ރާއްޖެއަށް އައުމުގެ ހުއްދަ ނެތް މީހުންނަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުން ޕްރޮޕަޓީ ގަތުމުގެ ހުއްދަ ނުލިބޭ ގޮތަށް ރިއަލް އެސްޓޭޓް ބިލްގައި ހިމަނައިފި އެވެ.
މިއާ އެކު، ރާއްޖެއަށް ނާދެވޭނެ މީހުންގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުންނާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި ދައުވާ ލިބި އަދި ހައްޔަރުކުރުމުގެ އަމުރު އޮތް މީހުން ހިމަނައިގެން މިހާރު ވަނީ އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިގޮތަށް ބެލުމުން، އިޒްރޭލު ރަށްވެހިކަން އޮންނަ އަދި އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮންނަ [ޑުއެލް ސިޓިޒެންޝިޕް] ގެ މީހުންނަށް ވެސް ރާއްޖެއައުން މަނާވާނެ އެވެ. އަދި ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރެފައިވާ މީހުންނަށް ރާއްޖެ ނާދެވޭނެ ކަމަށް އޮތް އިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސް ބައެއް މީހުންގެ މައްޗަށް ވަނީ މިފަދަ އަމުރުތައް ނެރެފަ އެވެ.
މީގެ ކުރިން އޮތީ، އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާގައި ފެށި ގަތުލްއާންމު ނިމުނު ކަމަށް ކަނޑައަޅަންދެން، އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށެވެ. ނަމަވެސް މިހާރު އަލަށް ހުށަހެޅި އިމިގްރޭޝަން ބިލްގައި ހުށަހަޅާފައިވަނީ އެއްވެސް ޝަރުތެއް ނެތި، އިޒްރޭލު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ.
ރާއްޖެއަށް އައުމުގެ ހުއްދަ ނެތް މީހުން
- ރާއްޖޭގެ ސިޔާދަތަށް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާ ކޮށްފާނެ ކަމަށް ބެލެވޭ މީހުން.
- ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުން ކަމަށް މައުލޫމާތު ލިބިފައިވާ މީހުން.
- ބައިނަލްއަގުވާމީ ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ ނުވަތަ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުން.
- އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ ނުވަތަ ހައްޔަރުކުރުމުގެ އަމުރު އަމުރެއް ނެރެފައިވާ ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޮލް) އިން ލިސްޓުކޮށްފައިވާ މީހުން.
- އެހެން ގައުމެއްގެ އަދުލްއިންސާފަށް ނުވަތަ ތަހުގީގީ އިދާރާއަކަށް ފިލައިގެން އުޅޭ މީހުން.
- އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރި ކަމަށް ޝައްކުކުރެވޭ މީހުން. ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ނުވަތަ ބައިނަލްއަގުވާމީ ސިއްހަތާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ގައުމަކުން ނުވަތަ ސަރަހައްދަކުން ރާއްޖެއަށް އަންނަ މީހުން.
- ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިނުވާ ނުވަތަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާ ނުވަތަ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ގައުމުތަކުގެ ތެރެއިން ދިވެހި ސަރުކާރުން ކަނޑައަޅާ ގައުމަކަށް ނިސްބަތްވާ މީހުން.
- އިމިގްރޭޝަން ގާނޫނުގެ ދަށުން، ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓްކުރާ މީހުން.
- އެކަށީގެންވާ ސަބަބުތަކަށް ބިނާކޮށް، ރާއްޖޭގެ އިޖުތިމާއީ ނުވަތަ ދީނީ އެއްބައިވަންތަކަމަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ކުރާ ނުވަތަ ކުރަން އުޅޭ ކަމަށް ބެލެވޭ މީހުން.
- އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން.
- ރާއްޖެއަށް އައުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މީހުން.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލްގައިވާ ގޮތުން އިމިގްރޭޝަން ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން ރާއްޖެއަށް އައުން ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވެން ނެތް ގައުމަކަށް ނިސްބަތްވާ މީހެއް ނަމަ އެ ގައުމެއްގެ ރައްޔިތަކަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަހްސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންގައިވާ މުދަލެއްގެ ލީޒް ހޯލްޑް ރައިޓެއް ނުވިއްކޭނެ އެވެ. އަދި ޒޯނުގައިވާ ބިމެއް ސަބްލީޒެއް ވެސް ނުކުރެވޭނެ އެވެ.
"މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް އިޒްރޭލު ރައްޔިތުންނަށް ނުވަތަ އިޒްރޭލު ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، ޒޯނުގައިވާ މުދަލެއްގެ ލީޒްހޯލްޑް ރައިޓްސް ނުވިއްކޭނެ އެވެ. އަދި ޒޯނެއްގައިވާ ބިމެއް ސަބްލީޒް ނުކުރެވޭނެ އެވެ." އިޒްރޭލާއި އިޒްރޭލާ ގުޅުން ހުރި ވިޔަފާރިތަކަށް މަގު ބަންދުކުރުމުގެ ގޮތުން ރިއަލްއެސްޓޭޓް ބިލްގައި ހިމަނާފައިވާ މާއްދާއެއްގައިވެ އެވެ.
ބިލްގައި ބުނެފައިވަނީ މިއާ ހިލާފަށް ހިންގާ ކޮންމެ މުއާމަލާތަކީ ބާތިލް މުއާމަލާތެއް ކަމަށެވެ.
މި ކަންކަމުގެ އިތުރުން ވެސް ރާއްޖޭގެ މަސްލަހަތަށް ގެއްލުންވެދާނެ ކަމަށް ބެލެވޭ ގިނަ ކަންތައްތަކަކަށް ހައްލު ހޯދުމުގެ ގޮތުން ބިލްގައި ހިމަނާފައިވެ އެވެ.