ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކުރާ އިންވެސްޓަރުންނަށް ހާއްސަ ކޮށްގެން ސަރުކާރުން ތައާރަފްކުރާ ޕާލް ރެސިޑެންސީ ވިސާ ދިނުން ހުއްޓުވަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވިޔަސް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އެ ޕްރޮގްރާމަށް އޮތް ކަން މިއަދު ހާމަކުރައްވައިފި އެވެ. 

ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރަން ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި އިންވެސްޓާ ފޯރަމްގެ ތެރެއިންނެވެ.

އެއީ ރާއްޖޭގައި އިންވެސްޓްކޮށް، ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފުރުސަތު ދޭނެ ވިސާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝަމްހީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރާ ގުޅޭ ބަހުސް ވެސް ވަނީ ފަށައިފަ އެވެ. 

ނަމަވެސް ރެސިޑެންސީ ވިދާ ދޭން ތާއީދު ކުރައްވައި އެ ޕާޓީގެ ޗެއާޕާސަން، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެސިޑެންސީ ޕްރޮގާރްމަކީ ރާއްޖެ އަށް ނުހަނު ފައިދާވާނެ ޕްރޮގްރާމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މި ޕްރޮގްރާމާ ގުޅޭ ގޮތުން، ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވެފައި ވަނީ، އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ފެށުމުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަން އިތުރަށް މަގުފަހިވާނެ ކަމަށެވެ. 

އެކަން ކުރިއަށް ގެންދާނީ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެސިޑެންސީ މާކެޓުކޮށްދޭ ވަރުގަދަ ބަޔަކާ އެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް މިއީ. މިކަމުން ކުރިއެރުންތަކެއް ލިބިފައި އެބަ ހުރި،" ސައީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މި ޕްރޮގްރާމާ ދެކޮޅަށް ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން ރެސިޑެންސީ ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގެން ނެތުމާއި އޭގެ ސަބަބުން ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވާނެ ފަދަ ސީރިއަސް ކަންތަކެއް ފާހަގަކުރެވޭތީ މި މަސައްކަތް ވަގުތުން މެދުކަނޑާލަން ޖެހެ އެވެ.  

އެކަމާ ގުޅޭ އެއްބަސްވުން ހާމަކުރުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ. 

ގަރާރުގައި ބުނެފައިވާ ގޮތުން މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި އެކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ 'ވަކި ދައުލަތެއް' އުފެދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. 

"ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ޖީލަކަށް ވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ދީ އެ ތަންތަނުގެ ދިރިއުޅުމުގެ ހައްގު ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް،" ގަރާރުގައިވެ އެވެ. 

މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގަރާރުގައި ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސް ވެސް ކޮށްފައިވެ އެވެ. އެގޮތުން އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން ޕާލް ރެސިޑެންސީ ޕްރޮގްރާމަށް ހުއްދަ ދިނުން ހުއްޓާލަން ގޮވާލާފައިވެ އެވެ.