ރާއްޖޭގެ ސިޔާސީ އޮއިވަރު ހުރި ގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންތައް ވަމުން އަންނަ ގޮތަށް ބަލާއިރު، 2018 ވަނަ އަހަރުގެ ސިޔާސީ ޗާޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ އަމާޒު މިހާރު ވެސް ހުއްޓިފައި ވަނީ، އަންނަ އަހަރުގެ ރިއާސީ އިންތިޚާބަށެވެ.
ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ވެސް ތައްޔާރުވެވަޑައިގަންނަވަނީ އެ ކަމަށެވެ. އަދި އެ މަނިކުފާނު ވެރިކަމުން ދުރުކުރުމަށް ފައިވިއްދައިގެން ތިބި އިދިކޮޅު ފަރާތްތައް ވެސް ފޫގަޅައިގެން އެ އުޅެނީ 2018ގެ ރިއާސީ އިންތިޚާބުން ރައީސް ޔާމީން ފެއިލް ކޮށްލެއްވުމަށެވެ. ނުވަތަ، ބައެއް މީހުންގެ ނަޒަރުގައި، މަރުފަލި ޖަހަމުން އެދަނީ އެ އިންތިޚާބާ ހަމައަށް ދިއުމުގެ ކުރިން ވެސް ރައީސް ޔާމީން ވެރިކަމުން ދުރުކުރެވޭތޯ އެވެ.
އެމަގަށް އިދިކޮޅު ފަރާތްތަކުން އަމާޒު ހިފާފައިވާ މައިގަނޑު ސަބަބަކީ، ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާ މެދު އެމީހުންގެ ހިތުގައި އުފެދޭ ޝައްކުތަކެވެ.
"ރައީސް ޔާމީން ވެރިކަމުގައި ހުރެގެން މި ގައުމުގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ. އެހެންވީމާ، 2018 ގައި ވާދަކުރައްވަން އެއްވެސް ބޭފުޅަކު މަޑުކުރައްވައިގެން ހުންނަވާނެ ކަމެއް ނެތް. މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން ބޭނުމިއްޔާ، އިންތިޚާބު އައުމުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ޖެހޭނެ،" އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އިސް ވެރިއަކު ވިދާޅުވި އެވެ.
"އެހެން ނޫނީ އިންތިޚާބެއް ނުބޭއްވޭނެ. ރައީސް ޔާމީނަކީ އިންތިޚާބު ދެކެ މާ ބޮޑު ބިރެއް ގަންނަ ބޭފުޅެއް ނޫންތޯ. މަސީހުގެ ވޯޓުގެ ކަންތައް ދިޔަ ގޮތުން އެ ބިރު މިހާރު މާ ބޮޑުވާނެ."
އިދިކޮޅު މީހުންގެ ނަޒަރުގައި، އަންނަ ރިއާސީ އިންތިޚާބުގެ ވާހަކަ ޕީޕީއެމްގެ އިސް ވެރިން ކިތަންމެ ވަރަކަށް ދެއްކިޔަސް އެ އިންތިޚާބެއް ނުބާއްވާނެ އެވެ. އެ މީހުން އެ ގޮތަށް ދެކެނީ، ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި ސިޔާސީ ހުރިހާ ލީޑަރުން މިހާރު އެމަނިކުފާނާ ދެކޮޅަށް ތިއްބެވުމުން، ރައީސް ޔާމީނަށް އާންމުންގެ ތާއީދެއް ނޯންނާނެ ކަމަށް ހިސާބުކުރައްވައިގެންނެވެ.
ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ އިސް ވެރިން ވިދާޅުވާ ގޮތުގައި އެ ބޭފުޅުންގެ ސިކުނޑީގައި އެކަހަލަ ވިސްނުމެއް ވެސް ނެތެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ހިސާބެއްގައި ތިޔަ ޒާތުގެ ވާހަކައެއް ދެއްކިހެނެއް ހިޔެއް ނުވޭ. އަޅުގަނޑުމެން ފުރިހަމަ އަށް ތައްޔާރުވަމުން މިދަނީ، ރައީސްގެ ތަރައްގީ ދެމެހެއްޓުމަށްޓަކައި އިތުރު ފަސް އަހަރު ބޭނުންވާ ކަން ޔަގީންކޮށްގެން ތިބެ. އަޅުގަނޑުމެން އިންތިޚާބަކަށް ނުދާ ނަމަ ކީއްކުރަންތޯ ޓިކެޓެއްގެ ވާހަކަ ދައްކަންވީ ވެސް. އެއީ އެންމެ ފުރަތަމަ ކަމަކީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަހްމަދު ނިހާން ވިދާޅުވި އެވެ.
