އެތައް ހާސް މާގަސްތަކުގެ ތެރެއިން އެންމެ ރީތީ ބޯގަންވިލާއޭ ބުނެ ގަހެއް ނަގައި ދައްކާލި އިރު އަހްމަދު ސަމީރު (ކާށިދޫ ސަމީރުބެ)ގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. ހުކުރުދުވަހުގެ މެންދުރުފަހު އެންމެ އަވި ބާރު ގަޑީގައި ސަމީރުބެއާ ދިމާވިއިރު ވެސް އޭނާގެ މަސައްކަތަކީ ބަގީޗާ ނަލަކުރުމެވެ. ބޮޑަށް އަޅާލަން ޖެހޭ ގަސްތައް ވަކިކޮށް މީހުންނަށް ދޫކޮށްލަން ފައްކާވެފައި ހުރި ގަސްތައް އެއްފަރާތްކުރުމެވެ.
މި ރަށުގެ ތިން ބިމެއްގައި އޭނާ ހައްދާފައިވާ މާބަގީޗާތަކުން ގަސްތައް ހިފައިގެން މާލެ އައިސް ކޮންމެ ހޮނިހިރުދުވަހަކު ވިއްކަ އެވެ. ހަފުތާއަކު 8،000 ރުފިޔާ އިން ފަށައި މަހެއްގެ މައްޗަށް 30-40 ހާސް ރުފިޔާގެ އާމްދަނީއެއް ހޯދަ އެވެ.
އެކަމަކު، މީގެ 20 އަހަރު ކުރިން ސަމީރުބެ ފެށި މި މަސައްކަތުގައި ފުރަތަމަ ފޮޅުނީ މަލާމާތާއި ފުރައްސާރައިގެ މާތަކެވެ. ފައިދާއެއް ނުވެ، ފޮޅޭ މާތަކަށް ބަލަހައްޓައިގެން އިނުމުން ލިބޭ ހިތްހަމަޖެހުމާ ދޭތެރޭ ސުވާލު އުފައްދައި ހެދި އެވެ. ނުވިކޭ ގަސްތަކެއް ހިފައިގެން ރާއްޖޭގެ އެންމެ ގަދަ ކަނޑު ހުރަސްކޮށްފައި ކާށިދު އާއި މާލެއާ ދޭތެރޭގައި ސަމީރުބެ ކުރި ހުސް ދަތުރުތަކަށް ބަސްބުނެ މާޔޫސްކޮށްލި އެވެ. އެކަމަކު މާތައް މޯޅިވިޔަ ނުދިނެވެ. އެ ހުރިހާ މަލާމާތަކަށް ކޮންމެ ފަހަރަކު ވެސް އޭނާ ފޮޅުވަނީ އާ ވައްތަރުތަކުގެ މާމެލާ މެއްޔެވެ.
"މަލާމާތްކުރި މިއަށް [ގަސްތަކަށް] ލާރި ނުލިބި މިކަން ކުރީމަ. ވިއްކަން ގެންގޮސްފައި ނުވިކިގެން ގެންނަން ހެދީމަ. ދެން ބުނަނީ ތިޔަ ވިކޭނެ އެއްޗެއް ވެސް ނޫނޭ، ތިދެން ކިހާ ބޮޑު އުނދަގުލެއްހޭ. ދޯނި ތެރޭގައި މިހެން ޖާގަ ހިފާނެ އެއްޗެއް ހުންނާތީ އުނދަގޫ ވެސް ވާނެތާ ދެކޮޅަށް ދާއިރު، އެކައްޗެއް އުފުލަންވާތީ ވެސް،" ސަމީރުބެ ބުންޏެވެ.
"އޭރުވެސް ބުނިން އުހޫނ...މަކުރާ ކަމެއް މަކުރާނެތާއޭ."
ސަމީރުބެ ނިޔަތްގަނެގެން ހުރީ މިކަން ފުޅާވިޔަފާރިއަކަށް ހެދުމަށެވެ. ކޮންމެވެސް ގޮތަކުން އެ ދުވަސް ހޯދުމަށެވެ. މާތަކުގެ ތެރޭގައި ހިނިތުންވެ ސަމީރުބެ މިހާރު ހުންނަނީ ފަހުރުވެރިކަމާ އެކުގަ އެވެ.
