އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރައްވަން ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށެވެ.
އެހެންވެ، ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރަން ގަރާރުގައި ހުށަހަޅާފައިވެ އެވެ.
އިތުބާރު ނެތް ކަމަށް ގަރާރުގައި ހުރި ކަންކަން:
- ޑޮލަރުގެ އަގު ކަޅު ބާޒަރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުން
- ދައުލަތުގެ މުދަލާއި ދައިސާ އަމާނަތްތެރިކަމާ އެކު ނުބެލެހެއްޓުން
- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް، ތަފާތު އެކި ބިޔަ މަޝްރޫއުތައް އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި އޮތުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެެރޭގައި ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ނުފެށުމާއި ޑިވެލޮޕްމެންޓް ބޭންކްގެ ހިދުމަތާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނުފެށުން ހިމެނެ އެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން ސައީދު ވަނީ މަޖިލީހަށް ހާޒިރުކޮށް، އޭނާއާ މެމްބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވައި މަސްއޫލިއްޔަތުން ރެކިވަޑައިގެންފަ އެވެ.
އަދި އަމިއްލަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އެތައް ވިޔަފާރިއަކާއި އަމިއްލަ ފަރުދުން ބިކޮށްފައި ކަމަށް ވެސް ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ.
ގަރާރުގައި ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ އިގުތިސޯދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް ސިންދަފާތުކުރުން ކަމަށްވީ ނަމަވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނެސް "ޓައުންޝިޕް"ގެ މަފްހޫމް ތައާރަފްކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ސަރަަހައްދުތަކެއް ބޭރުގެ ބައެއްގެ އަތް މައްޗަށް ދޫކޮށް މި ސަރައްދުތަކުގެ ވެރިންނަށް ޓެކުހުން ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށް ވެސް ގަރާރުގައި ބުންޏެވެ. މިއީ، ގަރާރުގައި ބުނި ގޮތުގައި، ދައުލަތުގެ ސަރަަހއްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެެއް ގެއްލިދާނެ ނުރައްކާތެރި ކަމެކެވެ.
މީގެއިތުރުން ޓައުންޝިޕްތަކުގައި ބޭރު މީހުން ދިގު މުއްދަތަކަށް އުޅެވޭނެ ގޮތަށް "މޯލްޑިވްސް ޕާލް ރެސިޑެންސް"ގެ ނަމުގައި ރެސިޑެންސް ބައި އިންވެސްޓްމަންް ޕްރޮގްރާމެއް މިނިސްޓަރު ކުރިއަށް ގެންދާކަން ވެސް ގަރާރުގައި ފާހަގަކުރި އެވެ.
އެ ޕްރޮގްރާމް މައްސަލައެއްގެ ގޮތަށް ގަރާރުގައި ފާހަގަކުރިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ އެ ޕްރޮގްރާމަށް ތާއީދު ކުރައްވައި، އެއީ ރާއްޖެއަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު އެމްޑީޕީން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ބުނީ އެ ޕްރޮގްރާމަކީ ކަޅު ފައިސާ ދޮވުމަށާއި ޓެކުހަށް މަކަރު ހެދުމަށް މަގުފަހިވާ، ރާއްޖޭގެ ސިޔާސަދަތީ ބާރުތަކަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި މިފަދަ ކަންކަން މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ކުރިއަށް ގެންދިޔުމަކީ މިނިސްޓަރަށް ގާނޫނީ ގޮތުން ލިބިދީީފައިވާ ބާރުގެ ނަހަމަ ގޮތުގަ ބޭނުން ކުރުން ކަމަށެވެ.