މިހާރު ހިއްކަމުން އަންނަ ރަސްމާލޭގައި ހުންނަވައި މެމްބަރު މައުރޫފް މީޑިއާތަކާ މިއަދު ވާހަކަ ދައްކަވަނީ.
17 އޯގަސްޓް 2025 - 16:17
ރަސްމާލޭގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެތަނަށް މިއަދު ހިނގައްޖެ އެވެ.
ރަސްމާލޭގައި ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ފާހަގަކުރެއްވި ގޮތުގައި، އެއީ ޒަމާނީ ތަރައްގީއާ އެކު، ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ މަތީގައި މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ.
އަޅުގަނޑު ވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މިތަނަށް. މިތަން ނިމުނުހާ އަވަހަކަށް: މެމްބަރު މައުރޫފް
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޖީ ގްރޫޕުން ރަސްމާލެ އަށް ދާން ޖެހުނީ އެ ތަނުގެ ތަރައްގީއާ ބެހޭ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، ސަރުކާރުން ބުނާ ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދޭތޯ ޔަގީން ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑު އުއްމީދެއްގައި ރައީސް މުއިއްޒަށް ވޯޓު ދިނީ މި ތަނުން ގެވަޅު ލިބި، ފްލެޓް ލިބި މި ތަނުގައި ދިރިއުޅުމުގެ އުއްމީދުގައި. އަޅުގަނޑު ވެސް ﷲ އިރާދަކުރެއްވިއްޔާ ދިރިއުޅެން އަންނާނީ މި ތަނަށް، މިތަން ނިމުނުހާ އަވަހަކަށް،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސްމާލެއަކީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ ތަނަކަށް ވުމާއި އެ މަސައްކަތަށް ސަރުކާރުން ބޮޑު ހަރަދެއް ކުރާތީ، މަސައްކަތް ކުރިއަށް ގެންދާ ގޮތް މަޖިލިސް މެމްބަރުންނަށް ސާފުވާން ޖެހޭ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރަނީ: މިތަން ތަރައްގީކުރާނީ ސޭފް އައިލެންޑެއްގެ ގޮތުގައި، މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މައުރޫފް ވިދާޅުވި ގޮތުގައި، ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ ހިއްކުނީ އަދި އެންމެ ސަތޭކައެއްހާ ހެކްޓަރުގެ ބިމެވެ. އެ ތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރަ އާއި އިނާޔަތްތައް ނުދޭކަން ވެސް ސައިޓުގައި ތިބި މީހުންނާ ސުވާލުކުރުމުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަޒިލް ވިދާޅުވީ ތަރައްގީގެ މި ކަހަލަ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ސަރުކާރުން ނުދޭތީ، އެހެން ގޮތްގޮތުން އެ މައުލޫމާތު ހޯދަން މަޖުބޫރު ވެފައިވާ ކަމަށެވެ.
ނާޒިލް ވިދާޅުވީ މި މަޝްރޫއަށް ފައިނޭންސް ކުރަނީ ކިހިނެއްކަން ސާފުކޮށްދީފައި ނުދޭ ކަމަށާއި ސަރުކާރުން ބުނި ތާރީހުތަކަށް މަސައްކަތް ނުނިންމޭ ކަމަށެވެ. އެކަމަކު، މިހާތަނަށް ދިޔައިރު ރަސްމާލެ ހިއްކުމުގެ އެންމެ 20 ޕަސެންޓު ވެސް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ރަސްމާލެ އާބާދުކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެކަން ނުވާނެ ކަމަށް ނާޒިލް ވިދާޅުވެ އެވެ.
އަޅުގަނޑުމެންގެ މި ދަތުރާ ގުޅިގެން މިއަށް ވުރެ އަދި ސްޕީޑު ބާރުކުރާނެ: މެމްބަރު ފިއްޓެ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މި ދަތުރާ އެކު، ރަސްމާލޭގެ މަސައްކަތް ސަރުކާރުން އަވަސް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ސްޕީޑު މިހާރަށް ވުރެ އަވަސް ކޮށްގެން ނޫނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި ރަސްމާލޭގައި މީހުން އާބާދު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ދަތުރާ ގުޅިގެން މި އަށް ވުރެ އަދި ސްޕީޑު ބާރުކުރާނެ. އެހެންޏާ އެ ކަންކަން ވޭ، އިންތިހާބު ކައިރި ވީމާ އަވަސްވޭ ނޫނީ އަޅުގަނޑުމެން ޕްރޮޖެކްޓެއް ނުހިނގާ ވާހަކަ ކީމަ،" ފިއްޓޭ ވިދާޅުވި އެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރަނީ: މިތަން ތަރައްގީކުރާނީ ސޭފް އައިލެންޑެއްގެ ގޮތުގައި، މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި.-- އެޗްޑީސީ
ސަރުކާރުން ބައެއް މީޑިއާތަކުގައި މިއަދު ބުނި ގޮތުގައި، ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅުން މިހާތަނަށް ވަނީ 129 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ.
