ކ. ކާށިދޫގެ ދަނޑުތަކަށް ދާން ހެދުނު 6:45 ގައި "މިހާރު"ގެ ޓީމު ގެއިން ބޭރަށް ނުކުތް އިރު އިންތިޒާރުގައި މީހަކު ބޭރުގައި މަޑުކޮށްގެން އިނެވެ. ކައުންސިލްގެ ޓީޝާޓެއް ލައިގެން އިނުމުން އެއީ އަހަރެމެން އެދުނު ގަޑިއަށް ކައުންސިލުން ފޮނުވި މީހާކަން ޔަގީންވި އެވެ. ގަޑިއަށް ފަރުވާތެރި އެވެ.

ދަނޑަށް މިސްރާބު ޖެހުމުގެ ކުރިން އެދުނީ 7:30 ގައި އޮފީހުގައި ފިންގާ ޖަހަން ނުދެވުނީ އަހަރެމެންނާ އެކުގައި ދަނޑަށް ދާތީކަން ކައުންސިލަށް އަންގައި ދިނުމަށެވެ. ދުވަހަކު ވެސް އޮފީހަށް ގަޑި ނުޖެހޭ ޒަރީރު އެ ދުވަހު ވެސް ގަޑި ޖެހުމުގެ ތާރީހުގެ ތެރެއަށް ވަންނަން ބޭނުން ނުވީ އެވެ. 

އޭނާގެ ގައިގައި ހަރުލާފައި ހުރީ އެއްވެސް ކަމެއްގައި ފަރުވާކުޑަކުރުމަށް ވުރެ އެކަމެއްގެ ހައްލު ހޯދާފައި ބޭއްވުމުގެ އާދަ އެވެ.  

ދަނޑުވެރިންގެ ވާހަކަ އަހަމުން ގޮސް އަހަރެމެންނަށް ވަދެވުނީ އޭނާގެ ދަނޑަށެވެ. އެއް ދަނޑުގައި ފަތްކެޔޮ ހައްދާފައި ހުރި އިރު، އަނެއް ދަނޑުގައި ތަރުކާރީގެ އެކި ބާވަތްތައް ހައްދަ އެވެ. ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް ލިބޭތީ ދަނޑުވެރިކަން ދޫނުކޮށް ހުރީ އެވެ. 

ދަނޑު ހައްދައިގެން އޭނާ ބޭނުންވި ކަންކަން މިހާރު ހާސިލްވެއްޖެ އެވެ؛ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކަން އުޅުމުގެ ތެރޭގައި އެކި މީހުންނާ ބައްދަލުވުމުގެ ތެރޭގައި އޭނާ އަށް އުމްރާ ގްރޫޕަކުން ފުރުސަތު ލިބިއްޖެ އެވެ. އެ ގްރޫޕާ އެކު އޭނާއަށް މައްކާ އަށް ދިއުމުގެ ފުރުސަތު ލިބުމަކީ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. 

"ބޭނުންވެފައި ހުރި ކަމެއް އެއީ. އެކަން ތަނަވަސްވީ އެކަމަށް އެދިގެން ރަނަގަޅަށް އުޅުނީމަ،" ޒަރީރު ކިޔައިދިނެވެ. 

އޭނާ ގަބޫލުކުރާ ގޮތުގައި އެއީ ދަނޑު ހައްދައިގެން ތެދުވެރިކަމާ އެކު ދިރިއުޅުން ކުރިއަށް ގެންދިއުމުން އޭނާ އަށް ލިބުނު "ފޮނި މޭވާ" އެކެވެ. 

ޒަރީރު ބުނި ގޮތުގައި ފުރަތަމަ އޭނާ އުޅުނީ ރިސޯޓްތައް ހެދުމުގެ މަސައްކަތުގަ އެވެ. އެކަމަކު އަނބިދަރިން ކައިރީ އުޅުމުގެ ފުރުސަތު ނުލިބޭތީ ރަށަށް ބަދަލުވެ، އަމިއްލަ ވިޔަފާރިއެއް ފެށީ އެވެ. އެ ވިޔަފާރި ކުރި ނަމަވެސް ސަރުކާރު ވަޒީފާއަކަށް ވަނަން ބޭނުންވުމުން ރަށު އޮފީހުން ހުޅުވާލާފައި އޮތް ޑްރައިވަރެއްގެ މަގާމަށް އޭނާ ކުރިމަތިލި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި މި ރަށު އޮފީހަށް ނެގި ޑްރައިވަރަކަށްވީ ޒަރީރު މިއަދާ ހަމައަށް އެ ހުރީ ރަށު އޮފީހުގެ ޑްރައިވަރުގެ ގޮތުގަ އެވެ. މުޅިއެކު 17 އަހަރުވީ ދިގު މުއްދަތުގެ ތެރޭގައި އެންމެ ދުވަހަކު ވެސް އޭނާ ގަޑިއަށް ފަރުވާކުޑަކޮށް، ގަޑި ޖެހިފައެއް ނުވެ އެވެ. ދުވަހަކު ވެސް ސަލާމެއް ނުބުނެ އެވެ.

އެ ވަޒީފާގައި އުޅެމުން ޒަރީރު ދިޔައީ ގޭގައި ފެށި ވިޔަފާރިން ވެސް ލިބޭ އެއްޗަކުން ފުޅާކުރަމުންނެވެ. މިއަދު އެއީ ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ސާމާނަކާއި ކޮންމެ ދުވަހަކު ގަންނަ ކަހަލަ ލޯކަލް ސާމާނު ވިއްކާ ވިޔަފާރިއެއް ކާށިދޫގައި ފުޅާ ދާއިރާއެއްގައި ކުރާ މީހެކެވެ.

