ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ތައްޔާރުކުރާ ޖަރުމަނުގެ ކުންފުނިން ބުކްލެޓް ފޮނުވުމަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމާއި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ ކަންކަން އާންމު ހާލަތަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ޕާސްޕޯޓް ބުކްލެޓް ފޮނުވަން ކަނޑައަޅާފައި އޮތް ތާރީހަށް އެ ނުފޮނުވި ލަސްވީ ޖަރުމަނުގެ ޑާމަލޮގް ކުންފުނިން އަންގާފައިވާ ގޮތުން ކުންފުނީގެ ޕްރިންޓްހައުސް އަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އެހެންވެ، ރާއްޖޭގައި ހުރި ބުކްލެޓްތަކުގެ ސްޓޮކް އެއްކޮށް ހުސްވިޔަ ނުދީ، ހާއްސަ ހާލަތްތަކުގައި އިސްކަން ދިނުމުގެ ގޮތުން އާންމު އުސޫލުން ޕާސްޕޯޓް ހެއްދުން ހުއްޓާލައި، ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސި އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ މައްސަލަ ހައްލުވެ، ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް މި ހަފުތާ ބަންދު ތެރޭގައި ރާއްޖެއަށް ގެންނާނެ ކަމަށާއި އަންނަ އާދިއްތަ ދުވަހުން ފެށިގެން އާންމު ހާލަތުގައި ޕާސްޕޯޓް ދޫކުރެވެން ފެށޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ބެކްލޮގްގައި 2،600 އަށް ވުރެ ގިނަ ޕާސްޕޯޓް އެބަހުރި ކަމަށާއި އެ އެއްކޮށް ފިލުވާލަން ފަސްވަރަކަށް ދުވަސް ނަގާނެ އެވެ. 

ކުރިއަށް އޮތް ތަނުގައި ވެސް ޕާސްޕޯޓަށް އެދޭ ފަރާތަކަށް އެއްވެސް ދަތިތަކެއް ނެތި އެ ހިދުމަތް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.