މި ރޯދަމަހުގެ ފަހު 10 ގެ އުމްރާގެ އަޅުކަމަށް ދިޔަ ހުރި ދިވެއްސަކު މިރޭ ނިޔާވެއްޖެ އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހިޖާޒު ކުންފުނީގެ ހަވާލުގައި އުމްރާ އަށް ގޮސް އުޅެނިކޮށް ނިޔާވީ، ގދ. ނަޑެއްލާ، އަލީ އިބްރާހިމް ދީދީ ކަމަށެވެ.

އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައިވަނީ ފަތިސް ނަމާދަށް ފަހު މިރޭ ހަރަމްފުޅުގަ އެވެ. 

އެ ރަށު ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ، އުމުރުން 70 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އަލީ އުމްރާއަށް ދިޔައީ އޭނާގެ އެންމެ ދޮށްޓަން ހުންނަ ފިރިހެން ދަރިފުޅާއި އާއިލާގެ އިތުރު ބަޔަކާއެކު ކަމަށެވެ. 

މިއީ، އަލީގެ ފުރަތަމަ އުމްރާ ދަތުރަށް ވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. 

"ސިއްހީ އެއްވެސް މައްސަލައެއް ވެސް ނެތް. ވަރަށް ބަރާބަރަށް ހުރީ. ކޮޓަރީގައި ވެއްޓިފައި އޮއްވާ މިރޭ ފެނުނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ. 

އޭނާ ނިޔާވިއިރު އަތްބަކާއި އަށް ދަރިން އެބަތިއްބެވެ.