ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކުރާ އިންވެސްޓަރުންނަށް ހާއްސަ ކޮށްގެން ތައާރަފްކުރާ ޕާލް ރެސިޑެންސީ ވިސާ ދިނުމުގެ އުސޫލަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަން ހުއްޓުވަން އިދިކޮޅު މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި އިންވެސްޓާ ފޯރަމްގެ ތެރެއިން ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރަން ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކުރި އެވެ. އެއީ ރާއްޖޭގައި އިންވެސްޓްކޮށް ދިގު މުއްދަތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ފުރުސަތު ދޭނެ ވިސާ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްއާ މެދު ބޮޑެތި ތުހުމަތަކެއްކޮށް އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދެވެ. 

އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ދޫކުރުމަށް ސަރުކާރުން އެކުލަވާ ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ބަދަލުގައި އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ އޭގެ މާލީ އަދި ގާނޫނީ ތަފްސީލުތައް މަޖިލީހާއި ރައްޔިތުންނަށް ހާމަކުރުމެއް ނެތި ކަމަށް ޝަމްހީދުގެ ގަރާރުގައި ވެ އެވެ. 

މި ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގެން ނެތުމާއި އޭގެ ސަބަބުން ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވާނެ ފަދަ ސީރިއަސް ކަންތަކެއް ފާހަގަކުރެވޭތީ މި މަސައްކަތް ވަގުތުން މެދުކަނޑާލަން ގޮވާލާ ކަމަށް ގަރާރުގައިވެ އެވެ. 

އެކަމާ ގުޅޭ އެއްބަސްވުން ހާމަކުރުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ. 

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ގަރާރުގައި ބުނެފައިވާ ގޮތުން މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި އެކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ 'ވަކި ދައުލަތެއް' އުފެދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. 

"ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ޖީލަކަށްވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ދީ އެ ތަންތަނުގެ ދިރިއުޅުމުގެ ހައްގު ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް،" ގަރާރުގައިވެ އެވެ. 

މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގަރާރުގައި ބައެއް ފިޔަވަޅުތައް އަޅަން އިލްތިމާސް ވެސް ކޮށްފައިވެ އެވެ. އެގޮތުން އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން ޕާލް ރެސިޑެންސީ ޕްރޮގްރާމަށް ހުއްދަ ދިނުން ހުއްޓާލަން ގޮވާލާފައިވެ އެވެ. 

އަދި އެ ޕްރޮގާރާމް ފަރުމާކުރަން ހެންލީ އެންޑް ޕާޓްނާސް ހޮވުނު ގޮތާއި ޕްރޮޖެކްޓް އައިލާ އާއި އެހެނިހެން ޒޯނުތައް ކަނޑައެޅުނު ގޮތާއި އެކަމުގައި ހުރި މަސްލަހަތު ފުށުއެރުންތަކާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުއާ އެއްގޮތްވާ މިންވަރާއި އިމިގްރޭޝަން ގާނޫނުގެ ތިން ވަނަ އިސްލާހު ތަންފީޒު ކުރެވޭ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަ ޖެނެރަލް އަދި އެފްއައިޔޫ ގުޅިގެން ތަހުގީގުކުރަން ހުށަހަޅާފައިވެ އެވެ. 

އޭގެ އިތުރުން މި މައްސަލާގައި ސުވާލުކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަދި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ވެސް ހުށަހަޅާފައިވެ އެވެ.