އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިޔުންތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނަށް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، ރާއްޖޭގައި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި، 100،000ރ. އިންވެސްޓުކުރާ ފަރާތްތަކަށާއި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ފަރާތްތަކަށް ރެސިޑެންޓް ވިސާއެއް ހިމަނާފައިވާކަމަށް ބުނެ ލިޔުމެއް ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅިގެން އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މާއްދާތަކަކީ އިމިގްރޭޝަނުން އެއްވެސް އިރަކު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ވިސްނުމެއްވެސް ގެންގުޅެފައިވާ ކަންކަމެއް ނޫން ކަމަށެވެ.
މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސޮފްހާގެ މައްޗަށް އެކުލެވޭ އިމިގްރޭޝަންގެ މުޅިން އާ ގާނޫނެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި އާ ގާނޫނުގެ ދެލިކޮޕީގައި "ރެސިޑެންޓް ވިޒާ" ގެ ނަމުގައި އެއްވެސް ވިސާއެއް ހިމެނިފައި ނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.
މީގެ އިތުރުން، އިމިގްރޭޝަން ފަދަ އެންމެހާ ރައްޔިތުންނާ ގުޅުންހުރި، ގައުމީ ސަލާމަތާ ގުޅޭ ހައްސާސީ މަސައްކަތްތަކެއް ކުރަމުންދާ މުއައްސަސާއަކާ ގުޅުވައިގެން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
މިހާރު އަމަލުކުރަމުންދާ 2007 ވަނަ އަހަރުގެ އިމިގްރޭޝަން ޤާނޫނުގެ ބަދަލުގައި، ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އާ ބިލުގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ވަނީ މުތުލަގަށް މަނާކުރަން ހުށަހަޅައިފަ އެވެ.
ކުރީގެ އިސްލާހުގައި އޮތް ގޮތާ ޚިލާފަށް، ޣައްޒާގެ ހާލަތަށް ނުވަތަ ވަކި ޝަރުތަކަށް ބެލުމެއް ނެތި، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން ދާއިމީކޮށް އަދި މުތުލަގަށް މަނާކުރުމަށް މި ބިލުގައި ހިމަނާފައިވެ އެވެ.
އަދި ބޭރުގެ އިންވެސްޓަރުންނަށާއި މަސައްކަތްތެރިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފަދަ އާ ވިސާގެ ބާވަތްތައް އުފެއްދުމާއި ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ސަރުކާރަށް ލިބޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން، ރާއްޖޭގެ އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، ގައުމީ ސަލާމަތާއި އިޖުތިމާއީ އަދި ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ބާރު އިތުރަށް ވަރުގަދަކުރުން މި ބިލުގައި ހިމެނެ އެވެ. .
އަދި ރާއްޖެއިން ޑީޕޯޓްކޮށްފައިވާ މީހުންނާއި، ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ޢަމަލެއް ހިންގަފާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ޝައްކުކުރެވޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.