ރާއްޖޭގައި އެކި ވައްތަރުގެ ގަސްގަހާގެހި ހައްދައި އެކަމުގެ ވިޔަފާރީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ގ. ޝަބްނަމް ލޮޖް، ހުސައިން މުހައްމަދު ދީދީ (ޝަބްނަމް ހުސައިން ދީދީ) ރޭ މެންދަމު ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
ހުސައިން ދީދީ 67، ވަނީ ކުރީގެ ރިއާސީ ގަނޑުވަރު، ތީމުގެ އާއި ރައީސް އޮފީހުގެ މުހިންމު މަގާމުތަކެއް ފުރުއްވައިފަ އެވެ.
ހުސައިން ދީދީ އަވަހާރަވުމާ ގުޅިގެން، އެ އާއިލާ އަށް ރައީސް އަބްދުﷲ ޔާމީން ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ހުސައިން ދީދީ، ރައީސް އޮފީހަށާއި ރިއާސީ ގަނޑުވަރަށާއި ސަރުކާރުގެ އެހެން އިދާރާތަކަށް، ހާއްސަކޮށް ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކުގެ އަގު ރައީސް ވަޒަންކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހުސައިން ދީދީއަކީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ބޮޑުބޭބޭފުޅެކެވެ.
ހުސައިން ދީދީ ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ޑިރެކްޓަރު، ޕްރޮޓޮކޯލް އެންޑް ސެރެމޯނިއަލް އެފެއާޒް ކަމުގެ މަގާމް ހިމެނެ އެވެ. އަދި ޕާސަނަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި ޕްރެޒިޑެންޝަލް ޕެލަސްގެ ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތަރައްގީކުރަން ފެށި ހުޅުމާލޭ ފެހިކުރުމުގެ މަޝްރޫއުގެ ކޮންސަލްޓަންޓްގެ ގޮތުން ވެސް އޭނާ މަސައްކަތްކުރެއްވި އެވެ.
ހުސައިން ދީދީ އަކީ ތަފާތު ގިނަ މަސައްކަތްތައް ކުރައްވަން ދެނެވަޑައިގަންނަވާ އަދި ކަންކަމުގެ ވަރަށް ފާޑުވެރި ފަންނުވެރި ބޭފުޅެކެވެ. ތަފާތު އެތައް މަސައްކަތެއް އަމިއްލަފުޅަށް ދަސްކުރައްވައިގެން އާމްދަނީ ހޯއްދެވުމަށާއި، ހިލޭ ސާބަހަށް ވެސް ކުރައްވަމުން ގެންދެވި އެވެ. އެގޮތުން ފެހުމުގެ މަސައްކަތާއި ވަޑާމުގެ މަސައްކަތާއި ތައްގަނޑު ޖެހުމާއި ރޭނުން ފަދަ މަސައްކަތް އޭނާ އަށް އެނގިވަޑައިގަނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ސާކް ސަމިޓަށް 1990 ގައި ތައްޔާރުކުރި އަދި މިހާރު ވެސް މާލޭގައި ހުރި އެންމެ ބޮޑު ޖަލްސާކުރާ މާލަން ކަމަށްވާ ދަރުބާރުގެ ފުރަތަމަ ހެދިއިރު އެކަމުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ދަރުބާރުގޭގެ ޑިޒައިނާއި ދަރުބާރުގެ އިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ހިނގަމުންދިޔައީ ހުސައިން ދީދީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
އޭނާގެ މަސައްކަތްތެރިކަމުގެ އަގު ސަރުކާރުން ވަޒަންކޮށް 1990 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދިނެވެ.
ގަސްކާނާއި ތަފާތު ގަސްތަކުގެ އޮށާއި ގަސް ހައްދަން ބޭނުންވާ އެހެން ވައްތަރުގެ ސާމާނު ވިއްކަން ރާއްޖޭގައި ހުޅުވި ފުރަތަމަ ފިހާރަ ފްރެޝް އެންޑް ގްރީން އަކީ އޭނާގެ އަމިއްލަ ވިޔަފާރި އެވެ.
ހުސައިން ދީދީ އަވަހާރަވި އިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.