"އެއީ ވެލިޑް އެއް ރީޒަން އަޅުގަނޑުމެން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަން 2018 އަށް. އަދި ރައީސް ވެސް އެ މަސައްކަތް ކުރައްވަނީ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ފަދަ ފުރިހަމަ އިންތިޚާބެއް ރާއްޖޭގައި ބާއްވައިގެން ކުރިއަށް ދިއުމަށް."
ނިހާން ވިދާޅުވި ގޮތުގައި އެ ވާހަކަ ފެންމަތިވެގެން އުޅެނީ ލާމަރުކަޒީ އިންތިހާބު ފަސްވެގެން ދިއުމުން، އިދިކޮޅު ފަރާތްތަކުގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުމުގެ ސަބަބުން ކަމަށް ވުމަކީ ގާތް ކަމެކެވެ.
"އެކަމަކު އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން އެއީކީ،" އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ އިންތިޚާބާ މެދު އަމަލު ކުރަމުން އަންނަ ގޮތުން، އެ ސުވާލު ނުއުފެދޭ ވަރެއް ވެސް ނޫނެވެ. ނަމަވެސް ސުވާލަކީ ލާމަރުކަޒީ އިންތިޚާބަށް ކުރިމަތި ކުރުވި ފަދަ ބަހަނާއެއް ކުރިމަތި ކުރުވައިގެން، ގާނޫނު އަސާސީގައި ބުނާ މުއްދަތުގައި ރިއާސީ އިންތިޚާބު ނުބާއްވައިފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
އެ ކަމަށް ސަރުކާރުން ދައްކަން އޮންނާނެ ހުއްޖަތަކީ، 2013 ގެ ރިއާސީ އިންތިޚާބު ފަސްވުމުން މެދުވެރިވި ހާލަތާއި އެ ކަމަށް ކޯޓުން ދިން ފަރުވާ އެވެ. ނޮވެމްބަރު 9، 2013 ގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުން، އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން ދަމަހައްޓައިދިނީ އެވެ.
އެ ހުކުމުގައިވާ ގޮތުން ރިއާސީ ދައުރު، ނޮވެމްބަރު 11 ވަނަ ދުވަހުގެ މެންދަމު 12 ޖަހާއިރަށް ހަމަވާ އިރު ވެސް، ކުރިއަށް އޮތް ދައުރަށް އައު ރައީސަކު އިންތިޚާބު ކުރެވިފައި ނުވާތީ، ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ރިއާސީ އިންތިޚާބު ބާއްވައި، އަލަށް އިންތިޚާބު ކުރެވޭ ރައީސް މަގާމާ ހަވާލުވަންދެން، އޭރު އޮތް ގާނޫނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަގާމުގައި ދެމިހުންނަވާނެ އެވެ.
