ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރުން ހުއްޓުވަން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިން ވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށާއި ވިސާފީ ނުދައްކާ އުޅޭ ބިދޭސީއަކު އޭގެ ފަހުން ފެނިއްޖެ ނަމަ ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުަގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 62 ޕަސެންޓް މީހުން މިހާރު ތިބީ ސައްހަ ލިޔެކިއުންތަކާ އެކުގައި ކަމަށާއި ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކުރާނެ ކަމަށެވެ. ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންދާނީ އެގޮތަށް ކަމަށް ވާތީ، ބިދޭސީ މަސަކްތްތެރިން ގެންގުޅޭ އެންމެން ވެސް އެ މީހުންގެ ވިސާ ފީ ގަވައިދުން ދައްކަން އޭނާ އިލްތިމާސް ކުރެއްވި އެވެ.

""ހަމަ އެއާ އެކުގައި މެއި ދޭއް 2026 އިން ފެށިގެން، ފީނުދައްކާ އެއްވެސް ވަރަކަށް އުޅެނިކޮށް، އަޅުގަނޑުމެންގެ ލޯ އެންފޯސްމެންޓާ ދިމާވާ ކޮންމެ ބިދޭސީއަކީ ވެސް އިމީޑިއަޓްލީ ރާއްޖޭން ޑީޕޯޓްކުރެވިގެންދާނެ ފަރާތެއް،" އިހުސާން ވިދާޅުވި އެވެ.

އެންފޯސްމެންޓް ފަށައިގެން މީހަކު ހައްޔަރުކުރުމަށް ފަހު، ކޮންމެ ފަރާތަކުން ގުޅިޔަސް، އެ މީހަކު ދޫކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވިސާފީ ދެއްކުމުގައި އިދާރީ މައްސަލައެއް ކުރިމަތިވެގެން ފީ ނުދެއްކި ހުރެއްޖެ ނަމަ އެކަމަށް ރިއާޔަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވައިދުގެ ތެރެއަށް ފައްތަން ހިންގާ ކުރަނގި އޮޕަރޭޝަން 2024 ވަނަ އަހަރު ފެށި އިރު ރާއްޖޭގައި އެހައިތަަނަށް ތިބި ބިދޭސީންގެ ތެރެއިން ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުންނެވެ. ނަމަވެސް ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުން ކުރި މަސައްކަތުން، ބިދޭސީންގެ 62  ޕަސެންޓް މީހުންނަކީ މިހާރު ސައްހަ ގޮތުގައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބިކަން ކަށަވަރު ކުރި 206،000 ބިދޭސީންގެ ތެރެއިން ފިންގަޕްރިންޓް ނުނެގި މިހާރު ތިބީ 2،933 މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން، ގޮތް ނޭނގޭ ގޮތަށް ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ ބިދޭސީން ދިވެހިރާއްޖޭގައި ވާއެއް ނުވާއެއް ނޭނގި އުޅެމުން އައި އުޅުން، މިވަނީ 2،933 އަށް ކުޑަކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައްހަ ލިޔެކިއުންތަކާ އެކު ތިބި 62 ޕަސެންޓް މީހުންގެ އިތުރަށް ތިބި އެންމެންނާ މެދުގައި ވެސް އަމަލުކުރާނީ އެއް އުސޫލަކުންނެވެ. ބިދޭސީން ގެންގުޅޭ މީހުންނަށް، އެމީހުން ގެންގުޅޭ ބިދޭސީންގެ ސްޓޭޓަސް، އިމިގްރޭޝަންގެ ސިސްޓަމުން ފެންނަމުންދާނެ ކަމަށާއި ވިސާ ދައްކަން ޖެހޭ ދުވަސް ވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން އެކަން އޮތް އިރު ބިދޭސީން ގެންގުޅޭ މީހުން އެމީހުންނަށް ދައްކަން ޖެހޭ ފީތައް ގަވައިދުން ދެއްކުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.