ރައީސް މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އެއީ 240،000 އަށް ވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް ވެސް ބިން ދޭނެ އެވެ.
ރަސްމާލެއަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ޑިސެމްބަރު 18، 2023 ގައި ތަރައްގީކުރަން ފެށި ތަނެކެވެ. އެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ސަރުކާރުން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ ލަސްވެފަ އެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުން ރަސްމާލެ ހިއްކަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އާއި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީމާ
19 August 2025
ކޮންތަނެއް ނުހިކިގެންތަ މިއުޅެނީ ގޯތިގޮދޮރު ނުދެވިގެން،؟ މިހާރުވެސް ހިއްކާފަ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފަ އޮތްތަން ގުޅީފަޅުން ގޯތިހަވާލުކޮށްބަލަ!
ކުރުނބީ
18 August 2025
ދިވެހިންނަށް ވެފައި މިތިބަ ގޮތެއްދޯ. އެސަރުކާރު މި ސަރުކާރު ކިޔަކިޔާތިއްބާ ޖީލެއް މިއޮއްގެން މުސްކުޅިވެ މިދަނީ. ބަލަ ވައުދުވެގެން ކުރާނަމޭ ބުނެ ވެރިކަމަށް އައިސް އެކަމެއްނުވަންޔާ ބަސްބުނަންޖެހޭނެ. ރައިޔަތުން އެއްބައިވަންތަވެ މި ޕާޓީތަކަށް ނޫނެކޭ ނުބުނާހާ ހިދަކު ގައުމެއް ރަގަޅެއްނުވާނެ.
އަފްރާސިޔާބު
19 August 2025
މޮޔަވެފައި. ބަލަ ދޮގުވެރިން ދޮގުހަދައި އޮޅުވާލާއިރުވެސް އާންމުން ވޯޓްދެނީ ގިނަ ދޮގިހެދި މީހަކަށް. ކަނޑައެޅިގެން ނުކުރެވޭނެ ކަންކަން ކޮށްދޭނަމޭ ބުނީމާވެސް އަތްޖަހައި ހޯބޯލަވާވައިރު ހީވަނީ އެހެންކަމެއްވެގެންހެން. ބަލަ އެމީހުން ކޮންމެ ޕާޓީއެއްގައި ތިއްބަސް އެމީހަކަށް އެބައޮތޯ ރަނގަޅު ނުރަނގަޅު ވަކިކިރުމުގެ ހައްގު. އަތުގާހިފައިގެން ދަމާކުއްތާފައި ކަލޭ ވޯޓް އަޅަންވާނީ މިމީހާއަށޭ ބުނެ މަޖުބޫރުން ވޯޓް އެޅުވިތަ؟
56565
19 August 2025
ރައްޔިތުން ބަސްބުނުން ރައީސުލްޖުމްހޫރިއްޔާ މަނާކުރީތަ؟
ކަނޑުފަޅުންގޯތި
18 August 2025
ކަނޑުފަޅުން ގޯތި ނުދީ، އެއްގަމުން ގޯތި ދެވޭވަރަށް އެއޮތީ ހިއްކާފައި. މިހާރުވެސް އެއޮތީ 13 މިލިއަނަށްވުރެ ގިނަ އަކަފޫޓު ހިއްފާފައި.
ހައްގުބަސް.
18 August 2025
އެމްޑީޕީގެ ސަބަބުން މިސަރުަރައް ތަރައްގީ ކުރަން އުދަގޫވެގެން މިއުޅެނީ. އިންޑިޔައިން ނެގި ޓީބިލްތަކާ ބޮންޑުތަ ދައްކަން ޖެހޭތީޔާ ދިވެހި ރާއްޖޭގެ ރިޒާވް ހުސްކޮއްލީމަ ތަރައްގީ ނުގެނިވިގެން މިއުޅެނީ.
މުހައްމަދު ސަނީހް
18 August 2025
އެމްޑީޕީ ލަދު ކޮބާ؟ 5 އަހަރު އެއްމެ މީހަކަށް ގެދޮރަކަށް ވަދެވޭ ވަރު ކޮށްނުލެވުނު ބަޔެއް.