އެ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އެ އަހަރުގެ ސެޕްޓެމްބަރު 7 ގައި ބޭއްވި ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިނާ އެއްގޮތަށް، ނޮވެމްބަރު 11 އަށް ރިއާސީ ދައުރު ހަމަވާއިރު ވެސް ރިއާސީ އިންތިޚާބެއް ނުބޭއްވި އާ ރައީސަކު އިންތިޚާބު ނުކުރެވުމުންނެވެ. އޭރު ރާއްޖެ އަށް ދިމާވެފައިވަނީ ގާނޫނު އަސާސީގައި ވަކި ގޮތެއް ބަޔާން ކޮށްފައި ނެތް ނާދިރު އަދި ޒަރޫރީ ހާލަތެއް ކަމަށް ވާތީ، ސްޓޭޓް އޮފް ނެސެސިޓީ (ހާލަތުއް ޟަރޫރިއްޔާތު) އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަރްމެންޓް (ގާނޫނީ ވެރިކަން ދެމިއޮތުން)ގެ މަބްދައަށް ރިއާޔަތްކޮށް އެ ގޮތަށް ނިންމީ، އެ ނޫން ގޮތެއް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ނެތުމުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އެ ހުކުމަށް ވާސިލުވުމުގައި ހުރި ގާނޫނީ ނުކުތާތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ އެއް ކަމަކީ، ޒަރޫރީ ހާލަތެއްގެ ސަބަބުން، މުއްދަތެއް އިތުރުވުމަކީ ދައުލަތުގައި ގާއިމުވެ އޮތް ގާނޫނީ ސަރުކާރު ދެމިއޮތުން ނިމުމަކަށް އަންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެހެންކަމުން 2018 ގައި އޮންނަން ޖެހޭ ރިއާސީ އިންތިޚާބާ ހަމައަށް ދާއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ މުއްދަތުގައި އެ އިންތިޚާބު ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިސްވެ މި ދެންނެވި ސުޕްރީމް ކޯޓުގެ ހުކުމަށް ސަރުކާރުން ރުޖޫއަވާންވީ އެވެ.
އެ ހުކުމަށް ރުޖޫއަވާ ނަމަ، ފާހަގަކުރެވޭ ފުރަތަމަ ކަމަކީ، ގާނޫނުއަސާސީގައި ބުނާ މުއްދަތަށް އިންތިޚާބު ނުބޭއްވުނަސް، އެއިރަކު ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ ގާނޫނީ ހައިސިއްޔަތާއި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ. ދެ ވަނަ ކަމަކީ، ރިއާސީ ދައުރުގެ މުއްދަތު ގާނޫނުތަކުގައި ކަނޑައެޅި ބަޔާންވެފައި ވިޔަސް، ގާނޫނުއަސާސީގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވިގެން ކުރިމަތިވާ ޒަރޫރީ ހާލަތާއި، ގާނޫނީ ވެރިކަން ދެމިއޮތުމުގެ މަބްދައު ދެމިގެންދާނެ ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތުމެވެ. ނުވަތަ އިންތިޚާބުގެ މުއްދަތު ފަހަނައަޅައި ދިއުމުން ދެން އިންތިޚާބު ބޭއްވުމަށް ވަކި މުއްދަތެއް އެ ހުކުމްގައި ދީފައި ނުވުމެވެ. އެންމެ ކުޑަމިނުން ވީ އެންމެ އަވަހަކަށް އިންތިޚާބު ބާއްވަން ވެސް އެ ހުކުމްގައި ބުނެފައި ނުވުމެވެ.
އަންނަ އަހަރުގެ ރިއާސީ އިންތިޚާބު ވެސް އަދި އެނޫން އިންތިޚާބެއް ވެސް ފަސްކުރަން ޖެހިއްޖެ ނަމަ، މި ދެންނެވި ހުކުމް ހުއްޖަތެއްގެ ގޮތުގައި ބަލާނެ ކަމުގެ ފުރަތަމަ ހެއްކަކީ މި އަހަރުގެ ޖެނުއަރީ 17 ގައި ބާއްވަން ޖެހޭ ލާމަރުކަޒީ އިންތިޚާބު ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމެވެ.
ވެރިކަންކުރާ ޕީޕީއެމްގެ، ރައީސް ޔާމީނަށް ނިސްބަވްތާ ފެކްޝަނުން އޭރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނިންމީ އިތުރު ދެ މަހަށް އިންތިޚާބު ފަސް ކުރުމަށެވެ. އެ ގޮތަށް އިންތިޚާބު ފަސްކުރުމުގެ ނަތީޖާއަކަށް ވީ، އޭރު އިންތިޚާބު ކޮށްފައި ތިބި ކައުންސިލަރުންގެ މުއްދަތު ފެބްރުއަރީ މަހުގެ ތެރޭގައި ހަމަވާއިރު ވެސް، އައު ކައުންސިލަރުން އިންތިޚާބު ނުކުރެވުމެވެ.
