މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓްރާންސިޓް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވި ސައުދި އަރަބިއްޔާގައި ތާށިވި 50 ދިވެހި އުމްރާވެރިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަހީމް ވިދާޅުވީ މި ރޯދަމަހު އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިންގެ ތެރެއިން 2،000 އަށް ވުރެ ގިނަ މީހުން މިވަގުތު ވެސް ސައުދީގައި އެބަތިބި ކަމަށެވެ.
އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެއިން ސައުދީއަށް ޓްރާންސިޓުގައި ދަތުރުކުރަން ހަމަޖެހިފައިވާ ބައެއް އުމްރާވެރިންނަށް އުމްރާއަށް ނުފުރި މަޑުކުރަން ޖެހުނު މައްސަލަތަކަށް ވެސް ސަރުކާރުން މިހާރު ހައްލު ހޯދަައި ދީފައިވާ ކަމަށެވެ.
"ސަރުކާރުން ފްލައިޓެއް ޗާޓަރުކޮށްގެން އެ އެންމެން ވަނީ އުމްރާއަށް ފޮނުވައިފައި،" ޝަހީމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި، އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަ ދަތިވެފައި ތިބި 50 އުމްރާވެރިން އެބަތިބި."
ޝަހީމް ވިދާޅުވި ގޮތުގައި، ސައުދީގައި ތާށިވި އެ 50 މީހުން އަނބުރާ ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަންގައި އެ މީހުންނަށް އަނބުރާ ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވި އެވެ.
ފްލައިޓް ކެންސަލްވުމުން ރާއްޖެއިން ސައުދީއަށް ނުފުރިފައި ތިބި ދިވެހި އުމްރާވެރިން ވެސް ގެންދިޔައީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.
ޝަހީމް ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅޭ ބައެއް ވާހަކަތައް ވެސް ހިއްސާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ހައްޖުގެ އިންތިޒާމުތަކަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް މިވަގުތަށް ނުބެލެވެ އެވެ.
"ހައްޖާ ގުޅޭ ކަންކަމުގައި، މި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ހައްޖުގެ ދަތުރުތަކަށް އެއްވެސް ކަހަލަ ލޮޅުމެއް އަންނާނެ ކަމަކަށް އަދި އެއްވެސް އިޝާރާތެއް ނެތް. ހައްޖާ ގުޅޭ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހެވެ.
ޝަހީމް ވިދާޅުވީ މި އަހަރުގެ ހައްޖުގެ ކަންކަން އެންމެ އަވަހަށް ފުރިހަމަ ކުރި ގައުމަކަށް ރާއްޖެ ވާއިރު، ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގައި ހައްޖަށް ދާ ހުރިހާ މީހުންނަށް މިހާރު ވިސާ ވެސް ހަމެޖެހިފައިވާ ކަމަށެވެ. އަދި ހައްޖުވެރިންނަށް ބޭނުންވާ އެހެން ހުރިހާ އިންތިޒާމެއް ވެސް މިހާރު ހަމަޖައްސާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.