މަލާމާތްކުރި މީހުންނަށް ދިއްކޮށްލި މާގަސްތަކާ އެކު މުޅި ރަށް ވެސް މާމެލާމެލިން ފުރިއްޖެ އެވެ. ގެތަކުގެ ގޯތިތަކާއި މަގުތައް އެކި ވައްތަރުގެ މާތަކުން ފުރިފައި އޮތް އިރު މި ރަށުގައި އަދިވެސް އެންމެ ފުޅާކޮށް މާގަސް ހައްދާ އެކަކީ ސަމީރުބެ އެވެ. ކާށިދުއަށް އަރައިފި މީހަކަށް ރަށުގެ ރީތިކަމާ ގުޅުވައި ސަމީރުބެއަށް ކުރާ ތައުރީފް އަޑުނީވި ނުދާނެ އެވެ. ރާއްޖޭގެ އެންމެ ރީތި އެއް ރަށުގެ ގޮތުގައި ކާށިދޫ ބްރޭންޑްވުމުގައި ސަމީރުބެ އެކަކަށް ވާނެ އެވެ.
ސަމީރުބެ 58، އަށް އެންމެ ރީތި ބޯގަންވިލާ ގަސްތަކާ އެކު 15,000 އަށް ވުރެ ގިނަ އޭނާގެ ހައްދާފައި އެބަހުއްޓެވެ. ދެވަނައަށް އޭނާއަށް އެންމެ ރީތީ އޮރެންޖް މަލިކުރުވަ އެވެ. އެ ވައްތަރުގެ ވެސް 30 ވައްތަރު ނާސަރީގައި ހައްދާފައި އެބަހުއްޓެވެ.
"ބުނެދޭން ވެސް ނޭނގޭ ހިތްހަމަޖެހުމެއް މިކަމުން ލިބެނީ. ރަނގަޅު އާމްދަނީއެއް ލިބޭ، މަހެއްގެ މައްޗަށް މަދުވެގެން 15-20 ހާސް ރުފިޔާ ލިބޭ،" ސަމީރުބެ ބުންޏެވެ.
ވިޔަފާރި ފުޅާވީ ޝަބްނަމް ހުސެންދީގެ އެހީން
ގަސްތައް ނުވިކި ދެކޮޅަށް ދަތުރުކުރަނިކޮށް ސަމީރުބެއާ މާލެއިން ދިމާވީ ގަސް ހައްދަން ޝައުގުވެރިވާ ގ.ޝަބްނަމްލޮޖް، ހުސެއިން މުހައްމަދުދީދީ (ހުސެންދީ)އާ އެވެ. އޭނާ ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އާއި ރައީސް އޮފީހުގައި މުހިއްމު މަގާމްތަކެއް ފުރުއްވައިފަ އެވެ.
ގަސްކާނާއި ތަފާތު ގަސްތަކުގެ އޮށާއި ގަސް ހައްދަން ބޭނުންވާ އެހެން ވައްތަރުގެ ސާމާނު ވިއްކަން ރާއްޖޭގައި ހުޅުވި ފުރަތަމަ ފިހާރަ ފްރެޝް އެންޑް ގްރީން އަކީ އޭނާގެ އަމިއްލަ ވިޔަފާރި އެވެ.
އަބަދު ސަމީރުބެ ގަސްތަކާ އެކު ފެންނާތީ އެކަމުގައި ހުސެންދީގެ އޮތް ޝައުގުވެރިކަން ފާޅުކޮށް މިކަން ކުރެވިދާނެ އާ ގޮތްތަކެއް ދެ މީހުން ހޯދީ އެވެ. އޭނާގެ ހިއްސާއާ އެކު މަޑުމަޑުން އެކި ތަންތަނަށް ގަސްތައް ވިއްކައި ވިޔަފާރި ފުޅާކޮށް މާގިނަ ދުވަސްތަކެއް ނުވެ ބަދަލުވީ ދެ މީހުންނަށް ވެސް ފައިދާ ލިބޭ ވިޔަފާރިއަކަށެވެ.
