މި ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް އެކި ސަބަބުތަކާ ހެދި ނުފުރި ތިބި 164 މީހުންނަށް މިރޭ ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ދިން  ވަރުގަދަ ހަމަލާތަކާ އެކު، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރޫއަރައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ ފްލައިޓުތައް އޮޕަރޭޓްކުރާ މަންޒިލްތައް ވެސް ހިމެނޭތީ އުމްރާ އަށް ދާ މީހުންގެ ދަތުރުފަތުރަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. 

އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާތަނަށް އުމްރާ އަށް ނުފުރި ތިބި 164 މީހުން މިރޭ ފުރުވައިލަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޗާޓަރު ކޮށްގެންނެވެ. އަދި އެ މީހުން މައްކާގައި ތިބުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މި ފުރުސަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މީހުންނަށް ނުފުރި ތިބީ މިނިސްޓަރު ޝަހީމް ކުރިން ވިދާޅުވި ގޮތުގައި، ބައެއް ގައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ނމަަވެސް އެ ގައުމުތަކުގެ ފްލައިޓުތައް ކެންސަލްވުމުންނެވެ.