ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދި އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލު ކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އެވެ. ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހް ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އޭނާގެ މަސައްކަތަށް މިނިސްޓަރު ޝަހީމް ތައުރީފު ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސައުދީ އަރަބިއްޔާ އިން ދިވެހިންނަށް 50 ޓަނުގެ ކަދުރު މި އަހަރު ވެސް ހަދިޔާކުރަން ނިންމާފައިވެ އެވެ. އެކަމުގެ މަސައްކަތްތައް ދެ ގައުމު ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.