"އަހަރެން އަބަދު ގަސްތަކާ އެކީ ފެންނާތީ ހުސެންދީ އައިސް ބުނީ އަހަރެންނަށް އެބަފެނެއޭ ކަލޭގެ ތި މަންޒަރު. ކޮންމެ ދުވަހަކު އެބަދިމާވެއޭ، ތިއީ އާއްމުކޮށް ކުރާ ކަމެއްހޭ. ދެން ބުނެފި ތިމަންނައަކީ ވެސް ތިކަމުގެ މީހެކޭ. ބޭނުމޭ ޝެއާވެގެން ތިކަން ކުރަން،"
ދެ މީހުން އެއްބަސްވީ 80 ރުފިޔާއަށް ގަހެއްގެ ރޭޓުން ހުސެންދީ އަށް ގެނެސްދިނުމަށެވެ. ސައިމަލާއި ބޯގަންވިލާ އަދި މަލިކުރުވައިގެ ވައްތަރުތައް ހައްދައި ފަހަރަކު 50 ގަސް މަގުން މާލެ ފޮނުވީ އެވެ.
"ވިކޭ ގޮތް ވީމަ މިކަން ފުޅާވެ މުޅި ރަށުގައި ވެސް މިކަން ފެށުނީ. ކޮރޯނާގެ ކުރިން 15،000-20,000 މަހަކު ލިބޭ ކުދިން ވެސް މިކަން ފެށި. އޭރު ވެސް ސަމީރުބެ ހަމަ މިކަމުގައި ދެމިހުރީ. ބަރާބަރަށް ގަސްތައް ވެސް ވިކޭ،" އޭނާ ބުންޏެވެ.
ސަމީރުބެ އާއި އަންހެނުން ވެސް ބައިވެރިވުމާ އެކު ރަށުގައި ތިބެ އެކި މީހުންގެ އޯޑަރަށް ގަސްތައް ހައްދައި މާލެ އާއި ރާއްޖޭގެ އެކި ރަށްރަށަށް ވެސް ފޮނުވައިދެ އެވެ. މާތަކުގެ އާ ވައްތަރުތައް އުފަންކޮށް ގިނަ ބައެއްގެ ހިތް އެ މާތަކަށް އަތުލި އެވެ.
"ދިރިއުޅުން ބިނާކޮށް އަނބިދަރިންނަށް ކާންދިނުމާއި ކިޔަވައިދިނުމާއި ގެ އެޅީ ވެސް މިގަސްތައް ވިއްކައިގެން. ގެއަށް އެކަނި ވެސް ގާތްގަނޑަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވި،" ސަމީރުބެ ބުންޏެވެ.
މި ވިޔަފާރީގެ ފައިދާ އިން ސަމީރުބެ މިހާރު އެންމެ ބޮޑަށް ކުރަން ބޭނުންވެފައި ހުރީ ހައްޖުގެ އަޅުކަމެވެ. ދެމަފިރިންގެ ފައިސާ ހައްޖު ކޯޕަރޭޝަނަށް ދައްކާ ނިންމާފައި ވިޔަސް ކިޔޫ ތަރުތީބުން ދެވެން އޮތީ ގާތްގަނޑަކަށް ފަސް އަހަރު ފަހުންނެވެ.
ހުސެންދީ ނިޔާވެ މިކަމުގައި މިހާރު އަނެއްކާވެސް އުޅެނީ ސަމީރުބެ އާއި އަންހެނުންނެވެ. މި ރަށުގައި ތިން ބިން ގަސް ހައްދަން ކުއްޔަށް ނަގައިފި އެވެ. ގަހެއް ގަންނަން ކާށިދުއަށް އަރައިފި ނަމަ ސަމީރުބެގެ ގެއަށް ނުގޮސް އެ މީހަކު ނުދާނެ އެވެ.
އެންމެ ފައިދާ ބޮޑީ އަދިވެސް ކޮންމެ ހޮނިހިރުދުވަހަކު ކާށިދޫން މާލެއަށް ކުރާ ދަތުރުންނެވެ. ގިނަ އަދަދެއްގެ ގަސްތައް ހިފައިގެން އައިސް ބައެއް ދުވަސްތަކުގައި އެއްކޮށް ވެސް ވިކެ އެވެ. އަނެއް ބައި ދުވަސްތަކުގައި އަނބުރާ މަދު ގަހެއް ގެންދަން ޖެހެ އެވެ. ކިތަންމެ ވިއްސާރަވެ ކަނޑުގަދަވިޔަސް ސަމީރުބެ ހޮނިހިރުދުވަހު ހުންނާނީ މާގަސްތަކާ އެކު މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުގަ އެވެ.
"ނުވޭ ފޫއްސެއް. ވަރަށް ކުރާ ހިތުން މިކުރަނީ. ރަނގަޅަށް ވިކޭ ދުވަހެއް ވެއްޖިއްޔާ 7,000-8,000 ރުފިޔާ ލިބޭ."
