ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މޯލްޑިވްސް އިމިގްރޭޝަނުން ހިދުމަތަށް އާ ބަދަލުތަކެއް ގެނެސް ރޭ އިފްތިތާހުކޮށްފި އެވެ.
ޕާސްޕޯޓު ހިދުމަތަށް ގެނައި އެ ބަދަލުތައް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އިމިގްރޭޝަނުން ބުނީ އަލަށް ތައާރަފުކުރި ހިދުމަތުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ މީހުންނަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް ހާއްސަ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އޭގެ އިތުރުން ރޭ އިމިގްރޭޝަނުން ވަނީ ހިދުމަތް ހޯދަން ދާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާހައުލަކާ އެކު، މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ހުޅުވައިފަ އެވެ.
އެ ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ހިދުމަތްތައް މެދުނުކެނޑި ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ދިވެހި ޕާސްޕޯޓްގެ ހިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ މުހިންމު އެއް ހިދުމަތް. މިއަދު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބެން ހުރި އިރު، އަޅުގަނޑުމެންގެ އަމާޒަކީ މި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން،" ފަސީހު ވިދާޅުވި އެވެ.
ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަން ހެޑް އޮފީހުގެ ތެރޭގައި ރޭ ހުޅުވި "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" މައުރަޒުން ފެންނާނީ 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަން ކުރުމުގައި ހިއްސާވި ފަރާތްތަކާއި ހޯދާފައިވާ ކުރިއެރުންތަކުގެ ފުރިހަމަ ތަސްވީރެވެ.
އޭގެ އިތުރުން "ފްރޮމް ދަ އާކައިވް"ގެ ނަމުގައި ޚާއްސަ ކޮށްފައިވާ ބައިގައި، މުއައްސަސާގެ ކުރީގެ ފޮޓޯތަކާއި އިމިގްރޭޝަންގެ ކުރިއެރުމަށް މަސައްކަތް ކުރި އޮފިސަރުންގެ ހަނދާންތައް ދައްކައިދެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިމިގްރޭޝަންގެ ހިދުމަތްތައް ފުޅާވެފައިވާ މިންވަރާއި މިހާރު ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބެން ހުރި ރަށްތައް އަންގައިދޭ ޗާޓެއް ވެސް ހިމެނެ އެވެ.