ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު ވޯޓަކަށް ދިޔުމަށް ގޮވާލާ ގަރާރު މީގެ ދެ ދުވަސް ކުރިން ހުށަހަޅާފައިވާނެ ކަމަށާއި އެއީ އެމްޑީޕީގެ ގައުމީ މަޖިލީހުން މެންބަރުންގެ މައްޗަށް ހަވާލުކޮށްފައި އޮތް ޒިންމާއެއް ކަމަށެވެ.
ނާޒިލް ވިދާޅުވީ އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސްކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް ވަރަށް ބޮޑު ހުރަހެއްކަން ނާޒިލް ފާހަގަކުރެއްވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓަކަށް ދިޔުމަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި، މި މަހުގެ 15އާ ހަމައަށް އެކަމަށް ސަރުކާރުން އިޖާބަނުދީ ނަމަ، ސީދާ ހަރަކާތަށް ނުކުންނަން ވެސް ފާސްކޮށްފައިވެ އެވެ.
އެމްޑީޕީން މަޖިލިސް ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ގަރާރުގައި ހުށަހަޅާފައިވަނީ ރާއްޖޭގެ އެއްވެސް ސަރަަހައްދެއްގައި ބޭރު ބަޔަކަށް ދިރިއުޅެން ހުއްދަކުރާ ނަމަ، އެކަމާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކަމަށެވެ.
އެކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ އީގަލް ހިލްސްއާ ރަސްމާލެ މަޝްރޫއު ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލުމަށެވެ. އަދި ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިއަށް މަޝްރޫއު އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރަސްމާލެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލުމަށެވެ.
މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ހިޔާރުކުރާ ގޮތަކަށް އަމަލުކުރަން ވެސް އެމްޑީޕީގެ އިއުތިރާޒެއް ނެތް ކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، މިކަމާ މެދު ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މި މަހުގެ ތެރޭގައި އީގަލް ހިލްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.