މާމެލާމެލީގެ ރަށަކަށް ކާށިދޫވުމުގައި ސަމީރުބެ ފޮޅުވި އެތައް މަލެއްގެ ހިއްސާ ބޮޑެވެ. ދަނޑުވެރި މި ރަށުގެ ޒުވާނުން ވެސް މި ވިޔަފާރީގެ ތެރެއަށް ވަދެއްޖެ އެވެ. ގަހެއް ހައްދައިގެން އެ ލިބޭ ހިތްހަމަޖެހުމާ އެއްވަރަށް ފައިދާ ވެސް ލިބޭކަން ގަބޫލުކޮށްފި އެވެ.
"ހުރިހާ ކުދިންނަށް ވެސް މިހާރު އެނގިއްޖެ މާމެލާމެއްޔަކީ ހައްދަން ރަނގަޅު އެއްޗެއްކަން. ކޮންމެ ކުއްޖަކު ވެސް ހިތްހަމަޖެހުން ބޭނުންވާނެ. ރީތި ގަސްތަކެއްގައި މާއަޅާފައި ގެވަށައިގެން ފެންނަން ހުރީމަ ލިބޭ އުފަލާއެކު ވިޔަފާރިން ވެސް ރަނގަޅު ކަމެއް،" ސަމީރުބެ ކިޔައިދިނެވެ.
ކާށިދުއަކީ މިހާރު މާލޭގެ ވިޔަފާރިތަކަށް ވެސް އެންމެ ގިނަ ގަސް ހައްދާ އެއް ރަށެވެ. މި ރަށުގެ ބޮޑެތި ބިންތައް ކުއްޔަށް ނަގައިގެން ވިއްކަން ގަސް ހައްދަ އެވެ.
"މިކަން ރަނގަޅަށް ކުރެވިއްޖިއްޔާ މިކަމުން މި ރަށަށް ބޮޑު އާމްދަނީއެއް ލިބިދާނެ. މާލޭގައި އެބަތިބ ބޮޑެތި ކުންފުނިތަކުން ބިން ނަގައިގެން މާމެލާމެލި ހައްދަން. އެހެން ކަމަށްވަންޏާ އެ މީހުންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭތީތާ އެކަން އެކުރަނީ. އަޅުގަނޑަށް ވެސް އެކަހަލަ އިންވެސްޓަރަކާ ގުޅިއްޖިޔާ އަދި މިހާރަށް ވުރެ ވެސް ރަނގަޅަށް މިކަން ކުރެވިދާނެ،" ސަމީރު ބުންޏެވެ.
އެ ހިސާބަށް ނުދެވުނަސް މާގަސް ވިއްކައިގެން ސަމީރުބެ ބޭނުންވި ހިސާބަށް މިހާރު އާދެވިއްޖެ އެވެ. އޭނާ ހިތު ނިޔަތް ގަނެގެން ހުރި ހުރިހާ ކަމެއް މި ވިޔަފާރިން ފުރިހަމަ ވެއްޖެ އެވެ. އެކަމަކު ވަރަށް އުނދަގުލާއި ބުރަ މަސައްކަތުންނެވެ. ކޮންމެ ގަހެއް ވެސް ދަރިއެއްހެން ވަކިން ބަލަހައްޓަން ޖެހެ އެވެ. އަދިވެސް އެކަން ސަމީރުބެ ކުރަނީ ހަމަ އެގޮތަށެވެ.
މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ހުންނަން ބޭނުން ނުވާތީ އަންހެނުންނާ އެކު މާބަގީޗާގައި ސަމީރުބެ ހޭދަކުރާ ދިރިއުޅުން އޭނާއަށް ވަރަށް އުފާވެރި އެވެ. ރީތި މަލެއް ފެންނަ އިރަށް އިހްސާސްވާ ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގޭ ކަމަށް ބުންޏެވެ.
"މިކަން ދުވަހަކު ދޫކޮށް ނުލެވޭނެ. ހިޔާލެއް ވެސް ނުކުރަން."
ސަމީރުބެ އަށް މިހާރު އެންމެން ކުރަނީ މާމެލާމެލީގެ ތައުރީފެވެ. ކާށިދޫގެ ރީތި ކަމުގެ މިސާލު ގުޅުވަނީ ސަމީރުބެގެ މާބަގީޗާތަކާ އެވެ.