މި ރަށުގައި ހުރި 5،000 އަކަފޫޓުގެ ގޯތީގައި ހަމަޖެހިގެން ދިރިއުޅެލެވޭހާ ތަނަވަސްކަން މިއަދު ލިބިފައިވާ ޒަރީރާ މެދު އެ ރަށު އަދި އޭނަ ދަންނަ މީހުން ވެސް ބުނަނީ ހަމަ އެއް ވާހަކައެކެވެ.

އޭނާއަކީ ތެދުވެރި އަމާނާތްތެރިއެއް ކަމެވެ. ދުވަހަކު ވެސް ކަމެއް އޮޅުވާލައި ދޮގު ނުހަދާނެ ކަމުގެ ޔަގީންކަން ކާށިދޫގެ މީހުންނަށް ވެސް އޮވެ އެވެ.

"އަޅުގަނޑަށް މިހިސާބަށް މި އާދެވުނީ ތެދުވެރިކަމުގެ ސަބަބުން ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަނީ،" ޒަރީރު ބުންޏެވެ.

އޭނަގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ނަތީޖާ ވަރަށް ފޮނި ގޮތަކަށް އޭނާއާ ބައްދަލުކުރި އެވެ. 

އަންހެނުންނާ އެކު މިދިޔަ އަހަރު އުމްރާއަށް ދިޔަ ގްރޫޕުން އޭނާގެ ތެދުވެރިކަން ފެނި ކާށިދޫ ގޮފީގެ ލީޑަރުގެ ގޮތުގައި ހަމަޖެއްސި އެވެ. އުމްރާ އަށް ގެންދާނެ މީހުން ހޯދުމާއި އެފަދަ ހުރިހާ ކަމެއް ކުރަމުން ކޮންމެ ފަހަރަކު އުމްރާއަށް ދިއުމުގެ ނަސީބު ވެސް ލިބުނީ އެވެ.

"ކޮންމެ ފަހަރަކު އަޅުގަނޑު އުމްރާ އަށް ވެސް ދަން. އެއީ ވެސް ތެދުވެރިކަން. އެއީ ވެސް ތެދުވެރިކަމުން އަޅުގަނޑަށް ލައްވާލި ނަސީބެއް. ހުރިހާ ކަމަކީ ވެސް އުފާވެރިކަމަކީ ވެސް، ދިރިއުޅުމަކީ ވެސް، ހުރިހާ ކަމެއް ވެސް ގުޅެނީ ތެދުވެރިކަން،" އޭނާ ބުންޏެވެ.

"ދަރިންނަށް ވެސް އެންމެ ބޮޑަށް އަޅުގަނޑު ދޭނެ ނަސޭހަތަކީ ގަޑި ނުޖެހެއްޗޭ."

ވާހަކައިގެ އެ ހިސާބަށް ދެވުނު އަހަރުމެން ދެން މިސްރާބު ޖެހީ ޒަރީރުގެ ދެވަނަ ދަނޑަަށެވެ. އެ ދަނޑުގައި ވެސް ފަތްކެޔޮ ހައްދާފައިވީ ނަމަވެސް ކޮންމެ ވެސް ވަރަކަށް އެހެން ބާވަތްތައް ވެސް ހައްދާފައި ހުއްޓެވެ. އޭނާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެތައް ހަރަދެއް ކޮށްގެން ހައްދާ ތަކެއްޗަށް ހަދާނެ ގޮތެއް ނެތުމެވެ. ރަށުން ބޭރަށް ގެންދަން އުނދަގޫ ކަމާއި ކައިރި ހިސާބަކަށް ވިއްކޭނެ ގޮތެއް ނެތުމެވެ. ކަމާކަންފަށާ މާލެ ދާން ޖެހުމެވެ. މި ރަށަށް ވިއްކާ މޭވާ އާއި ތަރުކާރީގެ އަގު ނެތް ކަމެވެ.

އެ ދަނޑު ބަލައި ނިމުމުން، މި ރަށުގެ އެހެން ދަނޑުތަކާއި ކުއްޅަވަށްފަލާއި ރަށުގެ އެހެން ބައެއް ތަންތަން ވެސް ދެއްކުމާއި މައުލޫމާތު ދިނުމުގައި އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހަންދެން އޭނާ އަހަރެމެންނާ އެކު އުޅުނެވެ.

ޒަރީރުގެ ދިރިއުޅުމުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ އޭނާ ގަބޫލުކުރާ ގޮތުގައި ތެދުވެރިކަމާ އެކު، ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ބަރަކާތް ލައްވާނެ ކަމެވެ. ވަގުތަށް އިހުތިރާމުކޮށް، ކުރާ މަސައްކަތަށް އިހުލާސްތެރިވުމަކީ ދުނިޔެ އާއި އާހިރަތުގެ ކާމިޔާބީގެ ތަޅުދަނޑި ކަމެވެ.

ޒަރީރުގެ ދަނޑުން ފެނުނީ ހަމައެކަނި ދަނޑުވެރިކަމުގެ ގަސްތަކެއް ނޫނެވެ. ތެދުވެރިކަމުގެ ފޮނި މޭވާތަކެކެވެ.