"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ ރެސިޑެންސީ މަޝްރޫއު ހިންގަން ރަނގަޅު ކަމަށާއި އެކަމަކު އެކަން ކުރުމުގެ ކުރިން ރައްޔިތުން ގާތު އަހަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި ބޭއްވެވި މީޑިއާ ބްރީފިންއެއްގަ އެވެ. 

ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަން ހިންގަން ރައްޔިތުންގެ ތާއީދާއި އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށެވެ.

އެމްޑީޕީން މީގެ ކުރިން ފާސްކޮށްފައިވާ "ބޮޑު ބަދަލު" ގައި ވެސް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކަންކަން ކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންނަށް ކަންކަން ހުށަހަޅައި ރައްޔިތުން ދެކޭ ގޮތަކަށް ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް އެމަނިކިފާނު ވިދާޅުވި އެވެ.

"ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ކުރެވިދާނެ. ގަބޫލު ކުރެވިދާނެ. އެހެން ނަމަވެސް އެ ތަސައްވަރުތައް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވަނީ ނަމަ ކަންކަން ދާނީ ކާމިޔާބު ނުވެ، ކަމެއް ކާމިޔާބު ކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު، ރުހުން އޮންނާންޖެހޭ،" ނަޝީދު ވިދާޅުވި އެވެ. 

އެހެންވެ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މަޝްވަރާކޮށް، ރައްޔިތުން ގޮތެއް ނިންމަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުގަނައި މި މަޝްރޫއު ކުރިއަށް ގެންދަނީ ނަމަ އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާ ނަމަ އެކަން އެމްޑީޕީން ބަލައިގަންނާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން، އެ މަޝްރޫއަށް ފެށުނީއްސުރެ ތާއީދު ކުރައްވާ ނަޝީދު ވިދާޅުވީ ދައުލަތުން އެއްޗެއްގައި ސޮއިކޮށްފައި އޮއްވައި، ފަހުން ދެން އެ ކަމުގައި އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން ޒިންމާދާރު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކައިިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މުރާޖައާ ކުރެވިދާ ކަންކަން. އެކަމަކު ކަންކަން ބާތިލް ކުރާނެ ކަމަށް، އެއްލާލާނެ ކަމަށް، އެ ބާވަތުގެ ވާހަކަތައް ދެއްކީމާ ދޭދޭ ގައުމުތަކާ ގުޅުން އެބަ ގޯސްވޭ. އަދި ދިވެހި ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް އެބަ ލިބޭ،" ނަޝީދު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތުން "ސޮވަރިން އެގްރީމަންޓް" ގައި ސޮއިކޮށްފައި އޮއްވައި، އެއްބަސްވުން ބާތިލް ކޮށްފި ނަމަ ދޭންޖެހޭ ބަދަލުތަކުގެ ވާހަކަތައް ވެސް ބަޔާންކޮށްފައި ވާނެ އެވެ. 

"މި ވާހަކަތަކަށް އަޅުގަނޑުމެން ނުބަލައި ހަމަ އެހެން ތިބެފައި ބޮޑު ބަސް ބުނީމާ، އާދެ ވަރަށް ބޮޑު ބަހަކަށް ވެދާނެ އެހެނަސް އެއީކީ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައެއް އަޅުގަނޑުމެން ނުދެކޭނަން."

ރަސްމާލޭގައި ހިނގަން ނިންމާފައިވާ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. 

"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިނގާނެ ކަމެއް ނޫން. މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މި ހުރީ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައި މި އޮތީ ސީދާ ގާނޫނުގައި،" މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވެފައި ވެ އެވެ. 

އެ މަނިކުފާނު އެ އިޝާރާތް ކުރައްވަނީ އެ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިއަލް އެސްޓޭޓް ގާނޫނަށެވެ. އެ ގާނޫނު ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، މިހާރު އޮތީ ކޮމިޓީގައި ދިރާސާ ކުރުމުގެ މަރުހަލާގަ އެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

އެ ބިލުން ވަރަށް ރަނގަޅަށް ރައްޔިތުންގެ ހައްގުތައް، އަންނަން އޮތް ޖީލުތަކަށް ވެސް ރައްކާކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އިގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު އެމްޑީޕިން އިސްނަގައިގެން އިހުތިޖާޖެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ރިފަރެންޑަމަކަށް ގޮވާލައި އެކި ކަންކަން އެމްޑީޕީން ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި "އެމްޑީޕީން ކުރަންޖެހޭ އިހުތިޖާޖެއް" ކުރަން އެ ޕާޓީން އެހެން ބަޔަކާ ހަވާލު ނުކުރާނެ އެވެ. 

"އޭގެ ކުރީގައި ތިބޭނީ ހަމަ އަޅުގަނޑުމެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވިދާޅުވީ، ރެސިޑެންޝަލް ޕްރޮގްރާމްތައް ހިންގަން ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ބަޔަކު ބޭނުން ނުވާ ކަމަށެވެ. އައްޑޫ ހުޅުދޫ ކައުންސިލުން ވެސް އެ ރަށުގައި ރެސިޑެންޝަލް ޕްރޮޖެކްޓެއް ހިންގަން ދާދި ފަހުން ފާސްކޮށްފައިވާ ކަމަށާއި އެއީ ކައުންސިލަށް ވެސް އަދި ދިވެހިންނަށް ވެސް ނުވާ ވަރުގެ ކަމެއް ނޫންކަން ހިސާބުތަކުން އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެ މަޝްރޫއު ހުޅުދޫގައި ހިންގަން ވިޔަފާރިވެރިން ތައްޔާރަށް ތިބި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް ނަޝީދު ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ.

މި މަޝްރޫއު އިއުލާން ކުރުމާއެކު އެކަމަށް މަރުހަބާ ވިދާޅުވެ، ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީ ކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ނަޝީދު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާއިރު ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބިމާއި ގެދޮރު މާލޭގެ އިތުރުން ސްރީ ލަންކާގައި ވެސް އެބަހުރި ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ތިއްބާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ މަޝްރޫއަކީ ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ރާއްޖޭގައި ވަަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއް ކަމަަށް ސިފަކޮށް އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީން ބައިވެރި ވެ  އެވެ. އަދި އެ ޕާޓީގެ ގައުމީ މަޖިލިހުން ވެސް ފާސްކޮށްފައި ވަނީ އިހުތިޖާޖު ކުރާށެވެ.