދި ކުންފުނި ހަރަދުތައް ކުޑަކޮށް، ފައިދާ ނެރެވޭ ކުންފުންޏަކަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކަށް ހަދަން. އަޅުގަނޑު ވަރަށް އުފާކުރަން މިފްކޯއަކީ ވަރަށް ޒަމާންވީ ތަޖުރިބާހުރި ވަރަށް ގާބިލް މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް. އެހެން ކަމުން އަޅުގަނޑުމެންނަށް މި ކުންފުނި ވަރަށް ރަނގަޅު ކުންފުންޏަކަށް ހެދޭނެ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏާ ހަވާލުވުމަށްފަހު ކުރި މަސައްކަތުން މިހާރު މިފްކޯއަކީ ހަރަދުތައް ދެކޮޅު ޖެހޭ ކުންފުންޏަކަށް ހަދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ނަސީބު ރަނގަޅުކަމުން މަސްވެރިކަން ވަރަށް ރަނގަޅު. ކުންފުނީގެ ބޮޓަމްލައިން މިހާރު މިވަނީ ވަރަށް ރަނގަޅު ފިގާއެއް ފެނިފައި. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިޔަށް އޮތް ތަނުގައި މި ކުންފުންޏަކީ މަސްވެރިން މި ކުންފުންޏަކަށް ޑިޕެންޑްވާ [ބަރޯސާވުން] އަދި މަސްވެރިންގެ ހުރިހާ ބޭނުންތައް ފުދޭ، މަސްވެރިންނަށް ރަނގަޅު އަގެއް ދެވޭ ކުންފުންޏަކަށްވުން،" ޝަހީރު ވިދާޅުވި އެވެ.