އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅަން ފައިނޭންސް ކުރުމުގެ އެއްބަސްވުމެއްގައި ސަައޫދީ އަރަބިއްޔާގެ ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރަ އެ މިސްކިތަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމެއްގައި "މަދީނާގެ މާތް ބިމުގައި" ރާޖިޙީ ކޮންޕެނީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ﷲ ގެ މަތިވެރި ރަހުމަތްފުޅާ އެކު ރާއްޖޭ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށެވެ،" އޭނާ މީޑިއާއާ ހިއްސާ ކުރެއްވި މެސެޖުގައި ވެ އެވެ.
މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން ފަންޑު ހަމަޖެހި، އަންނަ ސެޕްޓެމްބަރު 13 ގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި ބޮޑު މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހުންނާނެ ކަމަށާއި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށެވެ.
ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް ހިމެނޭ އެ މިސްކިތް އެޅުމުގެ މަޝްރޫއުއަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު އިސްލާމީ ބިނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި މީގެ 41 އަހަރު ކުރިން އިމާރާތް ކުރި އިސްލާމީ މަރުކަޒެވެ. އެތަނުގައި އެއްފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވެ އެވެ.
މިސްކިތް ޑިޒައިން ކުރަނީ ރާއްޖެ އިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށާއި އެ މަޝްރޫއުގެ ޑިޒައިނިން ހިމެނޭހެން ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑު ކުރި މީހުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.