ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ރަސްމާލޭގައި ހިނގަން ނިންމާފައިވާ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްގީކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން އެކުލަވާލާ ފުރަތަމަ ގާނޫނު "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.
އެ ބިލާ ގުޅޭ ތަފްސީލު ހިއްސާކުރައްވަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މަޝްރޫއުގައި ރައްޔިތުންނަށް އޮތީ މުޅިން ވެސް ފައިދާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މަޝްރޫއުއާ ދެކޮޅު ހަދައި އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމަށް ގޮވާލައި ގަރާރެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް އެމްޑީޕީން ގަރާރެއް ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް، ރައީސް ވިދާޅުވީ އެކަމުގައި އާންމު ވޯޓެއް ނުނަގާނެ ކަމަށެވެ.
"މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިނގާނެ ކަމެއް ނޫން. މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މި ހުރީ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާނަތް ކުރެވިގެންދާ ގޮތަށް ރިއާޔަތް ކުރެވިފައި މި އޮތީ ސީދާ ގާނޫނުގައި،" ރައީސް ވިދާޅުވި އެވެ.
މިއަދު މަޖިލީހަށް ހުށަހެޅި ބިލުން ވަރަށް ރަނގަޅަށް ރައްޔިތުންގެ ހައްގުތައް، އަންނަން އޮތް ޖީލުތަކަށް ވެސް ރައްކާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބިލުގެ އަށް ވަނަ ބާބުން ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކޮށްފައި ވެ އެވެ. މަދުވެގެން 200 ހެކްޓަރުގެ ބިމާއި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނެން ޖެހޭނެ ކަމަށް ބިލުގައި ބުންޏެވެ. އަދި ޒޯން ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށެވެ. މާސްޓާ ޑިވެލޮޕަރު ޒޯނުން ލިބޭ ސާފު އާމްދަނީގެ 10 ޕަސެންޓް ދައުލަތަށް ދައްކަންޖެހެ އެވެ.
ބިލުގައި ބުނީ މި ޒޯންތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ހިދުމަތްތަކުން ކަމާއި ޖުވާކުޅުމާއި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަންކަން އެ ޒޯންތަކުގައި ކުރުން މަނާވާނެ ކަމަށެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ހެދުން ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އަދި އިޒްރޭލުގެ މީހުންނާއި އެ ގައުމުގެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ޒޯނުގައިވާ ޕްރޮޕަޓީތައް ލީސްހޯލްޑް ރައިޓްސް އުސޫލުން 99 އަހަރަށް ވިއްކިދާނެ ކަމަށް ބިލުގައިވެ އެވެ. އަދި ވިއްކޭނީ ސެރެންޑާ އެންޑް ރީ-ގްރާންޓް މޮޑެލްގެ ދަށުންނެވެ.
ނަމަވެސް އެއްވެސް އެއް ގައުމެއްގެ ފަރާތްތަކަށް ޒޯނުގެ 25 ޕަސެންޓަށް ވުރެ ގިނަ ޕްރޮޕަޓީއެއް ނުވިއްކޭނެ އެވެ. އަދި ރާއްޖެ އެތެރެވުން މަނާ މީހުންނަށް ޕްރޮޕަޓީ ވިއްކުން ވަނީ މަނާކޮށްފަ އެވެ.