ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު އަލީ އުމުރުން 67 އަހަރުގައި އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރިން އައިޖީއެމްއެޗްގަ އެވެ.

ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުހައްމަދު އަލީއަކީ ހޯމް މިނިސްޓްރީ އާއި ކުރީގެ ޕްލޭނިން  މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެެކެވެ. އެ ދެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރެއްވީ ތިމާވެށްޓާ ބެހޭ ބައި އެ މިނިސްޓްރީތަކުގެ ދަށުގައި އޮތް ދުވަސްވަރުގަ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އޭގެ ފަހުން ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު މުހައްމަދު އަލީ ފުރުއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހައްމަދު އަލީ ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

ތިމާވެށީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާ މުހައްމަދު އަލީއަކީ އިންޖީނުލީ އުޅަނދުތައް ދުއްވުމުގެ ބަދަލުގައި ގިނައިން ބައިސްކަލްގައި އުޅުއްްވި ބޭފުޅެކެވެ.