ޖެކް
18 August 2025
ކަލޭމެން ހެދިހެން މުއިއްޒަށްވެސް ހަމަ މާދަމާވެސް ތިތަނުން ގޯތި ކަނޑައި ދެވިދާނެ!
އޮނަރަބްލް އަފީފު ދީދީ
18 August 2025
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އަދި ކ.އަތޮޅު މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫސިޓީގެ މެންބަރު އިބްރާހިމް ނާޒިލް ތިތަނަށް ވެދުމާ ދާއިރު ތިއީ ތިމާމެން މަޖިލީހަށް ހޮވާފައިވާ ދާއިރާގެ ރައްޔިތުނަށް ދޭންޖެހޭ އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމް ކޮށްފައި އެހިދުމަތްދޭންޖެހޭ ފައިސާ ޙަރަދުކޮށްގެން ކުރާކަމެއްކަމާއި، އަދި ކުލީއަޅުންގެ ވިޔަފާރި ފުޅާކުރުމު މަޝްރޫއެއްކަން އެގި ނުލައްވަނީތޯ؟
އޮނަރަބްލް އަފީފު ދީދީ
18 August 2025
މަތީގައިދެންނެވި ކަންކަމުގެ އިތުރުން ކ.މާލޭގެ ރަށްވެހިންގެ ތެރެއިން އެތައް ހާސް މީހުން (ދަފުތަރު ރަށްވެހި ވެފައިވާ ޤާނޫނީގޮތުން ކ.މާލޭ މީހުން) ބާކީކޮށް ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ތުބުން ކިރު ނުނެއްޓޭ މާލޭމީހުންގެ ދަރުންގެ ބޯވެސް ގުނައިގެން ކޮންމެ މީހަކަށް 25 މިލިޔަން ރުފިޔާގެ ބިމެއް ހިލޭ ބަހާލިއިރު ތިޔަ އިއްޒަތްތެރި މެންބަރުން ތިއްބެވީ ކޮންތާކުތޯ؟ އަދި މެންބަރު ނާޒިލް އަށް އިގޭތޯ މިއަދުވެސް އައްޑޫސިޓީގައި ކަރަންޓް ނެތްކަން؟
ގުދުގުދާބެއްޔާ
19 August 2025
އައްޑޫ ސިޓީން ގޯތި ހިލޭ ސަރުކާރުން ދިން އިރު އޮނަރަބަލް އަފީފު ދީދީ ހުންނެވީ ސައްވީސް ގަޑި އިރު ނިދިކުރައްވައިގެންތޯ؟
ހަސްތީ
17 August 2025
ސްލޯލިހްގެ ވެރިކަމުގައި ކަލޭމެން ޕަކަޅާކޮށް އައުވާނުންނަށް ބަހާލި ގޯތިތައް ބަލާލަން ފޭސް2 އަށް ނުދަންތަ؟ ލަދުގެ ކަންފުޅެއްވެސް ނެތޭދޯ މި ބައިގަނޑުގެ.
އަފްރާސިޔާބު
19 August 2025
މުއިއްޒު ނާންނާތި ގިރާވަރު ފަޅުން ގޯތިލިބިފައިތިބި މީހުންގެ ކައިރިއަށް ވޯޓުދޭށޭ ކިޔާފައި. އަޔަސް ނުދޭނެ އެތަން ނުހިއްކައި.
މުރާސިލް
17 August 2025
ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނަކީ ޤާނޫނުހަދާ މީހުންނެވެ. އެމީހުންނަކީ ފުށި ދިއްގަރު ފަޅަށްގޮސް އުޅެންޖެހޭ ބައެއް ނޫނެވެ. ކުރާނެ ކަމެއް ކުރެވޭނެ ކަމެއް ނެތުނީމައި ދެން ކުރެވޭނީ ތިޔަކަހަލަ ކޮސް ކަންތަކެވެ. ކުރާނެ ކަމެއް ނެތިއްޔާއި ގޮސް ގިރާވަރުގެ ފަޅުތެރޭގައި ތިޔަބޭފުޅުންގެ ވެރިކަމުގައި ،މާލޭ މީހުންނަށް ގޯތިދޭން މޫދުގައި ޖެހި ކަޑަ ހަމައަށް ހުރިތޯ ބަލާށެވެ. ދާއިރު ވިލިމާލޭބުރިޖުގެ ކަންތައް ދާގޮތް ބައްލަވާށެވެ. އޭރުން އެކުރެވުނީވެސް ކަމެކެވެ.