އެކަމަށް ދިން ފަރުވާއެއްގެ ގޮތުގައި ސިވިލް ކޯޓުގެ އެ ހުކުމްގައި ބުނެފައިވަނީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު މި އަހަރުގެ ފެބްރުއަރީ މަހު ހަމަވިޔަސް، އާ ކައުންސިލަރުން އިންތިޚާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ. އެ ގޮތަށް ނިންމުމުގައި ސިވިލް ކޯޓުން ރިއާޔަތް ކޮށްފައިވަނީ، 2013 ގެ ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލުކޮށް ރިއާސީ އިންތިޚާބުގެ ވޯޓުލުން ބާއްވަންވީ ގޮތުގެ ގައިޑްލައިނެއް ކަނޑައަޅައި ސުޕްރީމް ކޯޓުން އިއްވި ހުކުމަށާއި، ރިއާސީ ދައުރު ހަމަވާއިރު އިންތިހާބު ނުބޭއްވުނަސް، ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ދެމިހުންނަވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަށެވެ.
ނަމަވެސް 2013ގެ ރިއާސީ އިންތިޚާބުގައި ކުރިމަތިވި ޒަރޫރީ ހާލަތާއި، މިފަހަރުގެ ލާމަރުކަޒީ އިންތިޚާބުގައި ކުރިމަތި ކުރުވި ބަހަނާގެ ގާނޫނީ ބުރަދަން ހަމަ އެއްވަރުތޯ ސުވާލު އުފެދެ އެވެ.
އަންނަ އަހަރުގެ ރިއާސީ އިންތިޚާބު ނުބާއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ އަނެއް ހުއްޖަތަކީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހަކުން، ރިއާސީ ދައުރުގެ މުއްދަތު އިތުރުކުރުމެވެ. ނަމަވެސް އެއީ މިހާރު މަޖިލީހުގެ ތެރެއިން ސަރުކާރަށް އޮތް ފުރުސަތެއް ކަމަކަށް ނުބެލެވެ އެވެ. އެއީ، މަޖިލީހުގައި ކުރިން ސަރުކާރުގެ ތާއީދު އޮތް ވަރަށް މިހާރު ނެތީމަ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްގެން ރިއާސީ ދައުރުގެ މުއްދަތު އިތުރުކުރުމަކީ ޕީޕީއެމްގެ ތެރޭގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވޭ ކަމެއް ވެސް ނޫނެވެ.
"އެއީ ވެދާނެ ސަމާސާއަކަށް އެކި ތަންތާނގައި ބައެއް މެންބަރުން ފާޅުކޮށްފައި އޮންނަ ޚިޔާލެއްގެ ބަޔަކަށް. އަޅުގަނޑެއް އަޑެއް ނާހަން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު، ރިއާސީ ދައުރު ދަންމާލުމުގެ ވާހަކައެއް. އެއީ އަނެއްކާ މަޖިލީހުގެ މެންބަރުންނަށް ކުރެވޭ ވަރުގެ ކަމެއް ނޫނޭ. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ޚިޔާލަކަށް ދާން ޖެހޭ ވަރުގެ ކަންތައް. އެހެނެއް ނުވެސް ކުރައްވާނެ،" ނިހާން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް އެ ގޮތަށް ހުއްޓަސް އެއީ މުޅިން ތެދު ވާހަކައަކަށް ނުވެ ވެސް ދާނެ އެވެ. އަދި ވެރިކަން ކުރާ ފަރާތްތަކުން އެ ކަމަށް އިންކާރު ކުރުމަކީ، އެ ބޭފުޅުންގެ މެދުގައި އެފަދަ ވިސްނުމެއް ނެތުމުގެ ހުއްޖަތެއް ވެސް ނޫނެވެ.
ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަކީ، އިންތިޚާބުތަކާއި ވޯޓުލުމާ މެދު، ވެރިކަންކުރާ ފަރާތްތަކުގެ ހިތުގައި "ކޮންމެވެސް އުދާސްގަނޑެއް" އުޅޭ ކަމެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓުލާން އެ އުޅުނު ގޮތަކީ އޭގެ އެއް ހެއްކެވެ. އިބިލީހު ކައިވެންޏަށް ވުރެ ވެސް ލާމަރުކަޒީ އިންތިޚާބު ދިގުދަންމަމުން ދިއުމަކީ އޭގެ ދިރިހުރި އަނެއް މިސާލެވެ.